އިޒްރޭލުގެ ހަމަލާތަކުގައި އެތައް ހާސްބަޔަކު ނުކުޅެދޭ މީހުނަށް، އެހީ ހޯދަން ބޮޑެތި ދަތިތަކެއް!

Advertisement

އެންމެ ފަސް

Advertisement

ފަލަސްތީނުގެ ނަސްލުނައްތާލުމަށް އިންތިޒާމުވެގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އެތައްހާސް ބަޔަކު ނުކުޅެދޭ މީހުނަށް ވެފައިވާކަން ޔުނައިޓެޑް ނޭޝަންސްގެ ކަމާގުޅޭ މައުލޫމާތުތަކުން ހާމަވެއްޖެ އެވެ.

އ.ދ އިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިޒްރޭލުގެ ހަމަލާތަކުގައި ބޮޑެތި ޒަހަމްތަކެއް ވުމުގެ ސަބަބުން މިހާތަނަށް 134،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ފަރުވާދީފަ އެވެ. މީގެތެރޭގައި 40،500 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. އިޒްރޭލުގެ ހަމަލާތަކުގައި ބޮޑެތި ޒަހަމުތައް ލިބުމުގެ ސަބަބުން ޣައްޒާގެ އެތައް ހާއްސަ ބަޔަކު ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ވެފައިވާ ކަމަށްވެސް އ.ދ އިން ހާމަކޮށްފައިވެ އެވެ.

އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީން (ޔޫ.އެން.އާރް.ޑަބްލިއު.އޭ.) އިން ހާމަކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ކޮންމެ ހަތަރު މީހަކުން އެކަކީ އާ ނުކުޅެދުންތެރިކަމެއް ހުންނަ މީހެކަށްވެ އެވެ.

”އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު 15 ކުދިން، އަލަށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވޭ.“

އިޒްރޭލުގެ ވަރުގަދަ ބޮމުގެ ހަމަލާތަކުގެ ސަަބަބުން ޣައްޒާގެ 35،000 އަށް ވުރެ ގިނަ މީހުންނަކީ އިވުމުން މަހުރޫމް ވެފައިވާ ނުވަތަ އިވުމަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ މީހުނަށް ވެފައިވާ ކަމަށްވެސް އ.ދ އިން ހާމަކޮށްފައިވެ އެވެ. އަދި ޣައްޒާގެ ނުކުޅެދޭ މީހުންގެ ތެރެއިން 83 އިންސައްތަ މީހުނަށް ’އެސިސްޓިވް ޑިވައިސް‘ ނުލިބޭ ކަމަށްވެސް ބުނެފައިވެ އެވެ. އެސިސްޓިވް ޑިވައިސްގެ ގޮތުގައި ވީލްޗެއާ، ހިއަރިން އެއިޑް އަދި އެހެންވެސް ތަކެތި ލިބުން ވަރަށް ދަތިވެފައިވާއިރު މިތަކެތި ލިބިފައިވާ މީހުނަށްވެސް މި އެއްޗެހި ބޭނުންކުރުމަށް ބޭނުންވާނޭ ސާމާނު ލިބުމަކީ ވަރަށް ނާދިރުކަމެއް ކަމަށް އ.ދ އިން ބުނެފައިވެ އެވެ.

ޣައްޒާގައި ދިރިއުޅޭ ރައްޔިތުންނަށް ކާބޯތަކެއްޗާއި އެހީ ހޯދުންވެފައިވަނީ ވަރަށް އުނދަގޫ ކަމަކަށެވެ. އަދި އެހީ ބަހާ ތަންތަނުގައި އިޒްރޭލުގެ ސިފައިން ބަޑިޖެހުމުގެ ސަބަބުން ކޮންމެދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވެ އެވެ. އ.ދ އިން ބުނެފައިވަނީ ޣައްޒާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީ ލިބުމަކީ ގާތްގަނޑަކަށް މުސްތަހީލު ކަމެއް ކަމަށެވެ. އަދި ބަނޑުހައިހޫނުކަމުގައި ގިނަ ބަޔަކު ޝަހީދުވަމުންދާކަމަށްވެސް ބުނެފައިވެ އެވެ.

އ.ދ އިން ބުނެފައިވާގޮތުގައި ޣައްޒާގެ ރަފާހްގައި ހުންނަ ރެޑްކްރޮސްގެ ފީލްޑް ހޮސްޕިޓަލުން، މޭ 27 އިން އޮގަސްޓް 8 ވަނަ ދުވަހުގެ ނިޔަލަށް 4500 އަށްވުރެ ގިނަ މީހުންނަށް ފަރުވާދީފައިވެ އެވެ. އަދި މީގެތެރެއިން ގިނަ މީހުންނަކީ، ކާބޯތަކެތި އަދި އެހީ ހޯދުމަށް ގޮސްތިއްބައި އިޒްރޭލުން ދިން ހަމަލާތަކުގައި ޒަހަމުވުމުން ފަރުވާދިނުމަށް ގެނެސްފައިވާ މީހުންކަމަށްވެސް އ.ދ އިން ބުނެފައިވެ އެވެ.

ޔޫ.އެން.އާރް.ޑަބްލިއު.އޭ. އިން ބުނެފައިވާގޮތުގައި އިޒްރޭލުން ވަނީ ހޮސްޕިޓަލްތަކާއި ސިއްޚީ ފަރުވާދޭ ފަރާތްތައް އަދި އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތައްވެސް އެމީހުންގެ ހަމަލާތަކުގެ އަމާޒަކަށް ހަދާފަ އެވެ. އެގޮތުން އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 1580 އަށްވުރެ ގިނަ ހެލްތް ވޯކަރުން އަދި 467 އަށްވުރެ ގިނަ އިންސާނީ އެހީ ފޯރުކޮށްދޭ މީހުން ޝަހީދުކޮށްލާފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ.

އިޒްރޭލުން ހުއްޓާނުލާ ޣައްޒާއަށް ހަމަލާދެމުންދާއިރު، އިޒްރޭލުން މިހާރު ވަނީ މުޅި ޣައްޒާ ހިފުމަށްވެސް ނިންމާފަ އެވެ. އަދި އެކަން ތަންފީޒު ކުރުމުގެ ގޮތުން ޣައްޒާގެ ދެކުނަށް ފަލަސްތީނުގެ ރައްޔިތުން މަޖުބޫރުން ބަދަލުކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ. އަދި ޣައްޒާގެ އެކި ހިސާބުތަކުގައި ހުންނަ އިމާރާތްތައް ގޮއްވާ، މުޅި ޣައްޒާ ގެންދަނީ ސުންނާފަތި ކުރަމުންނެވެ. އިޒްރޭލުގެ ސަރުކާރުން ވަނީ ޣައްޒާގެ ރައްޔިތުން ގަދަކަމުން އެމީހުންގެ ވަޒަނުން ބޭރުކޮށް، ދެކުނު ސުދާނުގައި ވަޒަންވެރި ކުރުވުމުގެ މަޝްވަރާތައްވެސް ފަށާފަ އެވެ.

އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކަށް ”ކަނު ލޮލެއް“ ނުދެވޭވަރަށް މަޖުބޫރުވުމުން، ހުޅަނގުގެ ގިނަ ޤައުމުތަކުން މިހާރު އަންނަނީ އިޒްރޭލުގެ އަނިޔާވެރިކަން ހުއްޓާލުމަށް ގޮވާލަމުންނެވެ. އަދި ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމާފައިވާކަން ހުޅަނގުގެ ވަރުގަދަ ބާރުތަކުން މިހާރު އަންނަނީ ހާމަކުރަމުންނެވެ.

އިޒްރޭލް-ފަލަސްތީން ގައްޒާ ހަނގުރާމަ ޔޫއެން ޔޫއެންއާރުޑަބްލިއުއޭ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ