ރައީސް މުއިއްޒު ޓްރޭޑްމާކް ބިލު ތަސްދީގު ކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޓްރޭޑްމާރކް ބިލު ތަސްދީޤުކުރައްވައިފި އެވެ.

މި ބިލަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި ފަންނުވެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ޓްރޭޑްމާރކް ރަޖިސްޓްރީކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް އެކުލަވާލެވުނު މުހިންމު ޤާނޫނެކެވެ. ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގާނޫނު ޝާއިޢުކުރެވިފަ އެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ނޮވެމްބަރ 10 ވީ ހޯމަދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާއިންނެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު އެވެ.

މި ބިލު ހުށަހަޅާ ސަބަބުގެ ގޮތުގައި ބުނެފައިވަނީ، ރާއްޖޭގައި އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ޤާއިމުކުރުމަށްޓަކައި ޓްރޭޑްމާރކް ރަޖިސްޓްރީކޮށްދިނުމާގުޅޭ ނިޒާމެއް ޤާއިމުކޮށް، ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުން ކަމަށެވެ. އަދި ރަޖިސްޓްރީކުރެވޭ ޓްރޭޑްމާރކާ ގުޅިގެން ޓްރޭޑްމާރކްގެ ވެރިފަރާތްތަކަށް ލިބިގެންދާނެ ޙައްޤުތަކުގެ ދާއިރާ ބަޔާންކުރުމާއި، ޓްރޭޑްމާރކްގެ ހައްޤަކަށް އަރައިގަންނަ އަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައް ބަޔާންކުރުންވެސް ހިމެނެ އެވެ.

މި ބިލުގައި ބުނެފައިވަނީ، ޓްރޭޑްމާރކްއަކާ ގުޅިގެން އެކްސްކްލޫޒިވް ހައްޤު ލިބިދެވޭނީ، އެ މާރކް ރަޖިސްޓްރީކުރުމުން ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާރކެއްގެ ވެރިފަރާތުގެ ހުއްދަ ހޯދުމަކާ ނުލައި އެ މާރކް ބޭނުންކުރުމުގެ ސަބަބުން އޮޅުންއެރުމުގެ ފުރުސަތު އޮންނަ ހާލަތްތަކުގައި، އެފަދައިން އެ ނިޝާނެއް ބޭނުންކުރުން ހުއްޓުވުމުގެ ފުރިހަމަ ހައްޤު، ރަޖިސްޓްރީކޮށްފައިވާ މާރކްގެ ވެރިފަރާތަށް ލިބިގެންވާ ކަމަށެވެ.

ބިލުގެ 33 ވަނަ މާއްދާގައި ބުނެފައިވަނީ، އެއްވެސް ފަރާތަކުން ޓްރޭޑްމާރކްގެ ޙައްޤަކަށް އަރައިގެންފިކަމަށް ނުވަތަ އެފަދަ ޙައްޤަކަށް އަރައިގަންނަން އުޅޭކަމަށް ޤަބޫލުކުރެވިގެން، މާރކްގެ ވެރިފަރާތުން ކޯޓަށް މައްސަލައެއް ހުށަހަޅައިފިނަމަ، އެކަން ހުއްޓުވުމަށް ވަގުތީ ފިޔަވަޅު އެޅުމަށް އަމުރުތައް ނެރެދިނުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށެވެެ. އަދި ގެއްލުމުގެ ބަދަލު ނަގައިދިނުމާއި، މި ބިލުގައި ބުނެފައިވާ އެހެން ފަރުވާތައް ނަގައިދިނުމުގެ ބާރުވެސް ކޯޓަށް ލިބިގެންވާ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާރކްތަކަށް ޚާއްޞަ އުސޫލެއް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި މި ޤާނޫނާއި ޤަވާއިދުގެ ދަށުން އެ ޓްރޭޑްމާރކްތައް އަލުން ރަޖިސްޓްރީކުރުމަށް ހުށަހެޅުން ލާޒިމްކުރެ އެވެ. އަދި، ބިލުގެ ދަށުން ހަދަންޖެހޭ އެންމެހާ ގަވާއިދުތައް، ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ހަދާ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ ތަޞްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 12 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް ޓްރޭޑް މާކް ބިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ