ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަނެއްގައި 9 ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އިކޮނޮމިކް މިނިސްޓްރީއާއި އިމިގްރޭޝަނާއި ކަސްޓަމްސްއާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖުމްލަ 11 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ބަލައި ފާސްކުރި ތަންތަނުގެ ތެރޭގައި ވިޔަފާރިކުރަމުންދާ ތަންތަނާއި އެކޮމޮޑޭޝަނަކާއި ގާ އެޅުމުގެ މަސައްކަތްކުރާ ތަނެއް ބެލި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުރާސްފަތި ދުވަހު ގެޒެޓްކުރި އިއުލާނެއްގައި ވަނީ، ރާއްޖޭގައި ގަވާޢިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން، އެފަދަ ވިޔަފާރިތައް ރިޕޯޓު ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.
އެ އިއުލާނާ ގުޅޭ ގޮތުން މިނިސްޓަރ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ އިޢުލާނު ކުރިތާ ފުރަތަމަ 41 ގަޑިއިރު ތެރޭ، ބިދޭސީން ގަވައިދާ ޚިލާފަށް ހިންގާ ކަމަށް ފާހަގަ ކުރެވޭ 29 ވިޔަފާރިއެއްގެ ރިޕޯޓު އާންމުން ހުށަހަޅައިފައިވާ ކަމަށެވެ.
ބިދޭސީން ބިދޭސީންގެ މައްސަލަ ކަސްޓަމްސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިމިގްރޭޝަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ދިވެހި ފުލުހުންގެ ޚިދުމަތް
