ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ޗައިނާ އީސްޓާން އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފި އެވެ.
މިކަން ފާހަގަކުރުމަށް މިއަދު ޓާމިނަލުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތުގައި އެ އެއާލައިންސްގެ ބޭފުޅުންނާއި އެމްއޭސީއެލްގެ އިސް އޮފިޝަލުން ބައިވެރިވެފައިވެ އެވެ.
ޓާމިނަލް 1 އިން ޗައިނާ އީސްޓާން އެއާލައިންސްއަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި ފަސިންޖަރުންނަށް ހަދިޔާ ދީފަ އެވެ.

މިއީ ޓާމިނަލް 1 އިން ހިދުމަތް ދޭންފެށި 30 ވަނަ އެއާލައިން އެވެ. އެމްއޭސީއެލްގެ އަމާޒަކީ، ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.



