ސަރުކާރަށް ދެ އަހަރު ވީ އިރު ވެސް ފެނަކަ ކޯޕަރޭޝަން ހަމައަކަށް ނޭޅުވިގެން އުޅެނީ ކުރިން ވެފައި އޮތް އިހުމާލު ބޮޑުވުމުން ކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވެއްޖެ އެވެ.
ނަޖާހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައި މެންބަރަކު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ނަޖާހް ވިދާޅުވި ގޮތުގައި ފެނަކަ އަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ކޯޕަރޭޝަނަށް ބައެއް ހިދުމަތްތަކާއި ތަކެތި ފޯރުކޮށްދިން ފަރާތްތަކުގެ ލިޔެކިއުން ފުރިހަމަކޮށްފައި ނެތުމެވެ. އަދި ކުރީގެ ސަރުކާރުން ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ އެއްވެސް ޑޮކިއުމެންޓެއް ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ.
ނަޖާހު ވިދާޅުވީ ކުރީގެ އިހުމާލު ބޮޑުވުމުގެ ސަބަބުން މި ސަރުކާރަށް ދެ އަހަރު ވީއިރު ވެސް ކުންފުނި ހަމައަކަށް އެޅުވުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
”އޭރު ވެފައި އޮތް އިހުމާލު އަސްލު ވަރަށް ބޮޑު، ބޮޑުވީމާ އަޅުގަނޑުމެންނަށް، ދެ އަހަރު ވީއިރު މިސަރުކާރަށް މި ކުންފުނި ހަމައަކަށް ނޭޅުވިގެން، މިއުޅެނީ.“
ނަޖާހު ވިދާޅުވި ގޮތުގައި ފެނަކަ އަކީ ފައިސާ ހިންގުމަށް ބޭނުންވާ ހަމަވާ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުންޏަކީ މާބޮޑު ފައިދާއަކަށް މަސައްކަތް ކުރާ ބައެއް ނޫން ކަމަށް ވިދާޅުވެ ނަޖާހު ވިދާޅުވީ ހިދުމަތް ދިނުމުގައި ބުރޫ ނާރާ ވަރަށް ފައިސާ އެ ކުންފުންޏަށް ވަންނަ ކަމަށެވެ.
މީގެ އިތުރުން، ފެނަކައަށް ދަތިތައް ކުރިމަތިވެގެން އުޅޭ އަނެއް ސަބަބަކީ ކުރިން ގެނެސްފައި ހުރި ބައެއް ތަކެއްޗަކީ ފެންވަރު ދަށް ތަކެތި ކަމަށް ވުމެވެ.
ނަޖާހް ވިދާޅުވީ، ފެނަކައިގެ ހަރަދު ކުޑަކުރަން މިހާރު މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި، އެ ކުންފުންޏަށް ހިދުމަތާއި ތަކެތި ހޯދުމުގައި މިހާރު ބަލަނީ މާކެޓް ރޭޓަށް ކަމަށެވެ. މިއީ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
