ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފައިސާ ޓްރާންސްފަރ ކުރުމަށް ފަސޭހަ އަދި އަވަސް ޚިދުމަތެއް ކަމަށްވާ ’ޕޭއެމްވީ ކިއުއާރ‘ ތަޢާރަފުކޮށްފި އެވެ.
މި އާ ފީޗާއަކީ ބޭންކުގެ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފައިސާ ފޮނުވުމާއި ބަލައިގަތުމުގެ ފުރުސަތު ހޯދައިދޭނެ ޚިދުމަތެކެވެ. މި ޚިދުމަތް ބޭނުންކޮށްގެން ފައިސާ ފޮނުވުމަށް ބޭނުންވާ ފަރާތުގެ ކިއުއާރ ކޯޑު ސްކޭންކޮށްގެން ފައިސާ ޓްރާންސްފަރ ކުރެވޭނެ އެވެ.
މި ޚިދުމަތް ތަޢާރަފުކުރުމާއެކު ބޭންކް އޮފް މޯލްޑިވްސް ވެގެންދާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް (އެމްޕީއެސްޑީ) މަޝްރޫގެ ދަށުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރި ފުރަތަމަ ބޭންކަށެވެ. މިކަމުން ދައްކުވައިދެނީ ރާއްޖޭގެ ޕޭމަންޓް ޓެކްނޮލޮޖީ ކުރިއަރުވައި، ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ބީއެމްއެލް އިން ދޭ އަހަންމިއްޔަތުކަން ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މަރުކަޒީ ބޭންކުން ވަނީ ޕޭމަންޓް ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް، އާ ޕޭމަންޓް ސްޓޭންޑަރޑްއާ އެއްގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށް އިރުޝާދު ދެއްވާފައި ކަމަށެވެ.
ރާއްޖޭގައި ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ ހައިސިއްޔަތުން، މި މަޝްރޫއަށް އަމަލުކުރަން ފެށުމުގެ ފުރަތަމަ ފިޔަވަޅު ބޭންކުން އެޅުމަކީ އަޅުގަނޑުމެން އުފާކުރާ ކަމެއް. މި އާ ފީޗާއާއެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބޭ ބޭންކިންގ އެކްސްޕީރިއެންސް އިތުރަށް ފުރިހަމަވެގެންދާނެ
މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، މި އާ ޚިދުމަތާއެކު ކިއުއާރ ކޯޑު ސްކޭންކޮށްގެން އެކައުންޓުތަކުން ފައިސާ ފޮނުވައި، އަދި ކިއުއާރ ކޯޑު ޖެނެރޭޓް ކޮށްގެން ފައިސާ ބަލައިގަނެވޭނެ އެވެ.
ބޭންކް އޮފް މޯލްޑިވްސް އަކީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 262 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ ބޭންކެކެވެ. ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލް ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް
