ގަރުމަނު ކަޕުގައި ރޭ ފަހުވަގުތު ހެރީ ކޭން ޖެހި ލަނޑާއެކު ބަޔާން މިޔުނިކުން 3-2 ގެ ނަތީޖާއަކުން ތިންވަނަ ފަންތީގެ ކްލަބެއް ކަމަށްވާ ވެހެން ވިސްބަޑެން ބަލިކޮށްފި އެވެ.
ރޭގެ މެޗު ފެށިގެން 16 ވަނަ މިނެޓުގައި ބަޔާން އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ހެރީ ކޭން ވަނީ ބަޔާން އަށް ކުރިހޯދަދީފަ އެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފެށިގެން ކޭން ވަނީ ވިދިވިދިގެން 31 ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ.
ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި މައިކަލް އޮލީސޭ ވަނީ ބަޔާނަށް ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް، ވެހެންގެ ފާތިހު ކާޔާ ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
މެޗުގެ 76 ވަނަ މިނެޓުގައި ބަޔާން އަށް ވަނީ އިތުރު ޕެނަލްޓީއެއް ލިބިފަ އެވެ. ނަމަވެސް، އޭނާ ޖެހި ދެވަނަ ޕެނަލްޓީ، ވެހެންގެ ކީޕަރު ފްލޯރިއަން ސްޓްރިޓްޒެލް ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ކޭން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ބަޔާން މޮޅުކޮށްދީފަ އެވެ. މުބާރާތުގެ ދެވަނަ ބުރުގެ ގުރު ނެގުން ކުރިޔަށްދާނީ އަންނަ އާދީއްތަ ދުވަހު އެވެ.