އައުޑް ޖިމް އާއި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކުގެ މަސައްކަތް މި އަހަރު ނުފެށި ހުރި 20 ރަށުގައި، އަންނަ އަހަރުގެ ތެރޭގައި މަސައްކަތް ފަށާނެ ކަމަށް ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓަރު ޑރ. އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން މިނިސްޓަރު ’ޖަވިޔަނި‘ އަށް ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވީ ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގައި އައުޓް ޑޯ ޖިމާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި ދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ވަޑައިގެންނެވި ވައުދުފުޅެއް ކަމަށެވެ. މި ވައުދުފުޅު ފުއްދެވުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ވަރަށް ގިނަ ރަށްރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމް ކުރުމަށް ހަވާލުކުރެވިފައިވާ ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި އަހަރު ހަވާލު ނުކުރެވި ބާކީ ހުރި ރަށްރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ހަވާލު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަޅުގަނޑު ހިތުން އަށާރަ ނޫނީ ވިހި ރަށަކަށް ވިހި ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ޤާއިމުކުރުމަށް މިހާރު ވަނީ އެކި ފަރާތްތަކާ ހަވާލުކުރެވިފައި. އަންނަ އަހަރު މި ދެންނެވި ބާކީ އޮތް ވިހި ރަށެއްގައި އަޅުގަނޑުމެން ޤާއިމުކުރާ ގޮތަށް މި އޮތީ، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރސްތައް ޤާއިމުކޮށް، އެތަން އިކުއިޕްކުރާ ގޮތަށް މި އޮތީ ހަމަޖެހިފައި.
މިނިސްޓަރު ރާފިއު ވިދާޅުވީ މި މަސައްކަތް ކުރުމަށް ހަވާލު ކުރި ބައެއް ރަށްރަށުގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ހެދުމަށް ރަނގަޅު އިމާރާތް އެބަ ހުރި ކަމަށާއި އެތަންތަން ރެނަވޭޓްކޮށް ބޭނުންވާ އިކުއިޕްމެންޓްތައް ލައިގެން ރަނގަޅު ފެންވަރަށް ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްގީ ކުރެވޭނެކަމަށެވެ. އެފަދަ ތަންތަން ހުރި ރަށްރަށުގައި އާ އިމާރާތް ގާއިމް ނުކޮށް އެފަދައިން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އައުޓް ޑޯ ޖިމް ގާއިމް ކުރާނީ ޒަމާނީ ފެންވަރަށް ކަމަށެވެ.
އޭގެތެރޭގައި މި ހުންނަނީ އިންޑޯ ޖިމްމާ، އެރޮބިކްސް ސްޓޫޑިއޯއާއި، ބޯޑް ގޭމްސް ކުޅެވޭނެ ހޯލަކަށް އަދި ޓެކްނިކަލް ލެކްޗަރސް ނަގައިދެން ރޫމް އެ ކްލާސްރޫމަކަށް މީޓިންގ ރޫމާއި އަދި އޮފީސް ބައެއް ހިމެނޭގޮތަށް.
މިނިސްޓަރު ވިދާޅުވީ މިފަދަ ތަންތަން ގާއިމް ކުރުމުގެ ބޭނުމަކީ އެކްޓިވް ސޮސައިޓީ އެއް ގާއިމް ކުރުން ކަމަށާއި މި ތަންތަނުން ސިއްހަތާއި ދުޅަހެޔޮކަމަށް ރަނގަޅު އަސަރުތައް ކުރާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ފިޒިކަލް އެކްޓިވިޓީސް އަކީ ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް ރަނގަޅު ކަމެއް ކަމަށެވެ. މުޅި މުޖުތަމައުގެ އެއްބައިވަންތަކަމާއި އެކުވެރިކަން އާލާވެގެންދާނެ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީ އެންމެ މައިގަނޑު އަސާސްތައް ކަމަށެވެ.
މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
