އިންޑިއާގެ އެންމެ ބޮޑު އެއާލައިން އިންޑިގޯއިން މިއަހަރުގެ ފިނި މޫސުމަށް ރާވާފައިވާ ދަތުރުތައް %10 މަދުކުރުމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އަންގައިފި އެވެ.
އިންޑިއާގެ ފެޑަރަލް އޭވިއޭޝަން މިނިސްޓްރީން އިންޑިގޯއަށް މިގޮތަށް އަންގާފައި މިވަނީ، މިދިޔަ ހަފުތާގައި އިންޑިގޯއިން 3000 އަށްވުރެ ގިނަ ފްލައިޓް ކެންސަލް ކުރަންޖެހުމުންނެވެ. އެކަން އެގޮތަށް ދިމާވީ އުސޫލުތަކާ އެއްގޮތަށް އެ ކުންފުނީގެ ޕައިލެޓުންގެ ޑިއުޓީގެ ކަންކަން ނުބެލެހެއްޓުމުން ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
އިންޑިގޯގެ ގިނަ ފްލައިޓްތަކެއް މިދިޔަ ހަފުތާގައި ކެންސަލް ކުރަންޖެހުމުގެ ސަބަބުން އެއާޕޯޓްތަކުގައި ގިނަ ބަޔަކު ތާށިވެ ނުރުހުން ފާޅުކުރަމުންދިޔަ މަންޒަރުތައް ސޯޝަލްމީޑީއާގައިވެސް ދައުރުވެފައިވެ އެވެ.
އިންޑިގޯއިން ބުނެފައިވަނީ އެ އެއާލައިންގެ އުދުހުންތައް މިހާރު ނޯމަލް ހާލަތަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އިންޑިއާގެ ފެޑަރަލް އޭވިއޭޝަން މިނިސްޓްރީން ވަނީ އިންޑިގޯ އިން ކުރިއަށްއޮތް ފިނި މޫސުމަށް ޝެޑިއުލް ކޮށްފައިވާ ފްލައިޓްތަކުގެ %10 މަދުކުރުމަށް އަންގާފަ އެވެ. މިގޮތަށް އެންގުމުގެ ސަބަބުން ދުވާލެއްގެ މައްޗަށް އެ އެއާލައިންގެ 200 ފްލައިޓް ކެންސަލް ވާނެ ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ.
އިންޑިއާގެ ފެޑަރަލް އޭވިއޭޝަން މިނިސްޓްރީން ބުނެފައިވަނީ މި ނިންމުން ނިންމާފައިވަނީ އެ އެއާލައިންގެ ދަތުރުތައް އާންމު ހާލަތަކަށް ގެނައުމުގެ ގޮތުން ކަމަށެވެ.
އިންޑިގޯ އިން ދުވާލަކު 2،200 އަށް ވުރެ ގިނަ ފްލައިޓްތައް ބާއްވަ އެވެ. އަދި މި އެއާލައިނުން އަންނަނީ އިންޑިއާގެ އެތެރޭގެ އުދުހުންތަކުގެ %60 އަށްވުރެ ބޮޑުބައެއް ކޮންޓްރޯލް ކުރަމުންނެވެ.



