ރާއްޖޭން ބޭރުގެ ކާޑު މެޝިންތަކުން ކެނޑޭ ޑޮލަރު ލިމިޓް 1،000 އަށް ބޮޑުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭން ބޭރުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން ކާޑު މެޝިންތަކުން ކުރާ މުޢާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓް، މަހަކު 1,000 ޑޮލަރަށް އިތުރުކޮށްފި އެވެ.

މި ބަދަލާއެކު، ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ބޭރުގައި ޚަރަދުކުރެވޭ މިންވަރުވެސް ވަނީ މަހަކު 3,000 ޑޮލަރަށް އިތުރުކޮށްފަ އެވެ. މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ 11 ނޮވެންބަރު 2025 އިން ފެށިގެންނެވެ. ކަސްޓަމަރުންނަށް އިތުރު އެއްވެސް އެޕްލިކޭޝަނަކާ ނުލައި މި އާ ލިމިޓްތައް ވަގުތުން ބޭނުންކުރަން ފެށޭނެކަމަށް ބީއެމްއެލްއިން ބުނެ އެވެ.

މި ބަދަލުތައް ގެނެސްފައިވަނީ ބޭންކުގެ 43 ވަނަ އަހަރީ ދުވަހާ ދިމާކޮށް، ގައުމީ ޚިދުމަތުގައި 43 އަހަރު ހޭދަކޮށްފައިވާ ބީއެމްއެލް އިން ދިވެހިންނަށް އެހީތެރިވެ، ރާއްޖޭގެ ވިޔަފާރިތައް ހަރުދަނާކުރުމަށް ދޭ އިސްކަން ދައްކުވައިދިނުމުގެ ގޮތުންކަމަށް ބީއެމްއެލް އިން ބުނެ އެވެ. އަދި މި ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ބޭންކުގެ ޚިދުމަތް ހޯދާ ފަރުދުންނާއި ވިޔަފާރިތަކަށް ވެސް ލުއިފަސޭހަތަކެއް ހޯދައިދިނުމަށްކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން، ބީއެމްއެލް އިން ވަނީ ބީއެމްއެލް ކާޑު މެޝިންތަކުގައި ބޭނުންކުރާ ހުރިހާ ބީއެމްއެލް ޑެބިޓް ކާޑުތަކުން ނަގާ މާޗަންޓް ޑިސްކައުންޓް ރޭޓް (އެމްޑީއާރު) 2.5% އިން 1% އަށް ކުޑަކޮށްފަ އެވެ. މިއީ 2000 ވަނަ އަހަރު ޑެބިޓް ކާޑުގެ ޚިދުމަތް ތަޢާރަފުކުރި ފަހުން މި ރޭޓް ކުޑަކުރި ފުރަތަމަ ފަހަރެވެ. މި ބަދަލުގެ ސީދާ ފައިދާ މިހާރު ބީއެމްއެލްގެ ޕޭމަންޓް ޚިދުމަތްތައް ބޭނުންކުރާ 7,000 އަށް ވުރެ ގިނަ ވިޔަފާރިވެރިންނަށް ކުރާނެކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކުގެ ކާމިޔާބީ އާއި ބޭންކުގެ ވިޔަފާރި ކަސްޓަމަރުންގެ ކާމިޔާބީއާ ބޮޑު ގުޅުމެއް އޮންނަ ކަމަށެވެ.

އަހަރީ ދުވަހާ ދިމާކޮށް މުޅި ރާއްޖޭގެ ވިޔަފާރިތަކަށް ޚަރަދުތައް ކުޑަކޮށް، ފައިނޭންސަށް ފަސޭހައިން ވާސިލުވުމަށް މަގުފަހިކޮށްދިނުމަށް މި އެޅުނު ފިޔަވަޅާ މެދު އަޅުގަނޑުމެން ވަރަށް ބޮޑަށް ފަހުރުވެރިވަން. މާޗަންޓް ފީ %1 އަށް ކުޑަކުރުމަކީ ބޮޑު ބަދަލެއް. މި ބަދަލުގެ ސަބަބުން އެތައް ހާސް ވިޔަފާރިއަކަށް ބޮޑު ފައިދާއެއް ކުރާނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަން.

އެމްޑީއާރު ކުޑަކުރުމުގެ އިތުރުން، ބީއެމްއެލް އިން ވަނީ ވިޔަފާރި ކަސްޓަމަރުންނަށް މާލީ ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް، ރަހުނަކާ ނުލައި ދޫކުރާ އާ އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ފެސިލިޓީއެއް ތަޢާރަފުކޮށްފަ އެވެ. މި ފެސިލިޓީގެ ދަށުން، ވިޔަފާރިތަކަށް އެ ވިޔަފާރިއަކުން ފާއިތުވި ހަ މަސް ދުވަހު ބީއެމްއެލް ކާޑު މެޝިނުން ވިޔަފާރިކޮށްފައިވާ މިންވަރަށް ބަލައި، 2 މިލިއަން ރުފިޔާއާ ހަމައަށް އަވަސްގޮތެއްގައި ފައިސާ ލިބޭނެ އެވެ.

ބީއެމްއެލް ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ