ދިވެހިރާއްޖެއާއި ތައިލެންޑާއި ދެމެދު ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ތައިލެންޑްގެ ކުޅިވަރު ވުޒާރާގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އަދި ތައިލެންޑް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ފަތުރުވެރިކަމާއި ކުޅިވަރާއި ބެހޭ ވަޒީރު ޕަތުޕޮންގު ޕޮންގުސަކުލް އެވެ. މި ރަސްމިއްޔާތުގައި ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުވާދު ތައުފީޤު ހިމެނޭހެން ރާއްޖޭގެ ވަފުދަކުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އިތުރުން މި ދާއިރާއިން މީހުން ތަމްރީނުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަސައްކަތުގެ ތެރޭގައި ކުޅިވަރުގެ ދާއިރާގެ މުވައްޒަފުން ބަދަލުކުރުމާއި ތަރައްޤީކުރުމުގެ އިތުރުން ކުޅިވަރުގެ ތަމްރީނާއި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ތަރައްޤީކުރުމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނެ އެވެ. މީގެ އިތުރުން ކުޅިވަރުގެ ވަސީލަތްތަކާއި ފެސިލިޓީތައް ތަރައްޤީކުރުމަށްވެސް މި އެއްބަސްވުމުގެ ދަށުން އެހީތެރިކަން ލިބިގެންދާނެ އެވެ.
މި އެއްބަސްވުމުގެ ދަށުން ތައިލެންޑްގެ ޑިޕާޓްމަންޓް އޮފް ފިޒިކަލް އެޑިއުކޭޝަނާއި ސްޕޯޓްސް އޮތޯރިޓީ އޮފް ތައިލެންޑް އަދި އެގައުމުގެ ނެޝަނަލް ސްޕޯޓްސް ޔުނިވަރސިޓީގެ ފަރާތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ރަސްމިއްޔާތުގެ ތެރެއިން ދެ ޤައުމުގެ ކުޅިވަރު ދާއިރާއިން ޚިޔާލާއި މަޝްވަރާތައް ބަދަލުކުރެވިފައިވެ އެވެ.
ރާއްޖެ - ތައިލެންޑް މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
