ކުރީގެ ރައީސުންގެ އިނާޔަތް އެއް ލައްކައަށް ކުޑަކޮށް، ނައިބުންނަށް 30،000 ދިނުމަށް ފާސްކޮށްފި

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހަރަދު ކަނޑާލާ، އެ ބޭފުޅުން ދައުލަތުގެ އިތުރު މަގާމެއް އަދާކުރައްވާނަމަ ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިނުގަންނަވާ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. މެންބަރު ހުށަހެޅުއްވި އެ ބިލް މިއަދު މަޖިލީހުން ފާސްކޮށްފައި ވަނީ 68 މެންބަރުންގެ ވޯޓުންނެވެ.

މި އިސްލާހުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އެއް ދައުރެއްގައި އަދާކޮށްފައިވާ މީހަކު ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެނަމަ، އެ މަގާމު އަދާކުރާ މުއްދަތުގައި ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތް ނުލިބޭނެ ކަމަށެވެ. އަދި ދައުލަތުގެ އެނޫންވެސް މަގާމަކާ ހަވާލުވާނަމަ، އެ މަގާމެއް އަދާކުރާ މުއްދަތުގައި ކުރީގެ ރައީސުންގެ އިނާޔަތް ނުލިބޭނެ ކަމަށެވެ.

ކުރީގެ ރައީސަކު ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ، ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ މުއްދަތުގައި ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ލާޒިމުވެގެން ނުވާކަމަށް މި އިސްލާހުގައި ބުނެފައިވެ އެވެ. އަދި ގައުމަށް ދިމާވާ އިގްތިސާދީ ތަދުމަޑުކަމަކާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކޮންމެހެން ކުޑަކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، އިނާޔަތްތަކަށް ބަދަލުގެނައުމުގެ އިޚްތިޔާރު ސަރުކާރަށް ލިބިގެންވާ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އަދި މިފަދަ ބަދަލެއް ގެންނަންޖެހޭނަމަ، އެފަދަ ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއެއް ހޯދުމަށް މަޖިލީހަށް ހުށަހެޅިދާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

މި އިސްލާހުގެ ތެރެއިން ހުށަހަޅާފައިވާ އެންމެ ބޮޑު އެއްކަމަކީ، ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހަރަދު އުނިކުރުމެވެ. ކުރީގެ ރައީސުންނަށް އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި މިހާރު މަހެއްގެ މައްޗަށް 175،000 ރުފިޔާއާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދެ އެވެ.

ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ އެ މާއްދާ އުވާލާށެވެ. އެހެންވެ، ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުން ކުރަންޖެހޭ ހުރިހާ ހަރަދެއް އެ އިސްލާހު ފާސްވެއްޖެ ނަމަ އުވޭނެ އެވެ.

ކުރީގެ ރައީސުންނަށް މިހާރު ލިބޭ އިނާޔަތްތައް:

  • މާލީ އިނާޔަތް (މަހަކު):

    • އެއް ދައުރު: -/50,000 ރުފިޔާ

    • އެއް ދައުރަށްވުރެ ގިނަ ދައުރު: -/75,000 ރުފިޔާ

  • ދިރިއުޅޭ ތަނުގެ ޚަރަދު (މަހަކު):

    • ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅާ ދިރިއުޅުއްވާނެ ތަނުގެ ހުރިހާ ޚަރަދަކަށް: -/50,000 ރުފިޔާ ލިބިވަޑައިގަންނަވާނެ.

  • އިޖްތިމާޢީ މަސައްކަތްތަކަށް ހިނގާ ޚަރަދު (މަހަކު):

    • މުޖުތަމަޢަށް ފައިދާހުރި އިޖްތިމާޢީ މަސައްކަތްތައް ކުރުމަށްޓަކައި، އެބޭފުޅަކު ބޭނުންވެއްޖެނަމަ: -/175,000 ރުފިޔާ.

    • މި ޚަރަދު ހަމަޖައްސަނީ: މަސައްކަތް ކުރާނޭ އޮފީހެއް، މުވައްޒަފުންނާއި، އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައެވެ.

މިހާރު އޮތްގޮތުން ނަމަ މަހެއްގެ މައްޗަށް ދައުލަތުން ކުރީގެ ރައީސުންނަށް ނަަގުދު ފައިސާއިން އެކަނި އިނާޔަތުގެ ގޮތުގައި 275،000 ރުފިޔާދެ އެވެ. އަދި ދެ ދައުރު ފުރިހަމަކޮށްފައިވާނަމަ ޖުމްލަ 200،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. ނަމަވެސް މި އިސްލާހު ފާސްވެ ތަސްދީޤްކުރެއްވުމާއެކު ދެން ރައީސުންނަށް އިނާޔަތުގެ ގޮތުގައި މަހެއްގެ މައްޗަށް ލިބޭނީ 100،000 ރުފިޔާ އެވެ.

މީގެއިތުރުން މިއަދު ފާސްކުރި އިސްލާހުގައި ވަނީ ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމަށްވެސް ހުށަހަޅާފަ އެވެ. އެގޮތުން ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ކޮންމެ މަހަކު އިނާޔަތުގެ ގޮތުގައި 30،000 ރުފިޔާ ދިނުމަށް ވަނީ ހުށަހަޅާފަ އެވެ. ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ލިބިދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ހުށަހަޅާފައިވެ އެވެ. މި ޤާނޫނުގެ ދަށުން ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް އިނާޔަތް ލިބޭނީ ފަސް އަހަރުގެ ދައުރެއްގައި ރައިސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމުގެ ދައުރު ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ރައްޔިތުންގެ މަޖިލިސް ކުރީގެ ރަީސުންގެ އިނާޔަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ