ފަލަސްތީންގެ ފުޓުބޯޅަ އެސޯސިއޭޝަނަށް ރާއްޖެއިން 300،000 (ތިން ލައްކަ) ރުފިޔާ ހަދިޔާކޮށްފި އެވެ.
ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޒުވާން ޓީމުން ވަނީ އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ރާއްޖެ ދަތުރުކޮށް، ދިހަ ދުވަހަށް ކޭމްޕު ކޮށްފަ އެވެ. އެ ޓީމު ފުރާފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ރާއްޖެއާއި ފަލަސްތީން ބައްދަލުކުރި ދެ މެޗަށް ސްވެނިއާ ޓިކެޓުތަކެއް ވިއްކާފަ އެވެ. އެގޮތުން، ކޮންމެ މެޗަކަށް ސްވެނިއާ ޕްލެޓިނަމްގެ 50 ޓިކެޓާއި ސްވެނިއާ ގޯލްޑްގެ 200 ޓިކެޓު ވިއްކާފައިވެ އެވެ. ސްވެނިއާ ޕްލެޓިނަމް ޓިކެޓުގެ އަގަކީ 1000 ރުފިޔާ އެވެ. އަދި ގޯލްޑުގެ އަގަކީ 500 ރުފިޔާ އެވެ. ސްވެނިއާ ޓިކެޓު ވިއްކައިގެން އެފްއޭއެމް އިން ވަނީ ޖުމްލަ 300،000 ރުފިޔާ ހޯދައި، ފަލަސްތީނަށް ހަދިޔާކޮށްފަ އެވެ.
ސްވެނިއާ ޓިކެޓު ބަލައިގެންފައިވާ ފަރާތްތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް އާއި ސަރުކާރުގެ އިސްވެރިން އަދި ކުންފުނިތައް ހިމެނެ އެވެ. މީގެއިތުރުން، ރާއްޖޭގައި ފާހަގަކޮށްލެވޭ ބައެއް ވިޔަފާރިވެރިންވެސް ވަނީ މި ޓިކެޓު ގަނެފަ އެވެ.
ރާއްޖެއާއި ފަލަސްތީނުގެ ދެމެދުގައި ދެ މެޗެއް ކުޅެވުނުއިރު، ދެ މެޗުންވެސް މޮޅުވީ ފަލަސްތީން ޓީމެވެ. އެގޮތުން، ފުރަތަމަ މެޗުން އެ ޓީމު މޮޅުވީ 6-0 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ރާއްޖެއަށް ސަޕޯޓުކުރާ ފަދައިން، މި ދެ މެޗުގައިވެސް ދިވެހީން ވަނީ ފަލަސްތީނަށް ސަޕޯޓުކޮށްފަ އެވެ.
