އޭޝިއާ ސަރަހައްދަށް އައި ތޫފާނުގެ ސަބަބުން ގެއްލުންވި ގައުމުތަކަށް އެމް-ފައިސާ މެދުވެރިކޮށް، އެއްވެސް ފީއެއް ނުނަގައި ބައިނަލްއަގުވާމީ މަނީ ޓްރާންސްފާ ކުރެވޭނެ ކަމަށް އުރީދޫ ފިންޓެކް މޯލްޑިވްސް އިން ބުނެފި އެވެ.
އުރީދޫން ބުނީ މި މަސް ނިމެންދެން އެއްވެސް ޓްރާންސްފާ ޗާޖެއް ނުނަގައި ވަގުތުން ވަގުތަށް އަދި ރައްކާތެރިކަމާ އެކު އެމް-ފައިސާ މެދުވެރިކޮށް ލަންކާ، އިންޑޮނީޝިއާ، މެލޭޝިއާ އަދި ތައިލެންޑަށް ފައިސާ ފޮނުވޭނެ ކަމަށެވެ. މި ހިދުމަތް ދިނުމުގެ މަގުސަދަކީ މި ސަރަހައްދުގެ މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކާއި މުޖުތަމައުތަކަށް އަވަސް އަދި ރައްކާތެރިކަމާ އެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އުރީދޫއިން ބުނެފައިވެ އެވެ.
އެމް-ފައިސާގެ އިންޓަނޭޝަނަލް މަނީ ޓްރާންސްފާ (އައިއެމްއާރު) ހިދުމަތަކީ މަނީގްރާމްއާ ޕާޓްނާވެގެން ދޭ ހިދުމަތެކެވެ. މި ހިދުމަތާ އެކު ކަސްޓަމަރުންނަށް ފޯނުން ވަގުތުކޮޅެއްގެ ތެރޭގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެ އެވެ. އެމް-ފައިސާއިން ދުވާލަކު 10,000 ޑޮލަރާ ހަމައަށް ޓްރާންސްފާ ކުރެވޭނެ އެވެ. ކަސްޓަމަރުން އެމް-ފައިސާ ވޮލެޓަށް ފައިސާ އެޅުމަށްފަހު، ކަސްޓަމަރުންގެ މައުލޫމާތު ފުރިހަމަކޮށް، ޑިޖިޓަލްކޮށް ޓްރާންސްފާ ފުރިހަމަކޮށް، ޑެލިވަރީ ސްޓޭޓަސް ބެލޭނެ އެވެ.
މި މަސައްކަތާ ގުޅޭގޮތުން އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވީ ރާއްޖެ އަކީ މި ސަރަހައްދުގެ އަވަށްޓެރި ގައުމުތަކާ ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ”ރާއްޖެ އަކީ ބިދޭސީންގެ އާބާދީ ބޮޑު ގައުމެއްގެ އިތުރުން ދިވެހި ގިނަ ބަޔަކު މި ސަރަހައްދުގެ އެކި ގައުމުތަކުގައި ދިރިއުޅެމުން ދާއިރު މިވަގުތަށް މިފަދަ ހިދުމަތަކީ މުހިންމު ކަމެއް“ ކަމަށެވެ.
މިފަދަ ހާލަތެއްގައި ފައިސާ ފޮނުވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އާއިލާތަކަށް އެހީތެރިވުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.



