އިފްތިތާހު ކުރި ހިދުމަތްތަކާއެކު ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަސޭހަ ވެގެންދާނެ: ފަސީހު

Advertisement

އެންމެ ފަސް

Advertisement

މިއަދު އިފްތިތާހު ކުރެވިގެންދިޔަ ހިދުމަތްތަކާއެކު ރާއްޖޭގައި ގަވާއިދާއި ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ފަސޭހަކަން ލިބިގެންދާނެ ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ، ކޮމިޝަނާ އޮފް ޕޮލިސް ’ރިޑަޔާޑް‘ އަހުމަދު ފަސީހު ވިދާޅުވެއްޖެ އެވެ.

އިމިގްރޭޝަންގެ ތިން ހިދުމަތެއް ޑިޖިޓަލައިޒްކޮށް އިފްތިތާހު ކުރުމަށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ފަސީހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ފޮނި ނަތީޖާ ފެންނަން ފަށާފައިވާ ކަމަށެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެންމެ ފުރަތަމަ ފެށިގެން އައިއިރު ޗެކް ކުރެވުނު ގިނަ ބިދޭސީން ތިބީ ދައުލަތަށް ދައްކަންޖެހޭ ވޯކް ޕާމިޓް ފީ ނުދައްކައި، ވޯކް ވިސާ ނެތި، މަސައްކަތް ކުރުމަށް ހުއްދަ ދީފައިވާ ސައިޓު ނޫން އެހެން ސައިޓެއްގައި ގަވާއިދާ ހިލާފަށްކަން ފަސީހު ފާހަގަކުރެއްވި އެވެ. ނަމަވެސް މިއަދު އެ މަންޒަރު ބަދަލުވާން ފަށާފައިވާ ކަމަށް ފަސީހު ވިދާޅުވި އެވެ.

”މި ފަހުން ކުރިއަށް ގެންދެވުނު ބޮޑެތި ރެއިޑް އޮޕަރޭޝަންތަކުގައި ޗެކް ކުރެވުނު ބިދޭސީންގެ ތެރެއިން 85 އިންސައްތަ ބިދޭސީން ތިބީ ގަވާއިދާ އެއްގޮތަށް. ދައުލަތަށް ދައްކަން ޖެހޭ ވޯކް ޕާމިޓް ފީ ދައްކައި ވޯކް ވިސާ ލިބިގެން.“ ފަސީހު ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމަކީ ރައީސް ގެ ވައުދުފުޅެއް ކަން ފަސީހު ފާހަގަ ކުރެއްވި އެވެ. އަދި މިއަދު އިފްތިތާހުކުރި ހިދުމަތްތަކަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އެންމެން ވެގެން ކުރާ މަސައްކަތްތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް ލިބިގެންދާ އިތުރު ފަސޭހަ ކަމަކަށްވާނެ ކަމަށްވެސް ފަސީހު ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިމިގްރޭޝަނާއި ފުލުހުން ހިމެނޭހެން ޓާސްކު ފޯސްއެއް އެކުލަވާލައި ބިދޭސީން ދިރިއުޅޭ ތަންތަނަށާއި ހިންގާ ކެފޭ އަދި ފިހާރަތައް އަންނަނީ ރެއިޑްކޮށް ބިދޭސީން ޗެކްކުރަމުންނެވެ. މި ރެއިޑް އޮޕަރޭޝަންތަކުގައި ގަވާއިދާ ހިލާފަށް އުޅޭ 9000 އަށް ވުރެ ގިނަ ބިދޭސީން އަނބުރާ އެމީހެއްގެ އަމިއްލަ ގައުމަށް ފޮނުވާލާފައި ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

އިމިގްރޭޝަން އިމިގްރޭޝަން ކޮންޓްރޯލާ އަޙުމަދު ފަސީހު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ