އުރީދޫ ފަން ރަންގެ ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު ސެންޓްރަލް ޕާކުގައި ބާއްވަން ހަމަޖެހިފައިވާ ކުޑަކުދިންގެ ހަވީރު، މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފި އެވެ.
އުރީދޫން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މުސުން ގޯސްވުމުގެ ސަބަބުން މިއަދު ހަވީރު ބާއްވަން ހަމަޖެހިފައިވާ ފަން ރަންގެ ހަރަކާތްތައް ކެންސަލްކޮށްފައިވާ ކަމަށެވެ.
ކެންސަލްކުރި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ މިއަދު ހަވީރު 4:00 އިން 6:00 އަށެވެ. މިއީ ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވަން އުޅުނު ހަވީރެކެވެ. މި ހަވީރުގައި ކުޑަކުދިންގެ މެދުގައި މަގުބޫލު ރޮބޯމޭން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، ތަފާތު އިނާމުތައް ލިބޭ ގިނަ ގޭމުތަކެއް ވެސް ހިމެނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ފްރީ ފްލައިން އެސޯސިއޭޝަނުން މަކާއޯ ދޫނިތައް ދައްކާލުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ކުޑަކުދިންގެ މި ހަވީރު ކެންސަލް ކުރި ނަމަވެސް، ފަން ރަންއާ ގުޅުވައި، ބުރާސްފަތި ދުވަހުގެ ރޭ ޒުވާނުންނަށް ހާއްސަ މިޔުޒިކް ޝޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޝޯގައި ޓްރެފިކް ޖޭމާއި އިކުއެޓިކް ވައިބްގެ އިތުރުން ހަބޭސް އަދި ސިމްބޮލިކް ރެކޯޑްސް އިން ޕާފޯމް ކުރާނެ އެވެ. މި ޝޯ އޮންނާނީ އެރޭ 8 އިން 12 އަށެވެ.
އުރީދޫ ފަން ރަންގެ މައި ހަރަކާތް، ރަން އޮންނާނީ ހުކުރު ދުވަހު ހަވީރު ހުޅުމާލޭގަ އެވެ. މިއީ އުރީދޫން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަގުބޫލު ހަރަކާތެކެވެ.


