ސުޕްރީމް ކޯޓާއި ސައުދީގެ ޖަސްޓިސް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

Advertisement

އެންމެ ފަސް

Advertisement

ވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ސަޢުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްއާ ދެމެދު، ޝަރުޢީ ދާއިރާގައި އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއް (އެމްއޯޔޫ) ގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި ސޮއިކުރެވުނީ ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޖުޑީޝަލް ކޮންފަރެންސްގެ ހަވާސާގަ އެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ. އަދި ސައުދީ އަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޖަސްޓިސް މިނިސްޓަރު ޑރ. ވާލިދު އަލް ސަމާނީ އެވެ.

މި ފަސް އަހަރުދުވަހުގެ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ޝަރުޢީ ދާއިރާގެ ގުޅުން ބަދަހިކޮށް، ތަޖުރިބާ ބަދަލުކުރުމަށް ވަރަށް ގިނަ ކަންކަން ހިމެނެ އެވެ. އޭގެ ތެރޭގައި ޝަރުއީ ނިޒާމުތަކާ ގުޅުންހުރި ގާނޫނީ އަދި އިދާރީ އުސޫލުތައް ހަރުދަނާކުރުން ހިމެނެ އެވެ. އަދި ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ޕްރޮފެޝަނަލް ގާބިލުކަމާއި ހުނަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން، ޝަރުއީ މަސައްކަތްތައް ކުރުމުގެ އުސޫލުތަކާއި ނިޒާމުތައް ހަރުދަނާކުރުމާއި، ދާއިރާއާ ގުޅޭ މައުލޫމާތާއި ތަޖުރިބާ އަދި ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްތަކާގުޅޭ މައުލޫމާތު ދެމެދުގައި ބަދަލުކުރުމަށް ވެސް މި އެއްބަސްވުމުގައި ލާޒިމުކުރެއެވެ. ތަޖުރިބާކާރުންނާއި ފަންނީ މާހިރުންގެ ދެމެދުގައި ޒިޔާރަތްތައް ބަދަލުކުރުމާއި އެ ފަރާތްތަކުގެ ހުނަރާއި ތަޖުރިބާ ހިއްސާކުރުން ވެސް މި އެއްބަސްވުމުގެ މުހިންމު ބައެކެވެ.

އެމްއޯޔޫގެ ދަށުން އިލްމީ އަދި ފަންނީ ކޮންފަރެންސްތަކާއި ސެމިނާތަކާއި މަޝްވަރާ ބައްދަލުވުންތަކާއި ތަމްރީނު ޕްރޮގްރާމްތައް އަދި މަސައްކަތު ބައްދަލުވުންތައް އިންތިޒާމުކޮށް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ޝަރުޢީ ނިޒާމުތައް އިތުރަށް ހަރުދަނާވެ، ފަނޑިޔާރުންގެ ފެންވަރު ރަނގަޅުކުރުމަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް ބެލެވެ އެވެ.

މިއީ ރާއްޖޭން، އަރަބި އިސްލާމީ ގައުމެއްގެ ޝަރުއީ ދާއިރާއާއެކު ވެވުނު މިފަދަ ފުރަތަމަ އެއްބަސްވުން ކަމަށް ވެއެވެ.

ރާއްޖެ - ސައުދީ ސުޕްރީމް ކޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ