ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ޓޮޓެންހަމް އިން 3-1 ގެ ނަތީޖާއަކުން ނޯވޭގެ ބޯޑޯ/ގިލްމް ބަލިކޮށްފިއެވެ.
ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 38 ވަނަ ސިކުންތުގައި ރިޗާލިސަން ނަގައިދިން ހުރަހަކުން ބްރެނަން ޖޯންސަން ވަނީ ލަނޑެއް ޖަހައި، ޓޮޓެންހަމް އަށް ކުރިހޯދަދީފައެވެ. މިއާއެކު، ޓޮޓެންހަމް އިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާފައެވެ.
މެޗުގެ 34 ވަނަ މިނެޓުގައި ޖޭމްސް މެޑިސަން ވަނީ ލަނޑު ޖަހައި، ޓޮޓެންހަމް އަށް ލީޑު ފުޅާކޮށްދީފައެވެ. ޕެޑްރޯ ޕޯރޯ ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށްފަހު، މެޑިސަން ފޮނުވާލީ ގޯލުގެ ތިރީ ކަނަށެވެ. މިއާއެކު، ޓޮޓެންހަމް އިން ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކުއެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 60 ވަނަ މިނެޓުގައި ކްރިސްޓިއަން ރޮމޭރޯ އަށް ކުރި ފައުލަކާ ގުޅިގެން ޓޮޓެންހަމް އަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް، ޑިމިނިކް ސޮލަންކޭ ވަނީ އެ ޓީމަށް ތިން ލަނޑުގެ ލީޑެއް ހޯދަދީފައެވެ.
މި މެޗުގައި ބޯޑޯ/ގިލްމްގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އުލްރިކް ސޯލްޓްނަސް އެވެ. އެއީ މުޅި މެޗުގައިވެސް އެ ޓީމަށް ގޯލަށް އަމާޒުކޮށް ފޮނުވާލެވުނު ހަމައެކަނި ހަމަލާއެވެ. މިއާއެކު، އެ ޓީމަށް ވަނީ ދެވަނަ ލެގުގެ ކުރިން އިތުރު ހިތްވަރެއް ލިބިފައެވެ. މިއަހަރު އެ ޓީމުން ވަނީ އަމިއްލަ ދަނޑުގައި ޕޯޓޯ، ބެސިކްޓާސް، އޮލިމްޕިއާކޮސް އަދި ލާޒިއޯ ބަލިކޮށްފައެވެ.
މެޗުން މޮޅުވިނަމަވެސް، ޓޮޓެންހަމްއަށް ކަންބޮޑުވުމަކަށްވީ ދެވަނަ ހާފުގައި ސޮލަންކޭ އާއި މެޑިސަން އަށް އަނިޔާވެ، ބަދަލު ކުރަން ޖެހުމުންނެވެ.
