އިޓަލީ ސުޕަ ކަޕުގެ ސެމީ ފައިނަލުގައި ރޭ 2-0 ގެ ނަތީޖާއަކުން އޭސީ މިލާން ބަލިކޮށް، ނަޕޯލީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރިޔާދުގެ އަލް-އައްވަލް ޕާކުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ޑޭވިޑް ނެރެސް ވަނީ ލަނޑު ޖަހައި ނަޕޯލީ އަށް ކުރިހޯދަދީފައެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑަކާއެކުއެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 63 ވަނަ މިނެޓުގައި ރަސްމުސް ހޮއިލުންޑް ވަނީ ލަނޑު ޖަހައި ނަޕޯލީ އަށް ލީޑު ފުޅާކޮށްދީފައެވެ. ހޮއިލުންޑް ތިރިތިރިން ފޮނުވާލި ބާރު ހަމަލާ، އޭސީ މިލާންގެ ކީޕަރަށް ދިފާއުކުރެވިފައެއް ނުވެއެވެ.
މުބާރާތުގެ ފައިނަލުގައި ނަޕޯލީ ބައްދަލުކުރަން ޖެހޭނީ މިރޭ އިންޓަ މިލާން އާއި ބޮލޯނިއާ ބައްދަލުކޮށްގެން މޮޅުވާ ޓީމަކާއެވެ.
ނަޕޯލީ އިން ވަނީ ތިން ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. ނަމަވެސް، 2014 ވަނަ އަހަރުގެ ފަހުން އެ ޓީމަށް މި މުބާރާތް ކާމިޔާބުކުރެވިފައެއް ނުވެއެވެ.
އިޓަލީ ސުޕަ ކަޕުގައި ވާދަކުރަނީ އެންމެ ފަހު ސީޒަނުގެ ލީގު ޗެމްޕިއަން އާއި ރަނަރަޕްގެ އިތުރުން ކަޕު ޗެމްޕިއަން އާއި ރަނަރަޕް ޓީމެވެ.


