ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވ. ތިނަދޫއަށް ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަކުރުމަށްޓަކައި 600 ކިލޯވޮޓްގެ ޖެންސެޓެއް ގެންގޮސްފި އެވެ.
މި ޖެންސެޓް ގެންގޮސްފައިވަނީ ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު އަދި ޔަގީންކަން އޮތް ހިދުމަތެއް ފޯރުކޮށްދިނުމުގެ މަގްސަދުގަ އެވެ.
ސްޓެލްކޯ އިން ބުނެފައިވާ ގޮތުގައި، މިއީ އުމްރާނީ ގޮތުންނާއި ލޯކަލް ޓޫރިޒަމްގެ ދާއިރާއިން ވ. ތިނަދޫއަށް އަންނަމުންދާ ތަރައްގީ އާއި ގުޅިގެން ކަރަންޓުގެ ހިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ، އެކަމަށް ހައްލެއް ހޯދައިދިނުމަށްޓަކައި އަޅާފައިވާ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ތިނަދޫއަށް ގެންދިޔަ 600 ކިލޯވޮޓްގެ ޖަނަރޭޓަރު އިންސްޓޯލްކުރެވި، ކޮމިޝަން ކުރެވުމާއިއެކު ވ. ތިނަދޫގެ ކަރަންޓު ހިދުމަތް އިތުރަށް ފުރިހަމަވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ސްޓެލްކޯ އިން ވަނީ ޔަގީންކަން ދީފަ އެވެ. މިކަމުގެ ސަބަބުން ރަށުގެ އިގްތިސާދީ ހަރަކާތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ އެވެ.
ތިނަދޫއަށް ޖެނެރޭޓަރު ގެންދިޔުމުގެ މަސައްކަތަކީ، ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުންދާ ބޮޑު މަސައްކަތުގެ ބައެކެވެ. ސްޓެލްކޯއިން މީގެ ކުރިން ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން 6 ރަށެއްގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އާ 6 ޖަނަރޭޓަރު ސެޓް އެ ރަށްތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ވ. ތިނަދޫގެ އިތުރުން ކ. ގުރައިދޫ، އއ. ތޮއްޑޫ، އއ. މަތިވެރި، އދ. ދިގުރަށް، އަދި އއ. އުކުޅަހަށް ސްޓެލްކޯއިން ވަނީ ޖެންސެޓު ފޮނުވާފަ އެވެ. އަދި ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށް ކ. ވިލިމާލެއަށްވެސް ވަނީ 1،200 ކިލޯވޮޓުގެ ޖެންސެޓެއް ގެންގޮސްފަ އެވެ.
ސްޓެލްކޯގެ އަމާޒަކީ އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަކީ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް އޭގެ ފައިދާއާއި މަންފާ ލިބިގެންދާފަދަ ޚިދުމަތްތަކަކަށް ހެދުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
