ބަޔާން މިޔުނިކްގެ ކޯޗު ކަމާ ހަވާލުވެ، ވިންސެންޓް ކޮމްޕެނީ އިރުޝާދު ދިން ރަސްމީ ފުރަތަމަ މެޗުން، ބަޔާނުން ބޮޑު މޮޅެއް ހޯދައިފި އެވެ.
ރޭ ޖަރުމަނު ކަޕުގައި އުލްމް އާ ދެކޮޅަށް ކުޅުނު މެޗުން ބަޔާން މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. މިއީ ބަޔާންގެ އައު ކޯޗު، ކޮމްޕެނީގެ ފުރަތަމަ މެޗެވެ. މެންޗެސްޓާ ސިތީގެ ކެޕްޓަންކަން ކޮށްފައިވާ ކޮމްޕެނީ، އެންމެ ފަހުން އިރުޝާދު ދީފައިވަނީ އިންގިރޭސި ޕްރިމިއާ ލީގުގެ ކްލަބް، ބާންލީ އަށެވެ.
މެޗު ފެށުނީއްސުރެ، މުޅި މެޗު ކޮންޓްރޯލް ކޮށްގެން މޮޅަށް ކުޅެފައިވަނީ ބަޔާނުންނެވެ. ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ބަޔާން އަށް ކުރިހޯދައިދިނީ ތޯމަސް މުލާ އެވެ. އަދި އޭގެ ދެ މިނެޓު ފަހުން، ސާޖް ގްނާބްރީ ތަނަވަސްކޮށްދިން ފުރުސަތަކުން މުލާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ބަޔާނަށް ލީޑު ފުޅާކޮށްދީފަ އެވެ. ބަޔާނުން ފުރަތަމަ ހާފު ނިންމާލި ދެ ލަނޑުގެ ފަރަގަކާއެކު އެވެ.
ދެވަނަ ހާފު ފެށީގެން، މެޗުގެ 79 ވަނަ މިނެޓުގައި ބަޔާންގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް، ކިންގްސްލީ ކޯމަން އެވެ. އޭނާ އަށް ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ، މި ހޫނުމޫސުމުގައި ކްރިސްޓަލް ޕެލަސް އިން ބަޔާން އަށް ބަދަލުވި، މައިކަލް އޮލީސޭ އެވެ.
މެޗުގެ އިތުރު ވަގުތުގައި ބަޔާންގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ ތަޖުރިބާކާރު ފޯވާޑް، ހެރީ ކޭން އެވެ. މި މެޗުގައި ކޭން ވެސް ކުޅެން ނިކުމެފައިވަނީ ދެވަނަ ހާފުގަ އެވެ.
ބަޔާނުން ކޯޗަކަށް ކޮމްޕެނީ ގެނެސްފައިވަނީ، 2012 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ހުސް އަތާ ސީޒަނެއް ނިންމާލަން ޖެހުމުންނެވެ.