ކެތްތެރި ކަމާއެކު ރައްޔިތުންގެ އަޑު އައްސަވާ، ސަރުކާރަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވަން ކެރިވަޑައިގެންނެވި ހަމައެކަނި ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
މެންބަރު ޝުޖާއު މިހެން ވިދާޅުވީ ރައީސް މުއިއްޒު ރޭ ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް މުއިއްޒު ވަނީ ރޭގެ ޖަލްސާ ނިންމަވާލެއްވުމަށް ފަހުވެސް ސަލާހުއްދީން ސްކޫލުގައި ރައްޔިތުންނާ ވަކިން ބައްދަލު ކުރެއްވުމުގައި ގިނަ ވަގުތުތަކެއް ހޭދަ ކުރައްވާފަ އެވެ.
މެންބަރު ޝުޖާއު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ރާއްޖޭގެ ރައީސަކު މިހާތަނަށް ހުޅުމާލޭގެ ރައްޔިތުންނާ ގާތުން ހޭދަ ނުކުރައްވާހާ ވަގުތު އެމަނިކުފާނު ހޭދަކުރެއްވުމުން ދޭހަވަނީ އެ ރައްޔިތުނާމެދު އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ލޯތްބާއި އިހުތިރާމްކަން ކަމަށެވެ. އަދި އެފަދަ ކަމެއް ކުރައްވަން ކެރިވަޑައިގަތީ ހަމައެކަނި ރައީސް މުއިއްޒުއަށްކަން ޝުޖާއު ވަނީ ފާހަގަކުރައްވާފަ އެވެ.
މެންބަރު ޝުޖާއު ވިދާޅުވީ، ރައްޔިތުންގެ އަޑު އެއްސެވުމަކީ ކޮންމެ ފިކުރެއްގެ ކޮންމެ ގިންތިއެއްގެ ރައްޔިތަކާވެސް ގާތުން ބައްދަލުކުރައްވައި، އެމީހުންގެ ހިޔާލުތައް އަޑުއެއްސެވުން ކަމަށެވެ. އަދި ހަމަ ކޮންމެ ސުވާލެއްވެސް، ހިޔާލެއްވެސް، ނަސޭހަތެއްވެސް ރައީސަށް އެރުވުމުގެ ފުރުސަތު ރައްޔިތުންނަށް އާންމު އިޖްތިމާއީ މިންގަނޑުގެ ތެރެއިން އެންމެ ފުޅާކޮށް އެރުވުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، މިފަދަ ފުރުސަތެއް ރައްޔިތުންނަށް ދެއްވަން ކެރިވަޑައިގެންނެވީ ހަމައެކަނި ރައީސް ޑރ. މުއިއްޒު ކަމަށާއި، އެހެން ރައީސުން އުޅުއްވީ ރައްޔިތުންނަށް ފިއްލަވައިގެން ކަމަށެވެ. މިކަމުން ރައީސް މުއިއްޒުއަކީ ރައްޔިތުންނާ ގުޅުން ބަދަހިކޮށް، އެމީހުންގެ މައްސަލަތަކަށް ޙައްލު ހޯއްދަވައި ދިނުމަށް އިސްކަންދެއްވާ ރައީސެއްކަން ޔަގީންވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިބްރާހިމް ޝުޖާއު


