މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ދެ ކޮންޓެއިނާ ސިނގިރޭޓުގެ މައްސަލަގައި ބިދޭސީއަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އެ މައްސަލައިގެ ތުހުމަތުގައި 10 ވަނަ މީހަކު ހައްޔަރު ކުރީ މިދިޔަ ބުދަ ދުވަހުގައި ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު އަލަމިން މިއާ، (36،އ) އެވެ. އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލައާއި ގުޅިގެން މިހާތަނަށް ހައްޔަރުކުރި މީހުން:
- މުހައްމަދު ވަހީދު، އެޕޯލޯ ކުންފުނީގެ އެއް ހިއްސާދާރު
- ހަސަން އަބްދުއްރަހްމާން، އެޕޯލޯގެ މުވައްޒަފެއް
- އާދަމް ވަހީދު، އެޕޯލޯގެ މުވައްޒަފެއް
- އަހުމަދު އާރިފް، ލޮޓަސްގެ ވެރިޔާ
- މުއާޒު އަލީ، މިފްކޯގެ ޖެނެރަލް މެނޭޖަރެއް
- ޒިވާރު އިސްމާއިލް، ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް
- އަހްމަދު ޝަހީމް، އެމްޕީއެލްގެ މުވައްޒަފެއް
- ހުސެން ސާމިހު، އެމްޕީއެލްގެ މުވައްޒަފެއް
- އަހުމަދު ފިރުސާން، އެމްޕީއެލްގެ މުވައްޒަފެއް
މި މީހުންގެ ތެރެއިން އާރިފް، މުއާޒް، ޒިވާރު އަދި ފިރުޝާންގެ އިތުރުން އާދަމް ވަހީދާއި މުހައްމަދު ވަހީދު ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް ދެ ކޮންޓެއިނާ ސިނގިރޭޓްގެ ވައްކަން
