ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރެވިގެން ދިޔައީ މިއަދު ގައުމުގެ ހާލަތު އޮތް ގޮތުން ވަރަށް ހައްސާސް މައްސަލައަކަށް ކަމަށް ބުނެވިދާނެ އެވެ. ގައުމުގެ މާލީ ހާލަތު ގޯސްވެފައިވާ އިރު ކޮންމެ ފަސް އަހަރަކުން މަޖިލިސް މެންބަރުންގެ އަދަދު އިތުރުވާ އިތުރުން ހުއްޓުވާ ދައުލަތުން ކުރަން ޖެހޭ ހޭދަ މަދު ކުރުމާ މެދު މަޖިލިސް މެންބަރުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގަރާރަށް ވަރަށް ގިނަ މެންބަރުން ވަނީ ތާއީދުކޮށްފަ އެވެ. ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ މެންބަރުންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެންބަރުންގެ އިތުރުން އިދިކޮޅު އެމްޑީޕީގެ މެންބަރުންވެސް ވަނީ މިކަމަށް ތާއީދު ކުރާކަން ހާމަކުރައްވާފަ އެވެ.
ޝުޖާއު މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ޖޫން 26، 2024 ވަނަ ދުވަހު ކުރިއަށް ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 7 ވަނަ ޖަލްސާގަ އެވެ. މިއަދު ކުރިއަށް ދިޔައީ އެ ގަރާރުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ އެވެ. މި ގަރާރަށް ބަހުސް ކުރުމަށް ދީފައިވަނީ 4 ގަޑި އިރެވެ. އެއީ ޕީއެންސީއަށް 2 ގަޑި އިރާއި 35 މިނެޓު، އެމްޑީޕީއަށް، 33 މިނެޓު، އެމްޑީއޭއަށް 14 މިނެޓު، ޖުމްހޫރީ ޕާޓީއަށް 12 މިނެޓު، އެމްއެންޕީއަށް 12 މިނެޓު އަދި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ކޮންމެ މެންބަރަކަށް 7 މިނެޓެވެ. ގިނަ އަދަދެއްގެ މެންބަރުން ވަނީ މި ގަރާރަށް ބަހުސް ކުރެއްވުމަށްޓަކައި ވަގުތު ހޯއްދަވާފަ އެވެ.
މި ގަރާރު ހުށަހަޅުއްވަމުން ޝުޖާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 2008 ވަނަ އަހަރުން ފެށިގެން ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާ ކަމަށެވެ. އަދި މި އަދަދު އިތުރުވަމުން ދާ ދިއުމަށް މަޖިލީހުން ހައްލެއް ހޯދަން ޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށް ޝުޖާއު ވަނީ ވިދާޅުވެފަ އެވެ. އަދި މިއީ ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމެއްކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ހަރަދު ކުޑަ ކުރުމަށްޓަކައި މިކަން ކުރަން ޖެހޭކަމަށާއި މަޖިލިސް މެންބަރުންގެ އިނާޔަތްތަކަށްވެސް ބަދަލުތަކެއް ގެންނަން ޖެހޭކަން ޝުޖާއުގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވެ އެވެ.
އަޅުގަނޑުމެން މިއަދު މިވަނީ މިއަށް ދާއިމީ ހައްލެއް ގެންނަން ޖެހިފަ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައާ އިނާޔަތްތަކުގެ ވާހަކަ ދައްކަމުން ދާއިރު މުޅި ދައުލަތުގެ ހަރަދު ކުރުމަށްޓަކައި އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްވެސް ލިބޭ އިނާޔަތްތަކަށް ބަދަލުތައް އަންނަން ޖެހޭނެކަމަށް އަޅުގަނޑު ގަބޫލު ކުރަން.
މެންބަރުންގެ އަދަދު މަދު ކުރުމަށް ޝުޖާއު ގޮވާލެއްވި އިރު މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކަމަށް ދެކިވަޑައިނުގަންނަވާކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން މެންބަރެއްގެ މުސާރައަކީ 42،500 ކަމަށާއި އޭނާ ކައުންސިލް މެންބަރަކަށް ހުންނެވި އިރުވެސް 30،000 ރުފިޔާ ލިބިލެއްވިކަމަށް ޝުޖާއު ވިދާޅުވި އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ދޭ އިނާޔަތްތައްވެސް ކަނޑާލަން ޖެހޭކަމަށް ޝުޖާއު ވަނީ ވިދާޅުވެފަ އެވެ. މިކަމަށްވެސް ގިނަ މެންބަރުން ވަނީ ތާއިދު ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.

ޝުޖާއުގެ އިތުރުން ޕީއެންސީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ މެންބަރުންވަނީ މި ގަރާރަށް ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އާއި އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހުގެ ވާހަކަތައް ފާހަގަކޮށްލެވެ އެވެ. އެ ދެ މެންބަރުންވެސް ވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު ދަށް ކުރުމަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފަ އެވެ. އަދި ފަލާހުގެ ވާހަކަފުޅުގައި، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މި ގަރާރަށް ތާއިދު ކުރައްވާ ވާހަކަފުޅު ދެއްކެވުމުން ވަރަށް ބޮޑަށް ތައުރީފް ކުރެއްވި އެވެ.
މި ގަރާރުގެ ބަހުސްގައި މުހައްމަދު އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައިވެސް މި އަހަރަކީ މަޖިލިސް މެންބަރުންގެ މުސާރައާއި އިނާޔަތްތަކަށް ރިކޯޑު އަދަދަކަށް ހޭދަ ކުރާނެ އަހަރެއް ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލިސް މެންބަރުންގެ އަސާސީ މުސާރައާއި އެލަވެންސްތައް މަދު ކުރަން ޖެހޭ ކަމަށެވެ. މަޖިލިސް މެންބަރުންގެ މުސާރައާއި އިނާޔަތްތައް ދައުލަތުގެ އެހެން މުއައްސަސާތަކުގެ މުސާރައާއި އިނާޔަތްތަކާ އެއްހަމަ ކުރަން ޖެހޭކަމަށްވެސް މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

މަޖިލީހުގެ މެންބަރުން އަމިއްލަޔަށް މުސާރައާއި އިނާޔަތްތައް ކަނޑައެޅުމަކީވެސް މަސްލަހަތު ފުށުއަރާކަމެއް. ބައެއް ގައުމުތަކުގަ މަޖިލިސް މެންބަރުންގެ މުސާރަ ކަނޑައެޅުން އެޮންނަނީ މިނިވަން އޮތޯރިޓީއަކާ ހަވާލުކޮށްފަ.
މުހައްމަދު އިބްރާހިމްގެ ވާހަކަފުޅުގައި މަޖިލިސް މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަ ކުރަން ޖެހޭކަމަށް ވިދާޅުވެފައިވާ އިރު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަނީ މަޖިލިސް މެންބަރުންގެ މުސާރަ ކުޑަ ކުރުމާ ދެކޮޅު ހައްދަވާފަ އެވެ. ގާސިމް ވަނީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ މެންބަރުން މިފަދަ ގަރާރެއް މަޖިލީހަށް ވެއްދުމުން އެކަމާއި އުފާކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، މި ގަރާރަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ މިހާރު މަޖިލީސް މެންބަރުންނަށް ލިބޭ މުސާރަ ބޮޑުކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މެންބަރުންނަށް އިނާޔަތްތައް ކުޑަކުރުމަށްވެސް ގާސިމް ދެކޮޅު ހެއްދެވި އެވެ.
އެކި ރަށްރަށުން ކަންކަމުގައި ހޮވިވަޑައިގެން މި ތަނަށް ވަޑައިގަންނަވާ ބޭފުޅުން 20،000 ރުފިޔާގެ އެލަވަންސެކޭ ބުންޏަސް 20،000 ރުފިޔާއަކުން އެ ބޭފުޅުންނަށް ހަމަނުޖެއްސޭކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ. ރައްޔިތުންގެ މަޖިލީސް މެންބަރުންނަކީ އެހެން އެއްވެސް ގޮތަކަށް ހައްގު ގޮތެއްގައި އަތަށް ލާރިއެއް ލިބޭނެ ގޮތެއް އޮތް ބައެއް ނޫން.
މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
ގާސިމްގެ އިތުރުން އެމްޑީއޭއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްވެސް ވަނީ މަޖިލިސް މެންބަރުންގެ އަދަދު މަދު ކުރުމަށް ތާއިދު ކުރައްވާކަމަށް ވިދާޅުވެފަ އެވެ. ގާސިމްއެކޭ އެއްފަދައިން އައްބާސްގެ ވާހަކަފުޅުގައި މަޖިލިސް މެންބަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑު ނޫންކަން ފާހަގަ ކުރައްވާފައިވެ އެވެ. މީގެ އިތުރުން އެމްއެންޕީގެ ލީޑަރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްވެސް ވަނީ ޝުޖާއު ހުށަހެޅުއްވި ގަރާރަށް ތާއިދު ކުރައްވާކަން ހާމަ ކުރައްވާފަ އެވެ. އަދި މަޖިލިސް މެންބަރުންގެ އަދަދު މަދު ކުރުމަށް މިހާރު ކޮންމެ 5،000 މީހަކަށް މެންބަރެއް ހުންނަ އުސޫލު ބަދަލު ކުރަން ޖެހޭކަމަށް ނާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގިނަ މެންބަރުން ވަނީ މި ގަރާރަށް ވަރަށް ފޯރިޔާއެކު ބަހުސް ކުރައްވާފަ އެވެ. އަދި ބައެއް މެންބަރުންނަށް އެ ފޯރީގައި މައުލޫއިން ބޭރުންވެސް ވާހަކަފުޅު ދެއްކުނެވެ. އޭގެ ސަބަބުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެކަން އެގޮތަށް ނުކުރުމަށް އެދިފަ އެވެ. އަބްދުއްރަހީމް ވިދާޅުވީ އެވަގުތަކު މަޖިލީހަށް ހުށަހެޅި ބަހުސް ކުރެވެމުންދާ ބިލަށް ވާހަކަފުޅު ދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ހުރިހާ އިއްޒަތްތެރި މެންބަރުންވެސް މަޖިލިސް ތަޅުމުގަ ބަހުސް ކުރައްވާއިރު ކުރިމަތީގައި އޮތް ބިލަށް ބަހުސްކޮށްދެއްވުން ވަރަށް ބޮޑަށް އެދެން. އެ ބިލު ކުރިމަތީގައި ބާއްވައިގެން އެއްވެސް ވަރަކަށް އެ ބިލުގެ ނަންވެސް ބޭނުން ނުކޮށް އެ ބޭފުޅެއްގެ ހިތްޕުޅުގައި އުފެދިފައިވާ ޝުއޫރުތައް ހާމަ ކުރާ ތަނަކަށް ރައްޔިތުންގެ މަޖިލިސް ނުހެއްދެވުން އެދެން.
މިހާރު ކުރިއަށް ދާ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާ އިލްމީ އަދި އުފެއްދުންތެރި މަޖިލީހަކަށް ހެއްދެވުމަށްޓަކައި ހުރިހާ މެންބަރުންވެސް މަސައްކަތްކޮށްދެއްވުމަށް އަބްދުއްރަހީމް ވަނީ އެދި ވަޑައިގެންފަ އެވެ.
މި ގަރާރަށް މަޖިލީހުގައި ބަހުސް ކުރުމަށްފަހު މަޖިލީހުން މި ގަރާރު ފާސް ކޮށްފިނަމަ މި ގަރާރު ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވާނެ އެވެ. އަދި ކޮމިޓީން ނިންމާ ގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމުން އެ ރިޕޯޓަށް ބަހުސް ކުރުމަށްފަހު މަޖިލީހުގެ ތަޅުމުގައި ވޯޓަކަށް އަހާނެ އެވެ.
މިއަދުގެ މަޖިލީހުގައި މި ގަރާރުގެ އިތުރުން ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ހުށަހެޅުއްވި ކޮޕީރައިޓް ގާނޫނުގެ ފުރަތަމަ ކިޔުންވެސް ވަނީ އިއްވާފަ އެވެ. އަދި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދެއްވުމަށް މާލިއްޔަތު ކޮމިޓީން ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުމަށް އެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް އިބްރާހިމް ޝުޖާއު ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ގާސިމް އިބްރާހިމް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

