ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެންމެ ޝަރަފްވެރި ދެ މަޤާމުކަމަށްވާ، ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑާއި ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަންގެ އެވޯޑު ރާއްޖެއިން ދިފާއުކޮށްފި އެވެ.
ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑަކީ 2020 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ކޮންމެ އަހަރަކުވެސް ހޯދަމުން އަންނަ އެވޯޑެކެވެ. މިއީ ޖެހި ޖެހިގެން މި އެވޯޑު ރާއްޖެއިން ހޯދި 6 ވަނަ ފަހަރެވެ. އަދި މިދިޔަ އަހަރު ރާއްޖެއިން މުޅިން އަލަށް ހޯދި ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަންގެ އެވޯޑު ރާއްޖެއިން ވަނީ ދިފާއުކޮށްފަ އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑެވެ. މި އެވޯޑުގައި ދުނިޔޭގެ ހުރިހާ ފަތުރުވެރި މަންޒިލުތަކެއް ވާދަކުރެ އެވެ. މި އެވޯޑު ކާމިޔާބުކުރާ ފަރާތްތައް ހޮވަނީ ސިނާއަތުގެ ތަޖުރިބާކާރުންނާއި، މުޅި ދުނިޔެއަށް ހުޅުވާލައިގެން ނެގޭ ވޯޓަކުންނެވެ.
ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ވިދިވިދިގެން ހަވަނަ އަހަރު ރާއްޖެއަށް ލިބުމަކީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެއަށް އޮތް އިތުބާރު ވަރުގަދަވެ، ރާއްޖެއަކީ މުޅި ދުނިޔެ ބަލައިގަންނަ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ބާރުލިބޭނެ މުހިންމު ކާމިޔާބީއެއްކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ބުނެ އެވެ. އަދި ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަންގެ އެވޯޑު ދެވަނަ އަހަރު ރާއްޖެއިން ކާމިޔާބުކުރުމަކީ ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށް ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުން ކުރާ މަސައްކަތްތައް ރަމްޒުކޮށްދޭ ކާމިޔާބީއެއްކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.
މި ކާމިޔާބީތައް ރާއްޖެއިން ހާސިލްކޮށްފައިވާއިރު، މިއަހަރަކީ ވެސް ފަތުރުވެރިކަމުގެ ރޮނގުން ރާއްޖެއިން މުހިންމު ރެކޯޑުތަކެއް ގާއިމްކޮށްފައިވާ އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް ދެމިލިއަން ފަތުރުވެރިން ޒިޔާރަތްކުރި މުއްދަތަށްވުރެ މަހެއްހާ ދުވަސް ކުރިން މިއަހަރުގެ ދެމިލިއަން ފަތުރުވެރިންގެ އަމާޒު ވަނީ ހާސިލް ވެފަ އެވެ. މިހާރު ރާއްޖެއިން ދަތުރުކުރަމުން އަންނަނީ 2.3 މިލިއަން ފަތުރުވެރިންގެ އަމާޒަށެވެ.
މިއަހަރުގެ ތެރޭގައި ވީއެމްސީން ވަނީ ރާއްޖެއިން ފަތުރުވެރިކަމުގެ އެންމެ މަތީ ފަންތީގައި ދެމެހެއްޓުމަަށް ގިނަ މަސައްކަތްތަކެއް ކޮށްފައިކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. އޭގެ ތެރޭގައި ފުޅާ ދާއިރާއެއްގައި އެމްބެސެޑާޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމާއި، ތަފާތު ގިނަ ޑިޖިޓަލް ކެމްޕޭންތަކެއް ކުރިއަށް ގެންދިއުމާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ބޮޑެތި އެކްސްޕޯތަކާއި ތަފާތު ފެއާ އަދި ރޯޑްޝޯތަކުގައި ރާއްޖެ ތަމްސީލްކުރުން ހިމެނެ އެވެ. މީގެ އިތުރުން ދުނިޔެ ބަލައިގަންނަ ބޮޑެތި ބްރޭންޑްތަކާ އެކު ޕާޓްނާޝިޕް ގާއިމްކުރުން ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ވީއެމްސީން އަންނަނީ 2026 ވަނަ އަހަރަށް އަމާޒުކޮށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވަމުންނެވެ. އެގޮތުން މުޅި އަހަރަށް އަމާޒުކޮށް ”އޯޝަން ނޭޝަން“ގެ ތީމުގެ ދަށުން ތަފާތު ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށް ވީއެމްސީން ބުނެ އެވެ.
ރާއްޖެއަށް ވޯލްޑް ޓްރެވަލް އެވޯޑްސްގައި ލިބުނު ކާމިޔާބީގައި މިދާއިރާގެ މަސައްކަތްތެރިންނާއި، ސަރުކާރުގެ ކަމާގުޅުންހުރި މުވައްސަސާތަކާއި، އާއްމު ފަރުދުންނާއެކު އެކު މުޅި ސިނާޢަތް ހިއްސާވާކަމަށް ވީއެމްސީން ބުނެ އެވެ. މިއީ ރާއްޖެއަކީ ފަތުރުވެރިކަމުގެ ލީޑިން ޕްރިމިއަމް ޑެސްޓިނޭޝަނުގެ ގޮތުގައި ބައިނަލްއަގުވާމީ ދުނިޔެ ބަލައިގަނެ މި ރޮނގުން އިތުރު ކަންކަން ހާސިލްވާނެ މުހިންމު ކާމިޔާބީއެއްގެ ގޮތުގައި އެ ކޯޕަރޭޝަނުން ދެކެ އެވެ.
ވިޒިޓް މޯލްޑިވްސް ވޯލްޑް ޓްރެވެލް އެވޯޑްސް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ފަތުރުވެރިކަން



