ސްޓެލްކޯއިން ހިންގި ’ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން‘ ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.
ޖުމްލަ 7 ބެޗަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ކޯސް 116 ކަނބަލުން ވަނީ ފުރިހަމަކޮށްފަ އެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު އެވެ. ކޯހުގެ ބައިވެރިންނާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާ މުޙައްމަދާއި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާހް ޝަރީފާއި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢައިޝަތު މުޒްނާ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ މި އިލްމާއި ހުނަރާއި ތަމްރީނު ލިބެނީ އަންހެނުންނަށް ކަމަށް ވާތީ، މިއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ކަރަންޓުގެ މިފަދަ މަޢުލޫމާތުތައް އަންހެނުންނަށް ދަސްވެފައި ހުރުމަކީ ކަރަންޓުގެ ސަބަބުން ދިމާވާ ޙާދިސާއަކުން ގެއްލިގެންދާ ފުރާނަތައް ސަލާމަތް ކުރުމަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށް ވެސް ފަސްޓް ލޭޑީ ފާހަގަކުރެއްވި އެވެ. މިއީ އާއިލާގެ ސަލާމަތަށް ވެސް ލިބިގެންދާ ވަރަށް މުހިންމު ފައިދާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ކޯހަކީ އާންމުކޮށް ހުޅުވާލައިގެން 16 އަހަރުން މަތީގެ ކޮންމެ ކަނބަލަކަށްވެސް ބައިވެރިވެވޭނެހެން ކުރިއަށްގެންދިޔަ ކޯހެކެވެ. ސްޓެލްކޯއިން ބުނި ގޮތުގައި، މި ކޯހުގެ މަޤުޞަދަކީ ކަރަންޓުގެ ދާއިރާއަށް ކަނބަލުންގެ ހިތް ޖައްސުވައި، އެ ދާއިރާއިން ކުރިއަށްދިއުމަށް ހިތްވަރުދީ، ފިރިހެނުންނާއި އެއްހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ދާއިރާއަށް އަހުލުވެރިކޮށް، ހަރުދަނާ ބިންގަލެއް އަޅައިދިނުމެވެ. މި ކޯހުގައި ޓްރެއިނަރުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައި ވަނީ އެ ކުންފުނީގައި ތިބި މި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.
މި ކޯހުގެ ބައިވެރިންނަށް އުނގަންނައިދެވުނު މުހިންމު ބައިތަކުގެ ތެރޭގައި ގޭބީސީ ކަރަންޓު ވަޔަރުކުރުމުގެ އަސާސީ މަޢުލޫމާތާއި އަމަލީ ގޮތުން އެކަން ކުރާނެ ގޮތް ހިމެނެ އެވެ. އަދި ވަޔަރު ކުރުމަށް ބޭނުންވާ ސާމާނާއި، އެކި ބޭނުންތަކަށް ކަމުދާނެ ސޮކެޓް އަދި ނަރުގެ ސައިޒު ފަދަ މަޢުލޫމާތު ދީފައިވެ އެވެ.
މީގެ އިތުރުން، ގޭބިސީގައި އާންމުކޮށް ބޭނުންކުރާ ކަރަންޓު އާލާތްތައް ކަމުގައިވާ ބޮކި، ފަންކާ، ސްވިޗް، ޑީ ބޯޑް ފަދަ ތަކެތި ހަރުކުރުމާއި، ޑީ ބޯޑަށް ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްވެސް ކިޔައިދީފައިވެ އެވެ. ކަރަންޓު ސާމާނު ރައްކާތެރިކޮށް ބޭނުންކުރުމާއި، ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވިދާނެ ގޮތްތައްވެސް މި ކޯހުގައި ވަނީ ހިމަނާފަ އެވެ.
