އެމްޑީޕީ ކޯޅުން ؛ ދެންވާނީ ކިހިނެއް؟

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމާގުޅިގެން ހިނގަމުންމިދާ ކަންކަމަކީ ހަގީގަތުގައިވެސް އެމްޑީޕީއަށް ދަތި އުނދަގޫ ދުވަސްތަކެކެވެ. ވަގުތީ ޗެއާޕާސަނެއް ނެގުމުގެ ކަންކަމުގައި ޕާޓީގެ މަތިފަޑި ”ރޫޅިފައި“ ވާއިރު، މި ވަގުތު ބޯމަތިވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބާމެދު އެމްޑީޕީގެ ފޯކަސް ގެއްލިފައިވާކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ޗެއާޕާސަން ފައްޔާޒް އިސްތިއުފާ ދެއްވުމުން ވަގުތީ ޗެއާޕާސަނެއް އިންތިހާބު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވި އެވެ. ނަމަވެސް ބައްދަލުވުން ހޫނުވެ ނިންމާލަންޖެހުނީ ވަގުތީ ޗެއާޕާސަނެއް އިންތިޚާބު ނުކުރެވި އެވެ. ޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދަކީ މިވަގުތު ޕާޓީ ހިންގުމުގައި އެންމެ އިސްފަރާތެވެ.

ގައުމީ މަޖިލިސް ”ގަޑުބަޑުކުރީ“ ރިޔާސަތުން!

ވަގުތީ ޗެއާޕާސަން ހޮވުމަށް ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ ހޫނުވެ ނިންމާލިއިރު، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) ތައްޔާރުކޮށް ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުއަށް ފޮނުވި ސިޓީ އަދި ރިޕޯޓުގައި ބުނެފައިވަނީ ވޯޓު ގުނުމުގައި އިދާރީ މުވައްޒަފުންނަށް އޮޅުންތަކެއް އެރިކަމަށެވެ. އަދި ވޯޓު ގުނުމުގެ ކަންކަމުގައި ބައްދަލުވުން ހޫނުވެ، ބައްދަލުވުން ކުރިއަށްގެންދާނެ މާހައުލެއް ނެތުމުން ބައްދަލުވުން މެދުކަނޑާލި ކަމަށް ވިދާޅުވެފައިވެ އެވެ. ނަމަވެސް ވަހީދުގެ ރިޕޯޓުގައި ވިދާޅުވެފައިވަނީ ދިއްދޫ ދާއިރާގެ ރައީސް އަދި ކުރީގެ މެންބަރު އަބްދުﷲ ވަހީދު ވަގުތީ ޗެއާޕާސަންގެ މަގާމަށް އިންތިޚާބު ވެފައިވާ ކަމަށެވެ.

ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) / ފޮޓޯ: ދައުރު

ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު ސޮއިކޮށް ޕާޓީގެ ރައީސް ޝާހިދުއަށް ފޮނުވި ރިޕޯޓުގައި އެދިފައިވަނީ، ވަގުތީ ޗެެއާޕާސަންގެ މަގާމަށް ވަހީދު އައްޔަނު ކުރުމަށް އަޣުލަބިއްޔަތު ލިބުނު ނަމަވެސް ކަންހިނގާދިޔަގޮތުން މިކަމުގައި ޕާޓީގެ ރައީސް ހައްލެއް ހޯއްދަވައިދެއްވުމަށެވެ. ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރީގެ މެންބަރު އަބްދުﷲ ވަހީދު ހޮވުނުކަމަށް ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު ވިދާޅުވި ނަމަވެސް، ކުރީގެ މެންބަރު އަބްދުﷲ ވަހީދު ވަނީ އޭނާގެ ނަން އަނބުރާ ގެނެސްފަ އެވެ. އަދި ނަން އަނބުރާ ގެންނަނީ ”ޕާޓީގެ ޔުނިޓީ ހިފެހެއްޓުމަށް“ ކަމަށް ބުނެފައިވެ އެވެ.

ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދުގެ ސިޓީއާ ގުޅިގެން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ސޮއިކޮށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، ގައުމީ މަޖިލީހުގައި ”ރިޔާސަތުން ދެފަހަރު ދެގޮތަށް އަމަލުކުރުމުގެ ސަބަބުން، އެރޭގެ ޖަލްސާގެ ނިޒާމު ގެއްލި ހަމަނުޖެހުމަކަށް“ ދިޔަ ކަމަށެވެ. ޝާހިދުގެ ސިޓިގައި އެދިފައިވަނީ ގައުމީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްގެންދިއުމުގެ އިންތިޒާމުތައް ފުރިހަމަކުރުމަށްފަހު، ވަގުތީ ޗެއާޕާސަނެއް އިންތިހާބު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބާ ކައިރިވެފައިވާ މިވަގުތުގައި ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލޭނެފަދަ އެއްވެސް ކަމެއް ނުކުރުމަށް އަދި އެފަދަ ފުރުސަތެއް އެއްވެސް ފަރާތަކަށް ނުދިނުމަށްވެސް ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދުގެ ކިބައިން އެދިވަޑައިގެންފައިވެ އެވެ.

ޗެއާޕާސަންގެ މަގާމަށް އޮތް ވާދަވެރިކަން!

އެމްޑީޕީގެ ހުސް ވެފައިވާ ޗެއާޕާސަންގެ މަގާމަށް އެކި ފަރާތްތަކުން މިހާރުވެސް އަންނަނީ ޝައުގުވެރިކަން ފާޅު ކުރަމުންނެވެ. ފާޅުގައި މަގާމަށް ނިކުންނަވާނެކަން އަދި ހާމަކުރެއްވީ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމް އެކަނި އެވެ.

”ޖަވިޔަނި“އާ ވާހަކަ ދެއްކެވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރަކު ވިދާޅުވީ، ވަގުތީ ޗެއާޕާސަންގެ މަގާމަށް މާބޮޑު ވާދަވެރިކަމެއް ނެތް ކަމަށާއި ނަމަވެސް ގައުމީ މަޖިލިސް ހޫނުވީ ރިޔާސަތުން އަމަލުކުރިގޮތުން ކަމަށެވެ. އެމްޑީޕީ އަސާސީ ގަވައިދުގައި ޗެއާޕާސަން އިސްތިއުފާ ދީފިނަމަ ދެން އަމަލުކުރާނެ ގޮތުގެ ސާފު އިޖުރާއަތުތަކެއް ބަޔާންކޮށްފައި ނެތުމަކީ ދަތިތަކެއް ހުރިކަމެއް ކަމަށާއި އަދި ވަގުތީ ޗެއާޕާސަނެއް އައްޔަނު ކުރުމާއި ޗެއާޕާސަންގެ މަގާމަށް މީހަކު އިންތިހާބު ކުރާނެ މުއްދަތެއް ނެތުންފަދަ ކަންކަމަކީ އެތެރޭގެ ސިޔާސީ އޮއިވަރު ހޫނުވުމަށް ދިމާވާ ސަބަބެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ވަގުތީ ޗެއާޕާސަނެއް ނެގުމުގެ ކަންކަން މި ހަފުތާ ނުވަތަ އަންނަ ހަފުތާގެ ތެރޭގައި ނިމޭނެކަމަށް ގަބޫލުކުރެވޭ ކަމަށް ”ޖަވިޔަނި“އާ ވާހަކަ ދެއްކެވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވިދާޅުވި އެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބަށްފަހު ރިޔާސީ ޕްރައިމަރީގެ މަސައްކަތްތައް އެކަމަށް ޝައުގުވެރިވާ ބޭފުޅުން ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީ ރިޔާސީ ޓިކެޓުގެ ފުރުސަތު ބޮޑީ ކޮން ލީޑަރަކަށް؟

ކުރިމައްޗަށް ލޯކަލް ކައުންސިލް އިންތިހާބު އަދި ޗެއާޕާސަންގެ އިންތިހާބު އޮތްނަމަވެސް ޕާޓީގެ ބައެއް އިސް ބޭފުޅުންގެ އަމާޒު ހުރީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށެވެ. އެމްޑީޕީގެ އެތެރޭގައި އެކަމަށް އޮތް ވާދަވެރިކަން ފައްޔާޒްގެ އިސްތިއުފާއިންވެސް ހާމަވެ އެވެ. ފައްޔާޒް އިސްތިއުފާ ދެއްވަމުން ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އޭނާ ފާޅުކުރެއްވިފަހުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ގޮންޖެހުންތަކެއް ކުރިމަތިވާތީ މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ.

ސުވާލަކީ ޗެއާޕާސަންގެ މަގާމުފަދަ ބާރުގަދަ މަގާމެއްގައި ހުންނެވުމަށްފަހު އިސްތިއުފާ ދެއްވުމުން 2028 އާ ހަމައަށް ދާންވާއިރަށް ފައްޔާޒަށް މިހާރު އޮތް ތާއީދު ޕާޓީގެ ތެރޭގައި ހިފެހެއްޓިދާނެތޯ އޮތް ސުވާލެވެ. ”ޖަވިޔަނި“ އާ ވާހަކަ ދެއްކެވި އެމްޑީޕީގެ އިސް ބޭފުޅެއް ވިދާޅުވީ، ކައުންސިލް އިންތިހާބުގެ ކުރިން އަދި 2028 ގެ މާކުރިން ފައްޔާޒް މަގާމުން އިސްތިއުފާ ދެއްވުމަކީ ޕާޓީގެ ތެރޭގައި މިހާރު އޭނާއަށް އޮތް ތާއީދު ގެއްލުމުގެ ފުރުސަތު ބޮޑު ކަމެއް ކަމަށެވެ. ބާރުގައި ހުންނެވިއިރު ފައްޔާޒަށް އެކި ސަބަބުތަކާހެދި ޕާޓީގެ ތެރެއިން ތާއީދުއޮތްކަމަށް ފެނުނު ނަމަވެސް ފައްޔާޒްގެ ”އޮފު ކެނޑުމުގެ“ ފުރުސަތު ދެން ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު (ކ)، ފައްޔާޒް އިސްމާއިލް (ވ) / ފޮޓޯ: އެމްޑީޕީ

ރިޔާސީ ޕްރައިމަރީގެ ހަގީގީ ވާދަވެރިކަން ފެންނާނީ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ކަމަށާއި، ފައްޔާޒްގެ ”އޮފު ކެނޑުމުން“ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ފުރުސަތު ބޮޑު ކަމަށް ފެންނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އެމްޑިޕީގެ ރައީސް އަބްދުﷲ ޝާހިދު ކަމަށް ”ޖަވިޔަނި“ އާ ވާހަކަ ދެއްކެވި އެމްޑީޕީގެ އިސް ބޭފުޅެއް ވިދާޅުވި އެވެ. އެ ބޭފުޅާ ވިދާޅުވި ގޮތުގައި މީގެތެރެއިންވެސް އެންމެ ފުރުސަތު ބޮޑީ އެމްޑީޕީގެ ރައީސް ޝާހިދަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ ދެ ރައީސުންގެ ވާދަވެރިކަމުގައި އެމްޑީޕީއަށް ބޮޑު ދެ އިންތިޚާބެއް ގެއްލިފައި އޮތުމެވެ. 2023 ގެ ރިޔާސީ އިންތިޚާބު އަދި 2024 ގެ މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ގެއްލުނީ ދެ ރައީސުންގެ ވާދަވެރިކަމުގެ ސަބަބުންކަން ފާހަގަކުރައްވާ، ”ޖަވިޔަނި“ އާ ވާހަކަ ދެއްކެވި އެމްޑީޕީގެ އިސް ބޭފުޅާ ވިދާޅުވީ ”2028“ ދެ ރައީސުންގެ ވާދަވެރިކަމުގައި އެމްޑީޕީއަށް ގެއްލުމަށް ރައީސް ސޯލިހްވެސް އަދި ރައިސް ނަޝީދުވެސް ބޭނުންފުޅުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މިވަގުތަކީ އެމްޑީޕީއަށް އުނދަގޫ ވަގުތެއްކަމާމެދު ދެބަސްވެވޭކަށް ނެތެވެ. އެތެރޭގެ ވާދަވެރިކަމުގައި އެމްޑީޕީއަށް އިންތިހާބުތަކަށް ފޯކަސް ނުކުރެވި، އިދިކޮޅު ޕާޓީއެއްގެ ދައުރު އެންމެ ފުރިހަމައަށް އަދާނުކުރެވި އޮތުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށްވެސް އޮތް ދެރައެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް މުހައްމަދު ނަޝީދު އަބްދުﷲ ޝާހިދު އެމްޑީޕީ ފައްޔާޒް އިސްމާއިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ