އިނގިރޭސި ލީގު ކަޕުގައި ރޭ 5-1 ގެ ނަތީޖާއަކުން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ގަދަ 16 ބުރަށް ދަތުރުކޮށްފި އެވެ.
ލިވަޕޫލްގެ އެންފީލްޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ވެސްޓް ހޭމް އިންނެވެ. މެޗުގެ 21 ވަނަ މިނެޓުގައި ވެސްޓް ހޭމް އިން ނެގި ކޯނަރެއް ސާފު ކޮށްލަން އުޅުމުގެ ތެރޭގައި، ވަޓަރު އެންޑޯ ޖެހި ބޯޅަ، ޖަރެލް ކުއަންސާ ގައިގައި ޖެހިފައި ވަނީ ބައިކޮޅަށެވެ.
ލިވަޕޫލުން ނަތީޖާ ހަމަހަމަ ކުރުމަށް މާ ގިނަ ވަގުތެއް ބޭނުމެއް ނުވިއެވެ. މެޗުގެ 25 ވަނަ މިނެޓުގައި ފެޑެރިކޯ ކިއޭސާ ތަނަވަސްކޮށްދިން ފުރުސަތަކުން، ޑިއޯގޯ ޖޮޓާ ވަނީ ލަނޑު ޖަހާފަ އެވެ. މިއީ ލިވަޕޫލްގެ ފުރަތަމަ 11 ގައި ކިއޭސާ ހިމެނުނު ފުރަތަމަ މެޗެވެ.
ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ކާޓިސް ޖޯންސް ދިން ޕާހަކުން، ޖޮޓާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ފުރަތަމަ ފަހަރަށް ލިވަޕޫލަށް ކުރިހޯދަދީފަ އެވެ. އަދި މެޗުގެ 74 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މުހައްމަދު ސަލާހު އެވެ.
ވެސްޓް ހޭމް އަށް އިތުރު މައްސަލަތައް ދިމާވީ، މެޗުގެ 76 ވަނަ މިނެޓުގައި އެޑްސަން އަލްވަރޭޒް އަށް ދެވަނަ ރީންދޫ ކާޑާއެކު ރަތް ކާޑު ދައްކައި، ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު، ވެސްޓް ހޭމް އިން މެޗު ނިންމާލަން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުގައި، ލިވަޕޫލްގެ ފަހު ދެ ލަނޑު ކާމިޔާބުކުރީ ކޯޑީ ގަކްޕޯ އެވެ. މިއާއެކު، ވެސްޓް ހޭމް ވަނީ ވިދިވިދިގެން ދެވަނަ ފަހަރަށް ލިވަޕޫލް އަތްދަށުވެ، މުބާރާތުން ކަޓާފަ އެވެ.
ގަދަ 16 ބުރުގައި ލިވަޕޫލް ކުޅެން ޖެހޭނީ ބްރައިޓަން އާއެވެ. މި ބުރުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ.


