ކަށިމިޔަރު މަސްވެރިކަން ހުއްޓުވަން ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.
މި ދުވަސްތޫރީ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަންގާރަ ދުވަހު، ތިމާވެށި ހިމާޔަތްކުރުމުގެ ކަންކަމުގައި ވަކާލާތު ކުރައްވާ ދެ ފަރާތަކުންނެވެ.
ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ހުމައިދާ އަބްދުއްޣަފޫރު / ހ.ޝޭޑީކޯނަރ، ކ.މާލެ އަދި މުހައްމަދު ސީނީން / މ. މާމުލި، ކ.މާލެ އެވެ. މި މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ވަކިގޮތެއް ނިންމާފައެއް ނުވެ އެވެ.
ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދީފައިވަނީ މިއަހަރުގެ ނޮވެމްބަރު 1 ވަނަ ދުވަހު އެވެ. ކަށިމިޔަރުގެ މަސްވެރިކަމަށް އެންމެ ގިނައިން ލައިސެންސް ދެވޭނީ 40 އުޅަނދަށް ކަމަށާއި، މަސްވެރިކަން ކުރެވޭނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށްކަމަށް ފިޝަރީޒް މިނިސްޓްރީން މީގެކުރިން ބުނެފައިވެ އެވެ.
މީގެއިތުރުން ކަށިމިޔަރު މަސްވެރިކަން ކުރެވޭނީ އަތޮޅު ދުނިން ބޭރުގެ ސަރަހައްދުތަކުގައި ކަމަށްވެސް ކަނޑައަޅާފައިވެ އެވެ. ކަށިމިޔަރުގެ މަސްވެރިކަމުގައި ހިފޭ ޙިމާޔަތްކޮށްފައިވާ އެއްވެސް ކަނޑުގެ ދިރުމެއް ބޭއްވުމާއި، ރައްކާކުރުމާއި، އެހެން އުޅަނދަކަށް ބަދަލުކުރުމާއި، ނުވަތަ ބަނދަރަށް އެރުވުން މުޅިން މަނާކުރެވިފައިވެ އެވެ. މިއީ ރާއްޖޭގެ ކަނޑުގެ މާޙައުލު ރައްކާތެރިކުރުމަށްޓަކައި އަޅާފައިވާ މުހިންމު ފިޔަވަޅެއްކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެ އެވެ.



