ނުވާވަރު ކަމަކާ ހަވާލެއް ނުވާނަން: މަހުލޫފް

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއިން ޖަޕާނަށް ކަނޑައަޅާ ސަފީރުކަމާ ހަވާލުވަނީ ކުރިއަށް ވުރެ ރަނގަޅަށް މަސައްކަތްކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށާއި ނުވާވަރު ކަމަކާ ހަވާލު ނުވާނެ ކަމަށް ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ވަނީ ޖަޕާނަށް ކަނޑައަޅާ ސަފީރު މަހުލޫފާއި އިންޓަވިއު ކޮށްފަ އެވެ. މި އިންޓަވިއުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ ފޮރިން ދާއިރާގައި ސީދާ މަސައްކަތް ނުކުރެއްވި ނަމަވެސް ސިޔާސި މަސައްކަތްތައް ބޮޑަށް ކުރެވިފައި ހުރީ އެކި ގައުމުތަކުގެ ސަފީރުން އަދި ބޭރުގެ ގައުމުތަކާއި ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކާއެކު ކަމަށެވެ.

”ހަމަގައިމުވެސް އަޅުގަނޑު އަމިއްލަ ނަފުސަށް ޔަގީންވާ އެއްކަމެއް އެބައޮތް. އެއީ އަޅުގަނޑަށް ނުވާވަރު ކަމަކާ އަޅުގަނޑު ހަވާލެއް ނުވާނަން.“ މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ ޖަޕާނުގެ ސަފީރުކަމަކީ އޭނާއަށް ލިބުނު ހުށަހެޅުމެއް ކަމަށާއި މިކަމަށް އާނއެކޭ ބުނީ ކުރިއަށްވުރެ ރަނގަޅަށް މަސައްކަތްކުރެވޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ. އަދި މަހުލޫފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުތަކުގެ ތެރެއިން ދެއްވާ އިރުޝާދުތަކާއެއްގޮތަށް މަސައްކަތް ކުރުމުގައި ހުންނަވާނެ ކަމަށް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ އޭނާ މަގާމާ ހަވާލުވުމަށްފަހު ފުރަތަމަ މަސައްކަތަކަށް ވާނީ ވަޒީރުންނާ ބައްދަލު ކުރެއްވުން ކަމަށާއި، އަދި ވަޒީރުންނާ މަޝްވަރާކޮށް އިގްތިސާދު ހަރުދަނާ ކުރުމަށް އެހީއެއް ހޯދަންޖެހޭނަމަ އެކަންކަން ސާފުކުރައްވާނެ ކަމަށެވެ. އަދި މަސައްކަތްތައް ބައްޓަންކުރާނީ ލިބޭ އިރުޝާދާއި ލިބޭ މައުލޫމާތުތަކުގެ އަލީގައި ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.

”އަޅުގަނޑާ ރައީސްއާ ފުރަތަމަ ބައްދަލުވިދުވަހު އަޅުގަނޑު ދެންނެވިން، ރައީސްއޭ އަޅުގަނޑަށް މި ފުރުސަތު ލިބިއްޖެކަމަށްވާނަމަ މީގެކުރިން މީހަކު ނުކުރާވަރަށް މި މަސައްކަތް ކޮށްދޭނަމޭ، އެ ޔަގީންކަން އަޅުގަނޑަށް އެބަ އޮތް.“ މަހުލޫފް ވިދާޅުވި އެވެ.

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް މަހުލޫފް އައްޔަނު ކުރުމަށް ރުހުން ދީފަ އެވެ. ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް ކުރީގެ މިނިސްޓަރު މަހުލޫފް އައްޔަނު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވަނީ ނޮވެމްބަރު 25 ވަނަ ދުވަހު އެވެ.

ހާރިޖީ ގުޅުންތަކުގެ ކޮމިޓީ ރައްޔިތުންގެ މަޖިލިސް އަހުމަދު މަހުލޫފް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ