ހައްޖުގެ އަޅުކަމުގެ އެންމެ މުހިންމު ރުކުނަކީ ހައްޖުވެރިން ހައްޖު ދުވަހު އަރާފަތު ބިމުގައި ތިބޭ ތިބުމެވެ. މި ދުވަހު އަރަފާތު ބިމުގައި ހައްޖުވެރިން ތިބޭއިރު ހައްޖުގެ ހުތުބާ ދޭނެ އެވެ. މިކަންކަމަކީ ކީރިތި ރަސޫލާ ކުރެއްވި ހައްޖަތުލްވަދާއުގައި އެކަލޭގެފާނު އަމަލު ކުރެއްވި ގޮތަށް ކުރަމުން އަންނަ ކަންކަމެވެ.
ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި އެކަލޭގެފާނު ކުރައްވާފައިވަނީ އެންމެ ހައްޖެކެވެ. އެއީ ހައްޖަތުލްވަދާއު އެވެ. މި ހައްޖުގައި އެކަލޭގެފާނު ވަނީ މުޅި އުންމަތަށް އަސަރުން ފުރިގެންވާ ހުތުބާއެއް ދެއްވާފަ އެވެ. މި ހުތުބާއަކީ އެތަށް ވަސިއްޔަތެއް ކުރައްވާފައިވާ ހުތުބާއެކެވެ. އަދި މިއީ އިސްލާމް ދީނުގައި އިންސާނީ ހައްގުތަށް ކަށަވަރުކޮށްދީފައިވާކަން ހާމަވެގެން ދިޔަ ހުތުބާ އެކެވެ.
ކީރިތި ރަސޫލާގެ މި ހުތުބާގައި ވަނީ އިންސާނެއްގެ ފުރާނާއިގެ މުހިންމުކަމާއި އިންސާނެއްގެ މުދަލުގެ ރައްކާތެރިކަމާއި މީހެއްގެ އަބުރުގެ ހުރުމަތްތެރިކަމާއި މީސްތަކުންގެ މެދުގައި ހަމަހަމަކަން ގާއިމު ކުރުމާއި އަންހެނުންގެ ހައްގުތަކާއި އަނބިންނާއި ފިރިންނަށް ހެޔޮކޮށް ހިތުމާއި ނަސްލީ ތަފާތު ކުރުންތައް ނައްތާލުމާއި ރިބަވީ މުއާމަލާތްތައް މަނާ ކުރައްވާފަ އެވެ. މިއީ މިހާރު ދުނިޔޭގައި އުފެދިފައިވާ އިންސާނީ ހައްގުތަކުގެ އެތަށް ގާނޫނުތަކެއްގެ އަސްލެވެ.
ކީރިތި ރަސޫލާގެ ހައްޖަތުލްވަދާއުގެ ހުތުބާ
”އޭ މާތް ﷲގެ އަޅުތަކުންނޭވެ! ﷲ އަށް ތަގުވާވެރިވުމަށް ތިޔަބައިމީހުންނަށް ވަސިއްޔަތް ކުރަމެވެ. އެކަލާނގެ އަށް ކިޔަމަންތެރިވުމަށް ބާރުއަޅުއްވަމެވެ. މީސްތަކުންނޭވެ! ތިމަންކަލޭގެފާނު މި ވިދާޅުވާ އެއްޗެއް ކަނުލައި އަޑުއަހާށެވެ! މި އަހަރަށް ފަހު މި މަގާމުގައި ތިޔަބައި މީހުންނާ ތިމަންކަލޭގެފާނު ބައްދަލު ނުވެދާނެ އެވެ.“
މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެއާއި މުދަލާއި އަބުރު ވަނީ ﷲ އާއި ބައްދަލުވެއްޖައުމަށް ދާންދެން އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ހަރާމް ވެގެންނެވެ. އެއީ މި ދުވަސް (ހައްޖު ދުވަސް) އާއި މި މަހާއި (ހައްޖު މަސް) މި ރަށް (މައްކާ) ހުރުމަތްތެރި ކުރެއްވި ފަދައިންނެވެ. އެއްވެސް މީހަކާ އަމާނާތެއް ހަވާލު ކުރެވިފައިވާ ނަމަ އެ އަމާނާތް އޭގެ ވެރި ފަރާތާ ހަވާލު ކުރުން ހުއްޓެވެ. ދަންނާށެވެ! ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވެވޮޑިގަންނަވާނދޭވެ!
އޭ މީސްތަކުންނޭވެ! ޖާހިލިއްޔަ ޒަމާނުގައި ކުރަމުންދިޔަ އެންމެހާ ރިބަވީ މުއާމަލާތްތައް ބާތިލުވެގެންވެއެވެ. ތިޔަބައިމީހުންގެ މުދަލުގެ ރައުސްމާލު ވަނީ ތިޔަބައިމީހުންނަށެވެ. އަނިޔާވެރިވުމާއި އަނިޔާ ލިބިގަތުމެއް ނެތް ގޮތުގައެވެ. ތިމަންކަލޭގެފާނު އެންމެ ފުރަތަމަ ބާތިލު ކުރާ ރިބާ އަކީ ބޮޑު ބޭބެ އައްބާސް ބިން އަބްދުލްމުއްތަލިބް ގެ ރިބަވީ މުއާމަލާތެވެ. އެކަންކަން ބާތިލްވެގެން ވެއެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވެވޮޑިގަންނަވާނދޭވެ!
އޭ މީސްތަކުންނޭވެ! ނުޙައްގުން ލޭ އޮހޮރުމާއި އެއްބަޔަކު އަނެއް ބައެއްގެ ކިބައިން ބަދަލު ހިފުން ބާތިލް ވެގެންވެއެވެ. އޭ މީސްތަކުންނޭވެ! މާތް ﷲ ގެ ހަސްރަތުގައި އަހަރަކީ ބާރަ މައްސަރެވެ. އެއިގެ ތެރެއިން ހަތަރު މަހެއް ހުރުމަތްތެރި ވެގެންވެއެވެ. (ޒުލްގައިދާ، ޒުލްހިއްޖާ، މުހައްރަމް، ރަޖަބް) ތިމަންކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވެވޮޑިގަންނަވާނދޭވެ!
މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަނބިންނާ މެދު ތިޔަބައިމީހުންގެ މައްޗަށް ވާޖިބު ތަކެއްވެއެވެ. އަދި ތިޔަބައިމީހުންނާ މެދު އެކަނބަލުންގެ މައްޗަށް ވެސް ވާޖިބު ތަކެއްވެއެވެ. އެކަނބަލުން ތިޔަބައިމީހުންނަށް ވަފާތެރިވުން ވާޖިބުވެގެންވެއެވެ. ފިރިން ނޫން ބަޔަކާ އެއްދާން ކުރުމެއް ނެތެވެ. އަދި ފިރިން ނުރެހޭ މީހުން އެކަނބަލުންނާ މުއާމަލާތު ކުރުމެއްވެސް ނެތެވެ. ފިރިން ނުރެހޭ މީހުން ފިރިންގެ އިޒުނައެއް ނެތި ގެއަށް ވެއްދުމެއް ވެސް ނެތެވެ. އެފަދަ ކަމެއް އެކަނބަލުން ކޮށްފި ނަމަ އެކަނބަލުންނާ ވަކިވެ ދުރުވުމަށް ތިޔަބައިމީހުންނަށް މާތް ﷲ އިޒުނަ ދެއްވާފައިވެއެވެ. އެކަނބަލުން ތެދުވެރިކަމާއެކު ވާ ނަމަ އެކަނބަލުންނަށް ހެޔޮކޮށް ހިތައި ހެޔޮ ގޮތުގައި ހަރަދު ބަރަދު ދިނުން ހުއްޓެވެ.
އޭ މީސްތަކުންނޭވެ! އަނބިންނަށް ހެޔޮކޮށް ހިތާށެވެ! އެކަނބަލުންނަކީ ތިޔަބައިމީހުންނާ ﷲ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. ތިޔަބައިމީހުން އެކަނބަލުންނާ ކައިވެނިކޮށްފައިވަނީ ﷲގެ ކަލިމަފުޅުގެ މައްޗަށެވެ. މިހެންކަމުން، އެކަނބަލުންނާމެދު ﷲ އަށް ބިރުވެތިވާށެވެ. އެކަނބަލުންނަށް ހެޔޮކޮށް ހިތުމަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވަސިއްޔަތް ކުރަމެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވެވޮޑިގަންނަވާނދޭވެ!
އޭ މީސްތަކުންނޭވެ! އެންމެހާ މުސްލިމުންނަކީ އަހުންނެވެ. އެކަކު އަނެކެއްގެ މުދާ އަހާގެ ރުހުމެއްނެތި ކެއުން ހުއްދަވެގެން ނުވެއެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވެވޮޑިގަންނަވާނދޭވެ!
މީސްތަކުންނޭވެ! ތިމަންކަލޭގެފާނު ދުނިޔެ ދޫކުރެއްވުމަށް ފަހު، ތިޔަބައިމީހުންގެ ދީން ދޫކޮށް އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަ ނުކުރާށެވެ. ތިމަން ކަލޭގެފާނު ވަކިވެގެން ދަނީ ދެ އެއްޗެއް ދޫކުރައްވާފަ އެވެ. އެއީ ﷲ ގެ ފޮތާއި ތިމަންކަލޭގެފާނުގެ ސުންނަތެވެ. އޭގައި ބާރަށް ހިފަހައްޓާށެވެ. އޭގައި ހިފަހައްޓައިފި ނަމަ ތިޔަބައި މީހުން ގެއްލެނިވެގެން ނުދާނެއެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވެވޮޑިގަންނަވާނދޭވެ!
މީސްތަކުންނޭވެ! ތިޔަބައިމީހުން އެންމެންގެ ވެރި ރައްބަކީ ﷲ އެވެ. ތިޔަބައިމީހުން އެންމެންގެ ބައްޕައަކީ އާދަމުގެފާނެވެ. އާދަމްގެފާނު އުފެއްދެވީ މަށިންނެވެ. ﷲގެ ހަސްރަތުގައި އެންމެ މާތް މީހަކީ ތިޔަބައިމީހުންގެ ތެރެއިން އެކަލާނގެ އަށް ތަގުވާވެރިވި މީހާއެވެ. ތަގުވާވެރިކަމުން މެނުވީ އަރަބީންގެ މީހަކަށް އަޖަމީންގެ މީހެއްގެ މައްޗަށް ވަކި މަތިވެރި ކަމެއް ނެތެވެ. އެންމެނަކީ ހަމަހަމަ ބައެކެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވެވޮޑިގަންނަވާނދޭވެ!
އޭ މީސްތަކުންނޭވެ! މާތް ﷲ ވަނީ ތަރިކަ މުދާ ބަހަންވީ ގޮތް ކަނޑައަޅުއްވާފައެވެ. ކޮންމެ ވާރިސަކަށް އޭނާގެ ހައްގު ލިބުން ހުއްޓެވެ. ވާރިސަކަށް މުދަލުން ވަސިއްޔަތެއް ނެތެވެ. މުދަލުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އަދަދަކުން ވަސިއްޔަތް ކުރުމެއް ވެސް ނެތެވެ. ޒިނޭކުރި އަންހެނާގެ ދަރިލައްވާހުށީ ތައްމައްޗަށެވެ. އޭނާއަށް ވަނީ ﷲ ކަނޑައަޅުއްވާފައިވާ އުގޫބާތެވެ. އަމިއްލަ ބައްޕަ ނޫން މީހަކަށް ނަސަބު ނިސްބަތްކޮށްފި މީހާއަށް ﷲ އާއި މަލާއިކަތުންނާއި އެންމެހާ މީސްތަކުންގެ ފަރާތުން ލައުނަތް ހުއްޓެވެ. ވައްސަލާމް!“
