މީހުންނަށް ގެއްލުންވާ ގޮތަށް ހުންނަ ގަސްތައް ކެނޑުމަކީ ދީނީ ނަޒަރުން ބަލާއިރު ހުއްދަ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް އެފަދައިން ވިދާޅުވެފައިވަނީ ވިލިމާލެއާ މާލޭގައި ހުރި ދުވަސްވީ ތިން ނިކަގަހެއް ކަނޑާލުމަށް ނިންމުމާ ގުޅިގެން ތިމާވެށީގެ ހިމާޔަތުގައި އަޑުއުފުލާ ބައެއް މީހުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެ ތިން ނިކަގަސް ކަނޑާލުމަށް ސަރުކާރުން ނިންމީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލެ އަދި މައްޗަންގޮޅީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުންތަކުގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެކަމަށް އެދުމާއި ގުޅިގެންނެވެ.
އެ ފާޑުކިޔުންތަކައި ގުޅިގެން ރައީސް ޑރ. މުއިއްޒުވެސް ވަނީ ވިލިމާލެއިން ނަގާ ދެ ނިކަގަހުގެ ބަދަލުގައި އެ ރަށުގައި 300 ގަސް އިންދާނެ ކަމަށް ވިދާޅުވެފަ އެވެ.
އިސްލާމީ ޢާއްމު އުޞޫލުން ބަލާއިރު ގަހެއް ކެނޑުމުގެ ކަންކަން ހާމަކޮށްދެއްވަމުން ޝަހީމް ވިދާޅުވި ގޮތުގައި މުޖުތަމަޢަށް ފައިދާވާގޮތަށް ހުންނަ ގަސްގަހާ ގެހި ކެނޑުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ. ވަކިން ޚާއްޞަ ގޮތެއްގައި އިންސާނުންނަށް ހިޔާ ނުވަތަ މޭވާ އާއި އެހެނިހެން ފައިދާތައް ލިބޭ ގަސްގަހާ ގެހި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް އިސްލާމް ދީން ނުހަނު ބާރު އަޅާ ކަމަށާއި ހަނގުރާމައިގެ ޙާލަތުގައި ވެސް ގަސްގަހާ ގެހި ކެނޑުމަކީ މަނާކޮށްފައިވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް، މީސްތަކުންނަށް ގެއްލުންވާ ގޮތައް ހުންނަ ގަސްގަހާ ގެހި، ނުވަތަ ގެއްލުންވާ ގޮތައް ހުންނަ ގޮފިތައް ކެނޑުމަކީ ދީނީ ނަޒަރުން ބަލާއިރު ހުއްދަ ކަމެއްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ޝަހީމް ވިދާޅުވީ ތިމާވެށި ރައްކާތެރިކުރުމަކީ ދީނުގައި ނުހަނު ބާރު އަޅުއްވާފައިވާ ކަމަކަށް ވީއިރު ވެސް، ޢާއްމު އުނދަގުލަކަށްވާ ގޮތަށް ނުވަތަ މީސްތަކުންގެ ގެއާއި ގެދޮރަށް ގެއްލުންވާ ގޮތައް ނުވަތަ ހިނގާ ބިނގާ އުޅޭ މީހުންނަށް ގެއްލުންވާ ގޮތަށް ހުންނަ ގަސްގަހާ ގެއްސާއި އެފަދަ ގަސްގަހުގެ ގޮފިތަކާއި މޫތައް ކެނޑުމަކީ ކުރުން ޖާއިޒު ކަމެކެވެ.
މިކަމުގެ ދަލީލު ދެއްވަމުން ޝަހީމް ވިދާޅުވީ ކީރިތި ރަސޫލާގެ ސުންނަތުން ވަަރިދުވެފައިވާ ހާދިސާއެއްގައިވާ ގޮތުން މީސްތަކުންނަށް ގެއްލުންވާ ގޮތަށް މަގުމަތީގައި ހުރި ގަހެއްގެ ގޮފި ނުވަތަ ގަހެއް ކަނޑާލުމުން، މާތް ﷲ އެކަން ކުރިމީހާއަށް ރަހުމަތްލައްވައި އޭނާގެ ފާފަތައް ފުއްސަވައި ދެއްވި ކަމަށެވެ. އަދި އިސްލާމީ ޝަރީޢަތުގެ އުޞޫލުތައް ބިނާވެގެންވަނީ ގެއްލުންތަކުން ސަލާމަތްކޮށް މީސްތަކުންގެ މަޞްލަޙަތު ދެމެހެއްޓުމުގެ މައްޗަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
ޝަހީމް އިތުރަށް ވިދާޅުވީ އެގަހެއް ދެމެހެއްޓުމާއި ނުދެމެހެއްޓުން ބިނާވެގެންވަނީ އެއިން ލިބޭ ފައިދާއާއި ގެއްލުމުގެ މައްޗަށް ކަމަށެވެ. އެއް ޒަމާނެއްގައި ފައިދާ ލިބޭ ގަހެއް، ފަހުން އެހެން މަޞްލަހަތަކާ ގުޅިގެން ކަނޑާލަން ޖެހިދާނެ ކަމަށާއި ނަމަވެސް ޢާއްމު އުނދަގުލަކަށް ނުވާ ގޮތަށް ހުންނަ ގަސްގަހާ ގެހި ބަލަހައްޓައި އެއަށް ރައްކާތެރިކަން ދިނުމަކީ އިސްލާމް ދީނުގައި ނުހަނު ބާރު އަޅުއްވާފައިވާ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެއްވެސް ސަބަބަކާ ނުލައި ހިޔާ ލިބޭ ގަހެއް ކަނޑައިލުމަކީ ފާފަވެރިވެދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
