ބިޔަ ބޮޑު އެމްޑީޕީ ހަމަ ރަނގަޅަށްވެސް ބަލިކަށިވެއްޖެ އެވެ. މިރާއްޖޭގެ ސިޔާސީ މައިދާން އެތައް ގޮތަކުން ކޮންޓްރޯލް ކުރަމުން އައި ޕާޓީ މިއަދު މިވަނީ އެތައް ގޮތަކަށް ބައިވެ، ”ވަރިފަށަށް“ އަރާފަ އެވެ. މިއަދު އެމްޑީޕީއާ މެދު ރައްޔިތަކު ކުރާ އުންމީދެއް ނެތެވެ. ރައްޔިތަކަށް ހައްގެއް ހޯދައިދީ، ރައްޔިތުންގެ ދިފާއުގައި މަސައްކަތްކުރާނޭ ކަމުގެ އެއްވެސް ކަށަރުކަމެއް އެމްޑީޕީގައި މިއަދު ނެތެވެ. ގްރާސްރޫޓުން ފެށިގެން ލީޑަޝިޕާ ހަމައަށްވެސް އޮތީ ހަޅުތާލެވެ.
އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީން ވަކިވެ ދުރަށްޖެހިވަޑައިގެންނެވި ހިސާބުން، އެމްޑީޕީގެ ”ގޮތްގަނޑު“ ގެއްލިއްޖެއޭ ބުނުން ދޮގަކަށް ނުވާނެ އެވެ. އެމްޑީޕީގެ ވެރިކަމުގައި ޕާޓީގެ މަތިކޮއިލުގައި އުފެދުނު ފިތުނައާއެކު، ބާރުވެރިކަން ހޯދުމަށް ކުރި މަސައްކަތްތަކާއި ހޭވިހަޑީގެ ހިތިރަހަ މިއަދު ރަނގަޅަށްވެސް ލައިފި އެވެ.
އެމްޑީޕީގެ މަތިފަޑީގައި މިވަގުތު އުފެދިފައިވާ ނުތަނަވަސްކަމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަދި ޕާޓީގެ ރައީސް އަބްދުالله ޝާހިދުއާ ދެމެދު ހިނގަމުންދާ ނުތަނަވަސް ކަމެކެވެ. ސާފުބަހުން ބުނާނަމަ 2028 ގެ ރިޔާސީ ޓިކެޓުގެ ފުރަތަމަ ”ތަޅާލުމެވެ“.
އެންމެ ފުރަތަމަ ”ހިފައިގަތީ“ ޝާހިދާ ފައްޔާޒު، ސޯލިހު ހުރީ ކުޅިބަލަން!
އެމްޑީޕީއަށް ޖެހިޖެހިގެން ބޮޑު 2 އިންތިހާބު ގެއްލުނީ ޗެއާޕާސަންގެ މަގާމަށް ފައްޔާޒް ވަޑައިގެން، އެމްޑީޕީ ”ހިންގާލަން“ ހަވާލުވި ފަހުންނެވެ. ބޮޑު ދެބަލިން އަރައިގަތުމަށް އެމްޑީޕީގެ އެކި ދިމަދިމާލުގައި މަސައްކަތްތައް އޭރުފެށިނަމަވެސް، އެންމެ ފުރަތަމަ މައްސަލައެއްގެ ގޮތުގައި ފަޅައިގެންދިޔައީ ޕާޓީގެ ޗެއާޕާސަން ޕާޓީގެ ރައީސަށް އަންގާނުލާ ޕާޓީގެ ހަރަކާތްތައް ހިންގާތީ އެވެ. ފައްޔާޒް ޝާހިދަށް ނާންގާ، ޝާހިދު ބައިވެރިނުކޮށް ޕާޓީގެ އެކި ގުނަންތަކާ ބައްދަލުކޮށް ޕާޓީން އެކި ހަރަކާތްތައް ހިންގާތީ އެކަމުގެ ޝަކުވާ ޝާހިދު ކުރި އެވެ.
އިސާހިތަކު ފައްޔާޒް ވިދާޅުވީ 2028 ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށެވެ.
ފައްޔާޒްއާ ޝާހިދުގެ ކޯޅުން ބަލަން ދުރުގައި ”ހެވިފައި“ ހުންނެވީ ސޯލިހެވެ. އަށާރައިގައި ޓިކެޓު ލިބުނު ބީދައިން، މިފަހަރުވެސް ޕާޓީ ”އެކަތި“ ކޮށްލެވޭނީ ސޯލިހަށް ކަމަށް ބުނެ، އެކި ފަރާތްތަކާ ވަކިވަކިން ސައްލާކުރި ވާހަކަ އޭރު ހަމަގައިމުވެސް ދެކެވުނެވެ. މަންޒަރުން ގެއްލި ހުންނެވިކަމަށް ބޭރުފުށަށް ދެއްކެވިނަމަވެސް، އޭރުވެސް ސޯލިހު ކުރެއްވި ކަމަކީ، އަށާވީހަށް ތައްޔާރުވެމެވެ.
އެހެންނަމަވެސް ސޯލިހަށް މިއަދު ޖެހިފައިވަނީ އަދި މާ އުނދަގޫ ހާލަތެކެވެ.
އަމިއްލަ އަތުން ”ޕަވަފުލް“ ކުރި ބްރޯ ބަލިކުރަން އުނދަގޫވާނެ!
އެމްޑީޕީގެ ވެރިކަމުގައި ރައީސް ސޯލިހްގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު އެއް ފާޑުކިޔުމުގައި އޭގެ ކުރީ ސަރުކާރެކޭ އެއްގޮތަށް އެމްޑީޕީގެ ސަރުކާރުގައިވެސް ”ބްރޯ“ އެއް އުޅޭކަމަށްބުނެ ދެކެވުނު ވާހަކަ އެވެ. އެމްޑީޕީގެ އޭރުގެ ރައީސް ނަޝީދަށް ތާއިދުކުރާ ފަރާތްތަކުން ބްރޯއެއްގެ ލަގަބުދީ، ތުހުމަތުތަކެއް ކުރީ އޭރުގެ އެންމެ ވަރުގަދަ އެއް މިނިސްޓަރު ފައްޔާޒަށެވެ.
ފައްޔާޒުގެ ދިފާއުގައި ސޯލިހު ހިމެނޭހެން ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާއަކީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ފައްޔާޒް ގެނައުމެވެ. އަދި ފައްޔާޒްގެ ބާރު ހިނގާނޭހެން އެމްޑީޕީގެ ކޮމިޓީތައް ކޮންޓްރޯލް ކުރުމެވެ. އެންމެ ފަހުން، ޕާޓީން ބޭއްވި ކޮންގްރެސްއެއްގައި ޕާޓީގެ ރައީސްގެ ބާރުތަކަށްވެސް ބަދަލުގެނެސް، ޕާޓީ ރައީސްގެ ”ފިޔަކޮށާލާ“ ހުރިހާ ބާރެއް ޗެއާޕާސަންގެ މުށުތެރެއަށް ގެންދިޔައީ ސޯލިހްގެ އެއްބާރުލުމާ އެކު އެވެ.
ހާލަތު ބަދަލުވެ، މަންޒަރު ބަދަލުވިއިރު، މިއަދު އެ ”ހިތި“ ފިލުވަންވެސް މި ޖެހުނީ ހަމަ ސޯލިހަށެވެ. ފައްޔާޒް ބަދަލުކުރުމުގެ މަޝްވަރާ ގާތް ބޭފުޅުންނާއެކު ކުރައްވާ، އެ ސައްލާތައް ހާމަކަންބޮޑުކޮށް ފަށައިފި އެވެ. ސޯލިހްގެ ބޭފުޅުން މިހާރު ނިކުމެ އެތިބީ ފައްޔާޒު ”އެހެލާށެވެ“.
އެމްޑީޕީގެ ތެރޭގައި މިހާރު އެހިނގާ ކަމަކީ، ހަމައެކަނި ޕާޓީގެ ޗެއާޕާސަންއާ މެދު ހިތްހަމަ ނުޖެހިގެން، ނުވަތަ ޕާޓީ ނުހިނގައިގެން ހިނގާ ހަޅުތާލެއް ނޫނެވެ. މިހާރު އެމްޑީޕީ ތެރޭގައި އެ ހިނގަނީ 2028 ގެ ރިޔާސީ ޓިކެޓުގެ ވާދަ އެވެ. ކުރިމައްޗަށް ލޯކަލް ކައުންސިލް އިންތިހާބު އޮތްއިރު، އެ އިންތިހާބު ”ބޮލާލާ“ ޖެހުމަށްފަހު، ރިޔާސީ ޓިކެޓު ފަހާ ދުވަން އަދި ތަންކޮޅެއް އަވަސް ކަމަށް ފެނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަބްދުﷲ ޝާހިދު އެމްޑީޕީ ފައްޔާޒް އިސްމާއިލް