ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ޒަމާނީ ސީސީޓީވީ މޮނިޓަރިން ކޮމާންޑް ސެންޓަރެއް ގާއިމުކޮށްފި އެވެ.
މި ސެންޓަރު ގާއިމުކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ޓަވަރު 9 ގައެވެ. މި ސެންޓަރަކީ ހުޅުމާލެއަކީ ރައްކާތެރި އަދި އަމާން ތަނަކަށް ހެދުމަށް ޓަކައި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގާއިމު ކުރި ސެންޓަރެކެވެ.
މި ސެންޓަރު ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއި، އާންމު ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކޮށް، ހިނގާ ކަންތައްތައް ވަގުތުން ބެލެހެއްޓުމުގެ ގާބިލިއްޔަތު އިތުރުކުރުން ކަމަށް އެޗްޑީސީން ބުނެ އެވެ. މި ސެންޓަރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގަމުންދާ އެންމެހާ ކަންކަން ވަގުތުން ބެލެހެއްޓޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފަ އެވެ.
މި ސެންޓަރު ބަލަހައްޓާނީ އެޗްޑީސީގެ އެސްޓޭޓް ސެކިއުރިޓީގެ މުވައްޒަފުންނެވެ. ހުޅުމާލޭގެ އާންމު ތަންތަނާއި، ޓަވަރުތަކުގެ ސެކިއުރިޓީ ބަލަހައްޓަން އެސްޓޭޓް ސެކިއުރިޓީގެ ހިދުމަތް އެޗްޑީސީން ތައާރަފް ކުރީ ދާދި ފަހުންނެވެ. އެޗްޑީސީއިން ބުނީ، އެސްޓޭޓް ސެކިއުރިޓީ ސާރވިސަސް ތަޢާރަފް ކުރުމުގެ އެންމެ ބޮޑު މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ މުދަލާއި، އަދި އަމިއްލަ ފަރުދުންގެ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކުރުން ކަމަށެވެ.
އެސްޓޭޓް ސެކިއުރިޓީގެ ދަށުން، ސެކިއުރިޓީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެންދާނެ ކަމަށާއި އެސްޓޭޓް ސެކިއުރިޓީ ސާރވިސަސް ތަޢާރަފްކުރުމުގެ ސަބަބުން ސެކިއުރިޓީ ޚިދުމަތްތައް އެއް މިންގަނޑަކަށް ގެނެސް، ފަސޭހަކަމާއެކު މޮނިޓަރކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެޗްޑީސީން ބުނެ އެވެ. މީގެ އިތުރުން، ސެކިއުރިޓީންނަށް ކަމާގުޅޭ ތަމްރީނުދީ، ޕްރޮފެޝަނަލްކޮށް މި މަސައްކަތް ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.
ސީސީޓީވީ މޮނިޓަރިން ކޮމާންޑް ސެންޓަރުގެ ދަށުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ތަންތަން ބެލެހެއްޓުމުގެ މަސައްކަތް 24 ގަޑިއިރު ކުރާނެ އެވެ. މި ހިދުމަތުގެ އެންމެ ބޮޑު އަމާޒަކީ ޒަމާނީ ފެންވަރަށް ސެކިއުރިޓީގެ ހިދުމަތް ފޯރުކޮށްދިނުމެވެ.



