ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައިވަނީ ވިލިމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓް ކާޓަންތަކެއް މަދުވެފައިވާ މައްސަލަތަކަކާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގަ އެވެ.
ވިލިމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓް ކާޓަންތަކެއް މަދުވެފައިވާ ދެ ވަކި މައްސަލައަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން މިހާރު އަންނަނީ ފުރިހަމަ ތަހުގީގެއް ކުރަމުންނެވެ.
މި ދެ މައްސަލައިގެ ތެރެއިން ފުރަތަމަ މައްސަލައަކީ، ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން 2025 މެއި 23 ވަނަ ދުވަހު ބިދޭސީއެއްގެ އަތުން ހޯދައި، ވިލިމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 32 ކާޓަން ސިނގިރޭޓާ ގުޅޭ މައްސަލައެކެވެ. މި ތަކެތި ކަސްޓަމްސްއާ ހަވާލުކުރުމަށްޓަކައި 2025 ނޮވެމްބަރު 12 ވަނަ ދުވަހު ބެލި އިރު، އޭގެ ތެރެއިން 6 ކާޓަން ސިނގިރޭޓް މަދުކަން ފާހަގަކުރެވުނެވެ.
މީގެ އިތުރުން، މި މައްސަލައިގައި ކަން ހިނގާފައިވާގޮތް ބަލަމުން ދަނިކޮށް، އިތުރު މައްސަލައެއް ފަޅާއަރާފައިވެ އެވެ. އެއީ 2024 ޑިސެމްބަރު 23 ވަނަ ދުވަހު ދެ ބިދޭސީއެއްގެ އަތުން ހޯދައި، ވިލިމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި 25 ކާޓަން ސިނގިރޭޓްވެސް ނެތްކަން ފާހަގަކުރެވުމެވެ. މި ދެ މައްސަލައިގައި ޖުމްލަ 31 ކާޓަން ސިނގިރޭޓް ގެއްލިފައިވާކަން ވަނީ އެނގިފަ އެވެ.
މި ދެ މައްސަލައިގެ ޖިނާއީ ތަހުގީގުތައް ވަކި މައްސަލަތަކެއްގެ ގޮތުގައި ކުރިއަށް ދާ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުންގެ ފަރާތުން ބުނެފައިވާ ގޮތުގައި، އެ ހިދުމަތުގެ އަހުލާގީ މިންގަނޑުތަކާއި އަސާސީ އުސޫލުތަކާ ހިލާފު މިފަދަ ކޮންމެ ކަމަކީ ބޮޑު އިސްކަމެއް ދީގެން ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަންކަމެވެ.
މިކަމަކީ ފުލުހުންގެ ފަރާތުން ފެންނަންޖެހޭ އަހުލާގާއި، ހަރުދަނާ މަސައްކަތުގެ ރޫހާ ކަނޑައެޅިގެން ހިލާފު ކަމެއް. ވީމާ، މިކަމުގައި ބައިވެރިވެފައިވާ ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހައި ކަންކަން މި ހިދުމަތުން ކުރާނެ.
ފުލުހުންގެ ޚިދުމަތުގެ ހުރުމަތް ކުޑަކޮށް އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް ފުރުސަތެއް ނުދޭނެ ކަމަށްވެސް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އެ މުއައްސަސާގެ މައިގަނޑު އަމާޒަކީ، ހުރިހާ މުވައްޒަފުންނަކީވެސް ޖަވާބުދާރީވުމާއި ނަޒާހާތްތެރިކަން ހިފަހައްޓައި ސާބިތުކަމާއެކު އިހުލާސްތެރި ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުން ކަމަށެވެ.
