އިންޑިއާ ރޭޕް ކޭސް: ފަހަތުގައި ފޮރުވިފައިވާ ވާހަކައެއް އޮތީބާ؟

Advertisement

Advertisement

އެންމެ ފަސް

Advertisement

މުޅި އިންޑިއާގެ މަގުތައް މިފަހުން ފުރިބާރުވެ ތިބީ ހުދު ކުލައިގެ ކޯޓުތައް އަޅައިގެން ތިބި ހިދުމަތްތެރިންގެ އަތުގައިވާ ބޯޑުތަކުން ނެވެ. އޭގައި ލިޔެފައިވަނީ ހުދު ކޯޓެއްގައި ރަތް ކުލަ ޖެހުމުން މަޑުން ނުތިބެވޭނެ ކަމަށެވެ. ރޭޕްއަކީ ދުނިޔޭގެ އެކި ތަންތަނުގައި ހިނގާ ހިތާމަވެރި ވަބާއެކެވެ. ނަމަވެސް، ޖިސްމާނީ ގޮތުން ދެރަ ބައެއް ކަމަށް ބެލެވި، ދޭ އަނިޔާތަކުގައި ޝިކާރައަކަށްވާ މީހުން ގިނަ ނަމަވެސް، އަވަށްޓެރި އިންޑިއާއަކީ ރޭޕްގެ ހާލިއެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ނިމިދިޔަ ހަފްތާގައި އިންޑިއާގެ ނޫސްތަކުގެ ފަލަ ސުރުހީތަކަށް އަރާފައިވަނީ ގައުމަށް ހިދުމަތްކުރަމުންދިޔަ މައުސޫމް އަންހެނެއްގެ ހަޔާތުގެ ސަފްހާ ނިމިގެންދިޔަ ކަމުގެ ވާހަކަ އެވެ. އެއީ އިންސާނެއް ހިންގި އަނިޔާވެރިކަމެކޭ ބުނުމަށްވުރެ ބޮޑަށް ޖަނަވާރެއް ހިންގި އަމަލެކޭ ބުންޏަސް މާ ރަނގަޅު ކަންނޭނގެ އެވެ.

އުމުރުން 31 އަހަރުގެ ޑރ. މޯމިތާ ދޭބްނާތް ރޭޕްކޮށް މަރާލި ހާދިސާއިން މުޅި ދުނިޔެ ސިއްސުވާލައިފި އެވެ. އާންމު ގޮތެއްގައި މީހަކު ރޭޕްކުރިޔަސް، މޯމިތާ ރޭޕްކޮށްފައިވަނީ އޭނާގެ މުޅި ހަށިގަނޑުގެ އެންމެ ގުނަވަނެއްވެސް ސަލާމަތްނުވާ ގޮތަކަށްކަން ނޫސްތަކުގައި ބުނެފައިވެ އެވެ. ދެމަފިރިއަކަށް ލިބުނު ހަމައެކަނި ދަރިފުޅު ކަމުގައިވާ މޯމިތ،ާ 31 އަހަރު ވަންދެން ބުރަ މަސައްކަތުން އޭނާގެ ޑޮކްޓަރީކަމުގެ ސެޓްފިކެޓް ހާސިލުކޮށްގެން ކޮލްކަތާގެ ކޭޖީ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގައި ޓްރެއިނީ ޑޮކްޓަރެއްގެ މަސައްކަތް ކުރަން ފެށި އެވެ. ނަމަވެސް، 36 ގަޑިއިރުގެ ޑިއުޓީއެއް ނިންމުމަށްފަހު އަރާމުކޮށްލަންވެގެން ސެމިނާ ހޯލްއަށް ދިޔަ ދުވަސް އޭނާގެ ހަޔާތުގެ އެންމެ ފަހު ދުވަހަށް ވެގެންދިޔަ އެވެ.

އޮގަސްޓް 9 ވަނަ ދުވަހު، ހޮސްޕިޓަލުގެ ސެމިނާ ހޯލްގެ ތެރެއަށް ވަން މޯމިތާގެ ބައްޕައަށް އެންމެ ފުރަތަމަ ފެނުނީ ހޭވެރިކަން ގެއްލިފައިވާ މޯމިތާ އެވެ. މޯމިތާ ހުރީވެސް ނިވާކަން ކުޑަ ހާލުގަ އެވެ.

ރޭފް ކޭސްއާ ގުޅިގެން އިންޑިއާގެ މެޑިކަލް ސްޓާފުން މުޒާހަރާކުރަނީ — ފޮޓޯ: އަލްޖަޒީރާ

އިންޑިއާގެ ނޫސްތަކުގައި ރޭޕްގެ ސަބަބުން މަރުވާ މީހުންގެ ނަން ޖެހުން މަނަލެވެ. އެހެނަސް، ސޯޝަލް މީޑިއާގައި މޯމިތާއާއި އެއްކޮށް މަސައްކަތްކުރި ބައެއް މީހުން ވަނީ މިވާހަކައިގެ ހަގީގަތް ހިއްސާކޮށްފަ އެވެ. މި ޒުވާނާގެ މަންމަ ވަނީ ހިތްވަރާއިއެކު މީޑިއާގެ ކުރިމައްޗަށް އަރައި އޭނާގެ ދަރިފުޅުގެ ހައްގުގައި ވާހަކަދައްކާފަ އެވެ. މޯމިތާގެ މަންމަ ވަނީ އޭނާގެ ދަރިފުޅުގެ އެންމެ ފަހު ވަގުތުގައި ދަރިފުޅުގެ ހާލަތު ބަލާފަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވީ ވީޑިއޯއެއްގައި ފެންނަ ގޮތުގައި ބޮޑު ވޭނެއް ތަހައްމަލުކުރަމުންދިޔަ މޯމިތާގެ ކައިރީގައި އާއިލާ މީހަކު ރޯން ފެށުމުން އޭނާއަށްވެސް ރޮވުނެވެ.

މީޑިއާއަށް މައުލޫމާތުދެމުން މޯމިތާގެ މަންމަ ބުނީ އޭނާގެ ދަރިފުޅުގެ ޕެލްވިކް ބޯން (ދެފައިދޭތެރޭގެ ކަށިގަނޑު) ހުރީ 90 ޑިގްރީއަށް ފޭ ކޮށްފައި ކަމަށެވެ. ”އިންސާނެއްގެ ޕެލްވިކް ބޯން ދެފަޅި ވެގެންދާނީ ކިހާވަރެއް ކުރީމަ؟“ އޭނާ ބުނެފައި ވެއެވެ. ނޫސްތަކުގައި ކުރު ގޮތަކަށް ބުނެދީފަ ހުއްޓަސް، މޯމިތާގެ މަންމައާއި ހަވާލާދީ މީސް މީޑިއާ ބައެއް ހޭންޑްލްތަކުން ރިޕޯޓްކުރާ ގޮތުގައި މޯމިތާގެ މުޅި ހަށިގަނޑަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާއިރު އޭނާގެ ކަރުގެ ކަށިގަނޑު ވަނީ ބިންދައިގެން ގޮއްސަ އެވެ. މޯމިތާގެ އަނގައާއި ލޮލާއި ކުރިމަތި ފަރާތުން އެތަކެއް ލޭ ފައިބައިފައި ވެއެވެ.

އޮޓޮޕްސީއިން އޭނާ ރޭޕް ކުރިކަމަށް ދެއްކި ނަމަވެސް، ކޮލްކަތާ ފުލުހުން ވަނީ އޭނާ ރޭޕްކޮށްފައިވަނީ އެންމެ މީހެއް ކަމަށް ލަފާކޮށްފަ އެވެ. ނަމަވެސް މި އަނިޔާވެރި އަމަލަކީ އެންމެ މީހެއްގެ ރޭވުމެއް ނޫން ކަމަށް ސާބިތުވާ ބައެއް ވާހަކަތަކެއް އެބަހުއްޓެވެ.

ރޭފް ކޭސްއާ ގުޅިގެން އިންޑިއާގެ މެޑިކަލް ސްޓާފުން މުޒާހަރާކުރަނީ -- ފޮޓޯ: އަލްޖަޒީރާ

މީސް މީޑިއާގައި ބައެއް ޑޮކްޓަރުން ބުނެފައިވާ ގޮތުގައި މޯމިތާގެ ހަށިގަނޑުން 150 އެމްއެލްގެ ސީމެން (މަނި) ފެނިފައިވާ ކަމަށެވެ. އެންމެ ފިރިހެނަކަށް ބޭރުކުރެވޭނީ ގިނަވެގެން 10 އެމްއެލްގެ މަނި ކަމަށް ރިޕޯޓްތަކުގައި ވެއެވެ. އެހެންކަމުން، މޯމިތާގެ މަންމަ ވަނީ މި އަނިޔާވެރި އަމަލަކީ ގޭންގް ރޭޕްއެެއް ކަމަށް ތުހުމަތުކޮށްފަ އެވެ. މޯމިތާ މަޑުކޮށްގެންއިން ސެމިނާ ހޯލްގައި ސީސީޓީވީ ކެމެރާއެއްވެސް ނެތް ކަން ފާހަގަކޮށްލަން ޖެހެ އެވެ. އަދި އެ ހޮސްޕިޓަލުގައި އޮން-ކޯލް ރޫމެއްވެސް ނެތްކަމަށް މީޑިއާ އިން ރިޕޯޓްކޮށްފައި ވެއެވެ. މިއީ އިންޑިއާގެ ގިނަ ހޮސްޕިޓަލުތަކުގެ ހާލަތު ކަމަށް މި މައްސަލައިގައި މުޒާހަރާކުރާ ޑޮކްޓަރުން ބުނެފައި ވެއެވެ.

އޭގެ އިތުރަށްވެސް، ޑޮކްޓަރުގެ އާއިލާއިން ވަނީ ފުލުހުން މި މައްސަލަ ތަހުގީގުކުރި ގޮތާއި ދޭތެރޭ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މި މައްސަލައިގައި ފުލުހުން ވަނީ ސަންޖޭ ރޯއީ ނަމަކަށް ކިޔާ ސިިވިކް ވޮލަންޓިއަރއެއް ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރު ކުރީ ޑޮކްޓަރު މަރާލާފައި އޮއްވާ ފެނުނު އިމާރާތަށް ވަދެގެން ދިޔަ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއްގެ މައްޗަށް ބިނާކޮށެވެ. އެ އަންހެން މީހާގެ ހަށިގަނޑުގެ ކައިރިން ފެނުނު ބްލޫޓޫތު ހެޑްސެޓެއް އޭނާގެ ކަރުގައި އަޅާފައިވާ ކަމަށް ސީސީޓީވީ ފޫޓޭޖުން ފެނިފައިވެ އެވެ. އެއީ އޭނާގެ ފޯނާ ވެސް ޕެއާކޮށްފައި އޮތް އެއްޗެއްކަން އެނގުނެވެ.

ރޭފް ކޭސްއާ ގުޅިގެން އިންޑިއާގެ މެޑިކަލް ސްޓާފުން މުޒާހަރާކުރަނީ — ފޮޓޯ: އަލްޖަޒީރާ

މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވިއިރު އެ ހޮސްޕިޓަލުން ވަނީ މޯމިތާގެ މަރު ސުއިސައިޑް ކޭސްއެއްގެ ގޮތުގައި ދައްކަން މަސައްކަތްކޮށްފަ އެވެ. އޮގަސްޓް 15 ގައި ހޮސްޕިޓަލް ތެރެއަށް ބަޔަކު ވަދެ، ހެކި ނައްތަން މަސައްކަތްކުރި ކަމަށް ކޮލްކަޓާ ސްޓޭޓްގެ އިދިކޮޅު ޕާޓީން ތުހުމަތުކޮށްފައިވާއިރު ބީޖޭޕީ އިންވެސް ދަނީ މި މައްސަލައިގައި ފުލުހުންނާއި ހޮސްޕިޓަލުން ވަކި ކަންތައްތައް ސިއްރުކުރަން އުޅޭ ކަމަށް ތުހުމަތުކޮށްފަ އެވެ. އިދިކޮޅު ޕާޓީން ވަނީ އެ އަންހެންމީހާގެ އެތެރެ ހަށީގެ ބައެއް ބައިތައް ފުލުހުން ބަދަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ފުލުހުން މައްސަލަ ބެލެހެއްޓިގޮތާއި މެދު ފެށުނީއްސުރެ ސުވާލުތައް އުފެދިފައި ވެއެވެ. އޭގެ ތެރޭގައި އަންހެން ޑޮކްޓަރުގެ މައިންބަފައިންނަށް ހަށިގަނޑު ދެއްކުމުގެ ހުއްދަ ދިނުން ލަސްވުމާއި، ޕޯސްޓްމޯޓަމް ރިޕޯޓާއި، ސިވިކް ވޮލަންޓިއަރަކު އަވަހަށް ހައްޔަރު ކުރުމުން ޝައްކުވާ ކަންތައްތައް އެބަހުރި ކަމަށް މޯމިތާގެ އާއިލާއިން ބުނެފައި ވެއެވެ. ކޮލްކަތާ ފުލުހުން ވަނީ އެ މައްސަލަ އޯޕަން އެންޑް ޝަޓް ކޭސްއެއްގެ ގޮތުގައި ނިންމާފަ އެވެ. އެހެންކަމުން، މިހާރު އާއިލާއިން ވަނީ މި މައްސަލަ ސުޕްރީމް ކޯޓަށްް ހުށަހަޅާފަ އެވެ. މިހިސާބަށް މި ކިޔާދެވުނީ އިންޑިއާގެ މީޑިއާތަކަށް އަރާފައިވާ ބައެއް ވާހަކަތަކެކެވެ.

ރޭފް ކޭސްއާ ގުޅިގެން އިންޑިއާގެ މެޑިކަލް ސްޓާފުން މުޒާހަރާކުރަނީ — ފޮޓޯ: އަލްޖަޒީރާ

ދެން، މި ކިޔާދޭން ބޭނުންވަނީ ކޮލްކަތާގެ އެ ހޮސްޕިޓަލުގައި މަސައްކަތްކުރި ބައެއް މީހުންނާއި ހަވާލާދީ މީސް މީޑިއާގައި ދެކެވިފައިވާ ވާހަކަތަކެވެ. ޑރ. މޯމިތާއާއި ހޮސްޕިޓަލްގެ ބައެއް ފަރާތްތަކާއިއެކީ ވަކި ކަމެއްގައި ހިޔާލުތަފާތުވުންތަކެއް އުފެދި އޭނާ އެކަމާއި ދެކޮޅަށް އަޑުއުފުލި ކަމަށް ވެއެވެ. އެކަމުގެ ސަބަބުން މޯމިތާގެ ތީސިސް ފާސްކުރަންވެސް ވަގުތު ނެގި ކަމަށް ވެއެވެ. އަރާރުންވުމެއްގެ ސަބަބުން ހޮސްޕިޓަލުން އޭނާއަށް ގަސްދުގައި 36 ގަޑިއިރުގެ ޝިފްޓެއް ދިން ކަމަށް ބުނެފައިވާއިރު އެ ދުވަހު އޭނާއާއި އިންޓާންއަކާއި ދެމެދު މައްސަލައެެއް ހޫނުވި ކަމަށްވެސް އެވެ.

އެ އަންހެން އިންޓާންއާއި އެހެން ބަޔަކު ރާވައިގެން މޯމިތާ ރޭޕްކުރުމުގެ އަމަލު ހިންގާފައިވާ ކަމަށް މީޑިއާ ހޭންޑްލްތަކުން ރިޕޯޓްކޮށްފައި ވެއެވެ. މޯމިތާގެ ހަށިގަނޑަށް ލިބިފައިވާ ގެއްލުންތަކަކީ މިފަހުގެ ތާރީހެއްގައި އެއްވެސް ރޭޕް ވިކްޓިމްއަކަށް ލިބިފައިނުވާ ވަރުގެ އަނިޔާތަކެކެވެ. އިންސާނެއްގެ ޕެލްވިކް ބޯންއަށް އެކްސިޑެންޓެއްގައިވެސް މިވަރަށް ގެއްލުން ނުވާނެ ކަމަށް ސިއްހީ މާހިރުން ރައުޔު ދީފައި ވެއެވެ. ބައެއް މީސް މީޑިއާ ހޭންޑްލްތަކުން ބުނާ ގޮތުގައި ގޭންގް ރޭޕްގެ އަމަލު ހިންގުމަށްފަހު ކުށްވެރިން ވަނީ ސިވިކް ވޮލަންޓިއަރު ސަންޖޭ، ސެމިނާ ހޯލްއަށް ފޮނުވާފަ އެވެ. މި އަނިޔާވެރި އަމަލު ހިންގުމުގައި 5 އިންޓާން ޑޮކްޓަރުން ބައިވެރިވި ކަމަށް ތުންތުންމަތިން ވާހަކަދެކެވިފައި ވެއެވެ. އެއްބައި ރިޕޯޓްތައް ބުނާގޮތުގައި ހޮސްޕިޓަލް ތެރޭގައި ގަވާއިދާ ހިލާފު އަމަލުތައް ހިނގާކަން މޯމިތާއަށް އެނގުމުން އެކަން ފޮރުވަން ހޮސްޕިޓަލުން ރޭޕް ރާވާފައިވާ ކަމަށް ވާހަކަ ދެކެވެމުން އެބަދެ އެވެ.

މި ހާދިސާއަކީ އެކަކު އެކަނި ހިންގި އަމަލެއް ނޫން ކަމުގެ އެތަކެއް ހެކިތަކެއް މޯމިތާގެ ހަށިގަނޑު ބަލާފައިވާ ޑޮކްޓަރުން ބުނެދީފައިވާއިރު އެންމެ މީހަކަށް މި މައްސަލަ ތުހުމަތު ކުރެވުމުން ހައިރާންވާން ޖެހޭނެ ނޫން ހެއްޔެވެ؟

ރޭފް ކޭސްއާ ގުޅިގެން އިންޑިއާގެ މެޑިކަލް ސްޓާފުން މުޒާހަރާކުރަނީ — ފޮޓޯ: އަލްޖަޒީރާ

އެހެނަސް، މިއީ އިންޑިއާގައި މިފަދަ އަމަލެއް ހިންގި ފުރަތަމަ ފަހަރެއް ނޫނެވެ. ކޮންމެ އަންހެން ވިކްޓިމެއްގެ ނަން ނޫސްތަކުގައި ނުޖަހަން ހާއްސަ ނަމެއް ދިނުމަށް އިންޑިއާގެ ގާނޫނުން ލާޒިމް ކުރެ އެވެ. އެކަމަކު، މި ނުލަފާ އަމަލު ހިންގާ މީހުން ދަނީ ކޮންމެ ފަހަރަކުވެސް އަންހެންމީހާ ގޯސްކުރެވޭތޯ މަސައްކަތްކުރަމުން ނެވެ. މީގެ ކުރީގެ އަހަރުތަކަށް ބަލާއިރު، 2012 ވަނަ އަހަރުގެ ”ނިރްބަޔާ“ ރޭޕް ކޭސްއަކީވެސް މީގެ އެއް މިސާލެވެ. ”ނިރްބަޔާ“ މައްސަލައިގައި މަރުވި އަންހެން މެޑިސިން ދަރިވަރު ނިޔާވީ ބަހެއްގެ ތެރޭގައި ހިންގި ގޭންގް ރޭޕްއެއްގެ ސަބަބުން ނެވެ.

8 ފިރިހެނުން ބައިވެރިވި މި ގޭންގްރޭޕްގައި އުމުރުން 23 އަހަރުގެ ޖްޔޯތީ ސިންގް ރޭޕްކުރި މީހުން ވަނީ އޭނާ ރޭޕް ކުރީ ހިލޭ ފިރިހެނަކާއި އެއްކޮށް ރޭގަނޑު ގަޑީގައި ފިލްމު ބަލަން ދިޔުމުން ކަމަށް ބުނެފަ އެވެ. އެ ހާދިސާގައި ޖްޔޯތީގެ ގޮހޮރު ހަލާކުކުރުމުގެ ސަބަބުން އެތަކެއް ސާޖަރީއަށްފަހު އޭނާ ދުނިޔެއާއި ވަކިވެގެންދިޔަ އެވެ. ޖްޔޯތީގެ މަރާއިއެކީ އިންޑިއާގެ ރޭޕްގެ ގާނޫނަށް އިސްލާހުތަކެއް ގެނެސް، ކުށްވެރިންނަށް މަރުގެ އަދަބު ދިނެވެ. ނަމަވެސް، އިންޑިއާ ފިރިހެނުންނަށް ގިނަ ގޭބީސީތަކުން ދޭ ތަރުބިއްޔަތުގައި ރަނގަޅު އަސަރެއް ނެތީ ކަންނޭނގެ އެވެ.

އެތައްހާސް މީހުން އިންޑިއާގެ މަގުތަކުގައި މިވަގުތު މުޒާހަރާކުރަމުންދާއިރު އާދީއްތަ ދުވަހު އެގައުމުގެ ސޯޝަލް މީޑިއާއިން ވަނީ އިތުރު ރޭޕް ކޭސްއެއް ރިޕޯޓްކޮށްފަ އެވެ. އަންކިތާ ބޯރީ ނަމަކަށް ކިޔާ އެ އަންހެން ދަރިވަރުގެ މޫނު މަތީގައި ގަލެއް ޖައްސާ، އޭނާގެ ދޫ ބުރިކޮށްފައިވާ ކަމަށް ވެއެވެ. އޭނާ ރޭޕްކޮށް، މަރާލާފައިވަނީ މޯމިތާއަށް އިންސާފު ހޯދައިދޭން ގޮވާ މުޒާހަރާ ނިންމާލާފައިދިޔަ މަގުމަތީގަ އެވެ.

ރޭފް ކޭސްއާ ގުޅިގެން އިންޑިއާގެ މެޑިކަލް ސްޓާފުން މުޒާހަރާކުރަނީ — ފޮޓޯ: އަލްޖަޒީރާ

އިންޑިއާގައި އަންހެނުންނަކީ ފިރިހެނުންގެ އެދުން ފުއްދަން ތިބި ބައެއްގެ ގޮތުގައި ދެކޭ ވިސްނުން ޒަމާނާއިއެކީ ބަދަލުވާތަން އެއްވެސް ވަރަކަށް ނުފެންނަ ކަން ރޭޕް މައްސަލަތަކުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. މި ކުށުގެ ޝިކާރައަށްވަނީ ކުޑަކުދިން އެކަންޏެއް ނޫނެވެ. ތުއްތު ކުދިންނާއި ފަތުރުވެރިން ވެސް ހިމެނެ އެވެ. 2018 ވަނަ އަހަރު 26 އަހަރުގެ އިންޑިއާ ފިރިހެނެއް ވަނީ 1 އަހަރުން ދަށުގެ ތުއްތު އަންހެން ކުއްޖެއް ރޭޕްކޮށް މަރާލާފަ އެވެ. މީގެއިން ދޭހަވަނީ އިންޑިއާގެ މުޖުތަމައުގައި ރޭޕްކުރުމުގެ މައްސަލަ ހައްދުފަހަނައަޅައިގެންދާ ހިސާބެއްގައި އޮންނަ ކަމެވެ. އަދި ކޮވިޑް-19 ގެ އެންމެ ނުރައްކާތެރި ވޭރިއަންޓް ފެތުރުނު ދުވަސްވަރުގައި އެމްބިއުލާންސްގައި ގެންދިޔަ ކޮވިޑް ޕޭޝަންޓެއް ރޭޕްކުރުން ފަދަ އެތަކެއް މިސާލަކުން އިންޑިއާގެ ރޭޕްއާއި ބެހޭ ގާނޫނު ތަންފީޒުނުވާ ވަރު ހާމަވެގެންދެ އެވެ. މިއީ އަދި އިންޑިއާގެ ތަރައްގީ ހިސާބަތުގައި ހިނގި ކަންކަމެވެ. ރަށްފުށުގެ ފަގީރު ތަންތަނުގައިވެސް ގޭންގް ރޭޕްގެ މައްސަލަތައް އެހާމެ ގިނަވެފައި ސިއްރުކުރާ މިންވަރުވެސް ގިނަ އެވެ.

2022 ވަނަ އަހަރު އެވްރެޖްކޮށް ދުވާލަކު ގާތްގަނޑަކަށް 90 ރޭޕްގެ މައްސަލަ އެގައުމުގައި ރިޕޯޓްކޮށްފައިވެ އެވެ. އިންޑިއާގެ ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯއިން ބުނާ ގޮތުގައި 2022 ވަނަ އަހަރު ޖުމްލަ 31،516 ރޭޕް މައްސަލަ ރެކޯޑްކޮށްފައިވާއިރު، އިންޑިއާގައި އެވްރެޖްކޮށް ދުވާލަކު ރޭޕްގެ 86  މައްސަލަ ރެކޯޑްކޮށްފައިވެ އެވެ. ހަގީގަތުގައި މި އަދަދު އެއަށްވުރެ މަތިވާނެ ކަމަށް އެ ބިއުރޯއިން ބުނެފައި ވެއެވެ. އެ ބިއުރޯއިން ބުނާގޮތުގައި ރޭޕްގެ މައްސަލަތައް ރިޕޯޓްނުކުރާ މީހުން ވަރަށް ގިނަ އެވެ. ކަންމިހެން އޮތްހިނދުވެސް، އިންޑިއާގައި ރޭޕްގެ މައްސަލަތައް ރިޕޯޓްކުރުމުންވެސް ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ނެރެވެނީ މަދު ފަހަރެއްގަ އެވެ.

އިންޑިއާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ