މިއަދު އެކަނިވެސް އިންޑިއާގެ ބަޖެޓް އެއާލައިން ކަމަށްވާ، އިންޑިގޯގެ 220 އަށްވުރެ ގިނަ ދަތުރު ކެންސަލްކޮށްފި އެވެ.
މިއީ އިންޑިގޯގެ ފްލައިޓްްތައް ކެންސަލްކުރާ 6 ވަނަ ދުވަސް އެވެ.
މިއަދު އެކަނިވެސް މުމްބާއީ އެއާޕޯޓުން 112 ދަތުރާއި، ދިއްލީން 109 ދަތުރު އަދި ޗެންނާއީން ގާތްގަނޑަކަށް 40 ދަތުރު ވަނީ ކެންސަލްކޮށްފަ އެވެ. އެންމެ ގޯސް ދުވަހަކީ ހުކުރު ދުވަހެވެ. އެ ދުވަހު އެއާލައިނުގެ 2300 ދަތުރުގެ ތެރެއިން 1600 ދަތުރު ވަނީ ކެންސަލްކޮށްފަ އެވެ. ހޮނިހިރު ދުވަހު ކެންސަލްކުރި އަދަދު 800 އަށް ތިރިވިއިރު، އެ ދުވަހު 1500 ދަތުރު ހިންގުނު ކަމަށް އިންޑިގޯއިން ބުނެ އެވެ.
މި ހާލަތު ދިމާވީ އެއާލައިނުން ފްލައިޓް ޑިއުޓީ ޓައިމް ލިމިޓޭޝަންސް (އެފްޑީޓީއެލް) ގެ އާ ޤަވާއިދުތަކަށް ފުރިހަމައަށް އަމަލުނުކުރުމުގެ ސަބަބުން ކަމަށް ޑިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ބުނެ އެވެ. މިކަމާ ގުޅިގެން ޑީޖީސީއޭއިން ވަނީ ހޮނިހިރު ދުވަހު އިންޑިގޯގެ ސީއީއޯ ޕީޓާ އެލްބާސް އާއި ސީއޯއޯ ޕޯކެރާސް އަށް ނޯޓިސް ފޮނުވާފަ އެވެ. އެ ނޯޓިސްގައި ވަނީ ޕްލޭންކުރުމާއި، ބެލެހެއްޓުމާއި، ވަސީލަތްތައް މެނޭޖްކުރުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން ފާހަގަކޮށް، 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދާރީވުމަށް އަންގާފަ އެވެ.
ސިވިލް އޭވިއޭޝަން މިނިސްޓަރު ކޭ ރާމްމޯހަން ނާއިޑޫ ވަނީ ހޮނިހިރު ދުވަހު ދިއްލީގައި އެލްބާސްއާ ބައްދަލުކުރައްވައި، އާ އެފްޑީޓީއެލް ޤަވާއިދުތަކަށް ވަގުތުގެ ތެރޭގައި އަމަލުކުރުމަށް އަންގަވާފަ އެވެ. މި މައްސަލަ ތަހުގީގުކުރުމަށް ޑީޖީސީއޭއިން ހަތަރު މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވާއިރު، އެ ކޮމިޓީއަށް ވަނީ 15 ދުވަހުގެ ތެރޭގައި ރިޕޯޓު ހުށަހެޅުމަށް އަންގާފަ އެވެ. މި ރިޕޯޓަށް ބަލައިގެން އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
އިންޑިގޯއިން ބުނެފައިވަނީ ހުކުރު ދުވަހު އެންމެ 700 ދަތުރު ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. އަދި ”ނެޓްވޯކާއި ސިސްޓަމްތައް އަލުން ރިބޫޓުކޮށް، ހޮނިހިރު ދުވަހުން ފެށިގެން ދަތުރުތަކުގެ އަދަދު އިތުރުކޮށް ހާލަތު ރަނގަޅުކުރުމަށް“ މަސައްކަތްކުރަމުން އަންނަ ކަމަށް އެއާލައިން އިން ބުންޏެވެ.
މިނިސްޓްރީން ވަނީ ފަސިންޖަރުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށްޓަކައި ޓިކެޓުގެ އަގު ކަނޑައެޅުމާއި، ކެންސަލްކުރެވުނު ނުވަތަ ލަސްވި ހުރިހާ ދަތުރެއްގެ ފައިސާ މިރޭ 8:00 ގެ ކުރިން ފުރިހަމައަށް ރިފަންޑުކުރުމަށް އިންޑިގޯއަށް އަންގާފަ އެވެ.
އިންޑިގޯއިން އެ ކުންފުނީގެ ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްކުރަމުންދަނީ، އެ ގައުމުގެ ސިވިލް އޭވިއޭޝަން ރެގިއުލޭޓަރީ ބޮޑީ (ޑީޖީސީއޭ) އިން ތައާރަފްކުރި ޕައިލެޓުންގެ ޑިއުޓީއާ ބެހޭ އާ ގަވާއިދުތަކާ ގުޅިގެންނެވެ. މި ގަވާއިދުތަކުގެ ސަބަބުން އެއާލައިނަށް ވަނީ ދަތުރުތައް ކުރިއަށް ގެންދިއުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.
ޑީޖީސީއޭއިން ތައާރަފްކުރި އާ ގަވާއިދުތަކުގެ މައިގަނޑު މަގްސަދަކީ ޕައިލެޓުންނަށް ދިމާވާ ވަރުބަލިކަން ކުޑަކުރުމެވެ. މި ގަވާއިދުތަކުގެ ދަށުން ޕައިލެޓުންނަށް އިތުރަށް އަރާމުކުރުމުގެ ވަގުތު ދިނުމަށާއި، ރޭގަނޑުގެ ދަތުރުތައް މަދުކުރުމަށާއި، އަދި ޑިއުޓީ ގަޑިތަކުގެ މައްޗަށް ހަރުކަށި ހައްދުތަކެއް ކަނޑައަޅާފައިވެ އެވެ. މީގެ ސަބަބުން ޕައިލެޓުންނަށް ލިބޭ ރެސްޓް ޕީރިއަޑްތައް ވަނީ ދިގުކުރެވިފަ އެވެ.
އިންޑިގޯއަކީ މުވައްޒަފުންނާއި، ޕައިލެޓުން މަދުކޮށް، ހިންގަމުންދިޔަ އެއާލައިންއެކެވެ.



