ސްޕެނިޝް ލީގުގައި ރޭ ގެޓާފޭ އަތުން 1-1 ގެ ނަތީޖާއަކުން ބާސެލޯނާ އެއްވަރުވިއިރު، ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް، ލެގަނޭސް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.
މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެތުލެޓިކޯ އިންވަނީ އެންމެ ފަހުން ކުޅުނުު 15 މެޗުން މޮޅުވެފައެވެ. ނަމަވެސް، ލެގަސީން އަތް ދަށުވެ، އެތުލެޓިކޯގެ ސިލްސިލާ ވަނީ ނިމުމަކަށް އައިސްފައެވެ.
ގެޓަފޭގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ނުވަވަނަ މިނެޓުގައި ޖޫލްސް ކޫންޑޭ ވަނީ ލަނޑެއް ޖަހައި ބާސެލޯނާއަށް ކުރިހޯދަދީފައެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން މައުރޯ އަރަމްބަރީ ވަނީ ލަނޑެއް ޖަހައި ގެޓަފޭއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ލެގަނޭސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެތުލެޓިކޯ އަތުން ލެގަނޭސް މޮޅުވި ލަނޑު ކާމިޔާބުކުރީ މަޓާއިޖާ ނަސްޓާސްޓިޗް އެވެ. މި މެޗުގައި އެތުލެޓިކޯއަށް ވަނީ ޕެނަލްޓީއަކާއެކު ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް އަންޓުއާން ގްރީޒްމަން ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
އެތުލެޓިކޯ މިވަގުތު އެއްވަނައިގައި އޮތީ 44 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި ބާސެލޯނާއަށް ލިބިފައިވަނީ 39 ޕޮއިންޓެވެ. ލަސް ޕަލްމަސް ބަލިކޮށް، އެއްވަނައަށް އެރުމުގެ ފުރުސަތު ރެއާލަށް ވަނީ ލިބިފައެވެ.