ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ވެއްޓުނު، ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި، ޒުވާނުންކުރި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި އަބްދުﷲ މަހްޒޫމް މާޖިދު އާއި އައިޝަތު ޝިމަންއަށް ކުރި ދައުވާތައް ކުރިއަށް ނުގެންދިއުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.
މުޒާހަރާގެ ތެރެއިން އަބްދުﷲ މަހްޒޫމް މާޖިދު ހައްޔަރުކުރީ ފުލުހަކަށް ހަމަލާދޭން މަސައްކަތްކުރި ކަމުގެ ތުހުމަތުގަ އެވެ. އަދި އައިޝަތު ޝިމަން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގަ އެވެ.
މި މައްސަލައިގައި މަހްޒޫމްގެ މައްޗަށް ކުރަނީ ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އެވެ. އަދި ޝިމަންގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ. މި ދެމީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ 25 ޖޫން 2025 ގަ އެވެ.
ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ މި ދައުވާތައް މުރާޖައާކުރުމަށްފަހު، މި ދެ މީހުންގެ އިތުރު ކުށުގެ ރެކޯޑެއް ނެތަތީއާއި، މި މީހުންގެ އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާތީ އަދި މި ކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބާއި، މައްސަލައިގެ ހާދިސާގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތްކޮށް، މި ދައާވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
މިފަހުން ޕީޖީ އޮފީހުން ވަނީ އެމްޑީޕީން ކުރިއަށްގެންދިޔަ ބޮޑު މުޒާހަރާއިން ހައްޔަރުކުރި 8 މީހަކަށް ދައުވާނުކުރަންވެސް ނިންމާފަ އެވެ. އެމީހުންގެ މައްޗަށް ދައުވާނުކުރަން ނިންމީ މުޒާހަރާކުރުމަކީ އަސާސީ ހައްގަކަށްވާތީ އާއި އެ މީހުން ކުރި އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައި ނުވާތީ އެވެ.
