ދުންފަތް މަނާ ކުރުމަށް ގެނައި ޖެނެރޭޝަނަލް ބޭން: ރައްޔިތުންގެ ހައްގުގައި ރައީސް އެޅުއްވި ހަރުދަނާ ފިޔަވަޅެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް މިދިޔަ ހަފްތާގައި ގެނެވިގެން ދިޔަ އިސްލާހަކީ ރައްޔިތުންގެ ހައްގުގައި އެމަނިކުފާނު އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަން ޔަގީނެވެ. އެމަނިކުފަނު އަބަދުވެސް ވިދާޅުވާ ފަދައިން ދުޅަހެޔޮ މުޖުތަމައެއް ބިނާ ކުރެވޭނީ މުޅި މުޖުތަމައު ދުންފަތާ ދުރުވެގެންނެވެ. ރާއްޖޭގެ ރައްޔިތުންނަކީ ދުންފަތާ ދުރު ބަޔަކަށް ވާން އެދޭކަމަށް އެމަނިކުފާނު ވަރަށް ގިނައިން ދަނީ ވިދާޅުވަމުންނެވެ.

ދުންފަތާ ދުރު މުޖުތަމައެއް ބިނާ ކުރެއްވުމަށް ރައީސް މުއިއްޒު މިހާ ބޮޑު ފިޔަވަޅެއް އަޅުއްވާފައިވަނީ ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށްފަހު ސިއްހީ ދާއިރާގެ މާހިރުންގެ ލަފަޔާއެކު ވަޒީރުންގެ މަޖިލީހުގައި ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހު އެވެ. މިފަދަ ބޮޑު ނިންމުމެއް އެމަނިކުފާނު ނިންމަވާފައިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. މިއީ ރައްޔިތުންގެ ސިއްހަތަށްޓަކައި އެމަނިކުފާނު އެޅުއްވި ފިޔަވަޅެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ސްޓެޕް ސަވޭއިން ދައްކާ ގޮތުގައި، ދިވެހިރާއްޖޭގައި ދާއިމީ ބަލިތަކާއި ނުކުޅެދުންތެރިކަމުގެ މައިގަނޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުމެވެ. މި ސާވޭއިން އިނގޭ ގޮތުގައި ދިވެހިރާއްޖޭގައި 15 އަހަރާއި 65 އަހަރާ ދެމެދު ކޮންމެ 4 މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލު ކުރެ އެވެ. އެއީ ގާތްގަނޑަކަށް އަޅުގަނޑުމެންގެ މި ކުޑަ ކުޑަ އާބާދީގެ 23 އިންސައްތަ މީހުންނެވެ. ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންގެ ތެރޭގައި އެންމެ ގިނައީ ފިރިހެނުންނެވެ. އެގޮތުން ދިވެހި ފިރިހެނުންގެ ތެރެއިން 35.6 އިންސައްތަ ފިރިހެނުން ދުންފަތުގެ އިސްތިއުމާލް ކުރެ އެވެ. ދިވެހި އަންހެނުންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލް ކުރާކަމަށް ސާވޭއިން ދައްކަނީ 7.6 އިންސައްތަ މީހުންނެވެ.

ދުންފަތް ހުއްޓާލުމުން ސިއްހީ، އިގްތިސާދީ ހަމަޖެހުންލިބޭ!

ދުންފަތުގެ އިސްތިއުމާލް ކުރުމުން ދުރުހެލިވުމުން ސިއްހީ ގޮތުން އެތަށް ފައިދާއެއް ލިބިގެން ދާއިރު މީގެ ސަބަބުން އިގްތިސާދީ ގޮތުންވެސް ގިނަ ފައިދާތަކެއް ލިބިގެންދެ އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ނުރައްކާތެރި އެތަށް ބައްޔެއް ޖެހުމަށް މަގުފަހިވާކަމީ އެންމެންވެސް ދަންނަ ހަގީގަތެކެވެ. މިފަދަ ބަލިތަކަކީ ދިގު މުއްދަތަކަށް އަދި ބޮޑު ހަރަދެއް ހިނގާ ފަރުވާތަކެއް ބޭނުންވާ ބަލިތަކެކެވެ. މިއީ ރައްޔިތުންގެ އަމިއްލަ ޖީބުތަކަށްވެސް އަދި ދައުލަތަށްވެސް ބޮޑު ބުރައެއް އުފުލަން ޖެހޭ ކަމެކެވެ. ޖެނެރޭޝަނަލް ބޭންގެ ސަބަބުން ދިގު މުއްދަތުގައި މިފަދަ ބަލިތައް މަދުވުމާއެކު އޭގެ ފައިދާ އާންމު ރައްޔިތުންގެ އިތުރުން ދައުލަތަށްވެސް ކުރާނެކަން ޔަގީނެވެެ. ރައީސް މުއިއްޒު ވަނީ އެމަނިކުފާނު ކުރިއަށް ގެންދަވާ ’ރައްޔިތުންނާއެކު‘ ޕޮޑްކާސްޓުގައި އިގްތިސޯދީ ގޮތުން ލިބޭ މިފަދަ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

ދުންފަތުގެ އިސްތިއުމާލާ ގުޅުންހުރި ނުރައްކާތެރި ބަލިތަކުން ދިވެހިން ދިގު މުއްދަތަކަށް ބޭސްކުރަން ޖެހުމާއި، ތަކުރާރުކޮށް ހޮސްޕިޓަލަށް ދިއުމާއި، އަމިއްލަ ފަރުވާއަށް އަމިއްލަ ޖީބުން ހަރަދުކުރަން ޖެހުމަކީ އާންމު ކަމެކެވެ. އާސަންދައިން ބޮޑު ބައެއް ދެއްކި ނަމަވެސް އަމިއްލަ ޖީބުން ހަރަދު ކުރަން ޖެހޭ ވަރު ކުޑައެއް ނޫނެވެ. މިކަމުގެ ސަބަބުން ގޭބީސީތަކުގެ އިގްތިސޯދީ ނާޒުކުކަން އިތުރުވެގެންދެ އެވެ. ދުންފަތާ ދުރު މުޖުތަމައެއް ބިނާ ކުރުމަށް ގެނައި ޖެނެރޭޝަނަލް ބޭންގެ ސަބަބުން އާންމު ސިއްހަތުގެ ވަސީލަތްތަކަށާއި އާސަންދަ ފަދަ ގައުމީ އިންޝުއަރެންސް ސްކީމްތަކަށް ބުރަ ކުޑަވެގެން ދާނެ އެވެ. އެހެންކަމުން ޖެނެރޭޝަނަލް ބޭންގެ ސަބަބުން ސީދާގޮތުންނާއި ނުސީދާގޮތުން ރާއްޖޭގެ އިގްތިސޯދަށް ރަނގަޅު އަސަރުތަކެއް ކުރާނެ އެވެ.

ދުންފަތް – އުފެއްދުންތެރިކަމަށް އޮތް ހުރަހެއް!

މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ގައުމުގެ އުފެއްދުންތެރިކަމަށްވެސް އޭގެ އަސަރު ކުރާކަމަށް ސާވޭތަކުން ދައްކަ އެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ބަލިތައް ޒުވާން އުމުރުގައި ޖެހުމުގެ ސަބަބުން ދިމާވާ އެކި ކަންކަމާ ހުރެ ވަޒީފާއަށް ނުދެވުމާއި ސަލާން ބުނާ ދުވަސް ގިނަވުމާއި އެފަދަ ބަލިތަކުގެ ސަބަބުން ވަޒީފައިން އަވަހަށް ރިޓަޔާ ކުރަން ޖެހުމުގެ ސަބަބުން ގައުމުގެ އުފެއްދުންތެރިކަމަށް އޭގެ އަސަރު ކުރެ އެވެ. އަދި އެ މީހެއްގެ ދިރިއުޅުމުގެ ފެންވަރުވެސް ދަށްވެގެންދެ އެވެ.

މިއަހަރު ނޮވެމްބަރުގައި ޖެނެރޭޝަނަލް ބޭން ހިމަނައިގެން ގާނޫނަށް ގެނައި އިސްލާހަށް އަމަލު ކުރަން ފަށާއިރު މި އިސްލާހާއެކު އަންނާނެ އެންމެ ބޮޑު ކުރިއެރުމަކީ ޒުވާނުން ދުންފަތާ ދުރުކުރުވައި، ދުންފަތުގެ އިސްތިއުމާލުނުކުރާ ޖީލެއް އުފެދިގެން ދިޔުންކަން ކަށަވަރެވެ. މިއީ މި އިސްލާހުން ލިބޭނެ ދުރު ރާސްތާ ކުރިއެރުމެކެވެ. ރައްޖޭގައި ޖެނެރޭޝަނަލް ބޭން ގެންނަން ނިންމާފައިވަނީ 2007 ޖަނަވަރީ 1 އިން ފެށިގެން އުފަންވެފައިވާ މީހުންނަށެވެ. އެ ތާރީހުގެ ފަހުން ރާއްޖޭގައި އުފަންވި މީހުންގެ އާބާދީއަށް ބަލާއިރު އެއީ މިހާރުގެ މުޅި އާބާދީގެ 30.1 އިންސައްތަ އެވެ. މި ގާނޫނު ތަންފީޒު ކުރަން ފެށުމުން ކުރިއަށް އޮތްތާ އާންމުންގެ ވިސްނުންވެސް ބަދަލުވެގެން ދާނެ އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ އުމުރުގެ މީހަކު އެކަން ކުރާނަމަ އެ ކުރެވެނީ ގާނޫނާ ހިލާފުކަމެއްކަން އިހުސާސު ކުރެވުމުން އެ އަމަލު ހުއްޓާލުމަށްވެސް ފަސޭހަ ވެގެން ދާނެ އެވެ.

ކޮންމެއަކަސް ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރަން ފެށުމާއެކު ސިއްހީ ގޮތުން ދުޅަހެޔޮ މުޖުއަމައެއް ބިނާ ކުރެވި އިގްތިސޯދީ ގޮތުން އެތަށް ފައިދާތަކެއް ލިބިގެން ދާއިރު ގައުމުގެ އުފެއްދުންތެރިކަންވެސް ކުރިއަރައިގެން ދާނެ އެވެ. ދުންފަތުގެ ވިޔަފާރި ކުރާ ބޮޑެތި ވިޔަފާރިވެރިންނަށްވެސް ރައީސް މުއިއްޒު ވަނީ ގައުމަށްޓަކައި އެ ވިޔަފާރި ހުއްޓަވާލެއްވުމަށް ފަހު އެހެން ވިޔަފާރިއަކަށް ބަދަލުވާން އިލްތިމާސް ކުރައްވާފަ އެވެ. މިއީ، ރައީސް ޑރ. މުއިއްޒު ރައްޔިތުންގެ ހައްގުގައި އެޅުއްވި ހަރުދަނާ ފިޔަވަޅެކެވެ. އެމަނިކުފާނު ރައްޔިތުންގެ ސިއްހަތަށް ބައްލަވާ ކަމުގެ ވަރުގަދަ ހެއްކެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދުންފަތް ކޮންޓްރޯލްކުރުމާއި، ވޭޕް މަނާކުރުން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ