އެންސްޕާއިން އޮފީސްއެއް ކުއްޔަށް ނެގުމުގައި ދައުލަތަށް އެންމެ ލޯލާރިއެއްވެސް ގެއްލުމެއް ނުވާނެ: ހީނާ

Advertisement

އެންމެ ފަސް

Advertisement

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އޮފީހެއް ކުއްޔަށް ނެގުމުގެ މުޢާމަލާތުގައި ދައުލަތަށް އެންމެ ލޯ ލާރިއެއްގެ ގެއްލުމެއްވެސް ނުވާނެ ކަމަށް އެންސްޕާގެ ސީއީއޯ އަދި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިކަން ހީނާ ހާމަކުރެއްވީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ބޮޑު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

މީގެ ކުރިން އެންސްޕާއިން އޮފީސް ކުއްޔަށް ނެގީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސްލަހަތު އޮތް ކަމަށް ބުނެވޭ އެމްއެމްޓީވީ ހިންގާ ކުންފުނި ”މޯލްޑިވްސް މީޑިއާ ހައުސް“ މެދުވެރިކޮށް ކަމަށް ބުނެ ތުހުމަތުތަކެއް ވަނީ ކުރިމަތިވެފައެވެ. މިކަމާ ގުޅިގެން ހީނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، ފަހުން އެ އެއްބަސްވުން ވަނީ ބާތިލްކޮށްފައެވެ.

މިރޭގެ ޖަލްސާގައި ހީނާ ވިދާޅުވީ، އެންސްޕާ ހިންގާނެ ތަނެއް ހޯދުމާ ގުޅިގެން އޭނާއަށް އަމާޒުކޮށް ދޮގު ވާހަކަތަކެއް ދައްކަމުން ދިޔަ ކަމަށެވެ. އަދި އެ އިމާރާތް ކުއްޔަށް ނެގުމުގެ ބިޑް ކުރީ އެންސްޕާ ނޫން ކަމަށާއި، އެ ބިޑްކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގެ ޓެންޑަރިން ޕްރޮސެސްގެ ތެރެއިން އެ މިނިސްޓްރީން ކަމަށް ހީނާ ވިދާޅުވި އެވެ.

”ބިޑް ކާމިޔާބުކުރި ފަރާތުން އެދިގެން ބިޑް ބާތިލުކުރިއިރު، އެ މުއާމަލާތުން ދައުލަތަށް އެންމެ ލޯ ލާރިއެއްވެސް ނުގެއްލޭ،“ ހީނާ ވިދާޅުވި އެވެ.

އެކަމާ ގުޅުވައި އޭނާ އަށާއި އޭނާގެ އާއިލާއަށް ނުހައްގުން ހަޖޫ ކިޔާފައިވާ ކަމަށާއި، އޭނާއަށް ކުރިމަތިވި ބަލި ހާލަތަކާ ގުޅުވައިގެން ވެސް ވާހަކަތައް ދެއްކި ކަމަށް ހީނާ ވިދާޅުވި އެވެ. އަދި މިފަދަ ކަންކަމާ ބަލި ހާލަތަކާ ގުޅުވާނީ އިންސާނިއްޔަތުކަން ކުޑަވުމުން ކަމަށް ވެސް ހީނާ ފާހަގަކުރެއްވި އެވެ.

”ޒާތީ ގޮތުން އަޅުގަނޑުގެ ސިއްހީ ހާލަތަށާ އަޅުގަނޑުގެ ސިފައަށްވެސް ހަޖޫ ކިޔާ އަޅުގަނޑު ކަހަލަ އަންހެނަކަށް ގޯނާ ކުރާނީ އިންސާނިއްޔަތު ކަމުގެ އެއްވެސް ޒައްރެއްގެ މިންވަރެއްވެސް ނެތީމަ،“ ހީނާ ވިދާޅުވި އެވެ.

މި ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް ޕީއެންސީ އިން ކުރިއަށް ގެންދިޔަ މި ބޮޑު ޖަލްސާގައި ރަށްރަށުން ވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ. މި ޖަލްސާގައި ޔަގީނުންވެސް 13000 މީހުން ތިބި ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ހީނާ ވަލީދު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ