ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ކަންކަން ”އިބިލީހު ކައިވެންޏަށް“ ވެފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފަ އެވެ. މި ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބައިވެރިވެވަޑައިގެންނެވިއިރު ކޮމިޓީގެ މެންބަރުންގެ ސުވާލުތަކަށް އޮޑިޓް އޮފީހުގެ ބޭފުޅުން ވަނީ ޖަވާބު ދެއްވާފަ އެވެ.
އެގޮތުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވަނީ 2023 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ 115 ބިލިއަންގައި ކަމަށާއި، 2026 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 158 ބިލިއަނަށް އަރާކަން ފާހަގަކުރައްވާފަ އެވެ. ދަރަނި އިތުރުވަމުންދާއިރު ދައުލަތަށް މިކަން ސަސްޓެއިން ކުރެވިދާނެތޯ މެންބަރު ސުވާލުކުރެއްވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އޮޑިޓަރ ޖެނެރަލް ނިޔާޒީ ވިދާޅުވީ، އަހަރުން އަހަރަށް ދައުލަތުގެ ދަރަނި އިތުރުވަނީ ޚަރަދުތައް ކުޑަނުކޮށް ޚަރަދު އިތުރުވަމުންދާތީ ކަމަށެވެ. ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތު ހުންނަނީ ސަސްޓެއިނަބަލް ލެވެލްއެއްގައި ނޫން ކަމަށާއި އެކަން އެންމެނަށްވެސް އެނގޭކަން ނިޔާޒީ ފާހަގަކުރެއްވި އެވެ.
ޚަރަދު ކުޑަކުރުމަށް ކުރީގެ ބަޖެޓްތަކުގައި ކަންކަން ހިމެނިނަމަވެސް އެކަންކަން ތަންފީޒުކުރުން ”ފަސްކުރަމުން ލަސްކުރަމުން“ ދާ ކަމަށާއި، ޚަރަދުތައް ކުޑަކުރުން ފަސްކުރެވޭނީ ކިހާ ހިސާބަކަށްތޯ ނިޔާޒީ ސުވާލު އުފެެއްދެވި އެވެ.
”ޚަރަދު ކުޑަކުރުމުގެ ކަންކަން މިހާރު މިހިރީ އިބިލީހުގެ ކައިވެންޏަށް، ހިސާބަށް ވާގޮތަށްވެފަ.“
ޚަރަދު ކުޑަކުރުމުގެ ކަންކަން ”ފަސްކުރަމުން ލަސްކުރަމުން“ ގޮސް، އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ޚަރަދު ކުޑަކުރުމަށް ކުރާނެ ކަންކަން ހިމަނާފައިވެސް ނެތް ކަމަށް ނިޔާޒީ ވިދާޅުވި އެވެ. އެހެން އަހަރުތަކުގެ ބަޖެޓްގައި، އަމަލު ނުކުރިނަމަވެސް ޚަރަދު ކުޑަކުރުމުގެ ކަންކަން ހިމަނާ ކަމަށާއި ނަމަވެސް މިފަހަރު އެކަން ހިމަނާފައި ނެތުމުން ނިޔާޒީ ކަންބޮޑުވުންފާޅުކުރެއްވި އެވެ.
”އުސޫލެއްގެ ގޮތުން [ޚަރަދު ކުޑަކުރުމުގެ ކަންކަން ބަޖެޓުގައި ނުހިމެނުން] ރަނގަޅު. ނުކުރާކަމެއް ޖައްސަވާނެ ކަމެއް ނެތް.“
ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަވަމުން ނިޔާޒީ ވިދާޅުވީ ޚަރަދުތައް ކުޑަނުކުރެވޭނަމަ ދަރަނި އަންސަސްޓައިނަބަލް ހިސާބަކަށް ދާނެ ކަމަށާއި އެހެންކަން ޚަރަދު ކުޑަކުރުމުގެ ކަންކަން ފަސްކުރާނީ ކިހާ ހިސާބަކަށްތޯ ވިސްނަންޖެހޭ ކަމަށެވެ.
ނިޔާޒީ ވަނީ މަޖިލީހުން ބަޖެޓް ފާސްކުރާއިރު މިދާއިރާއިން ކަމެއް ހިމެނެއްވުމަށް ލަފާއަރުވާފަ އެވެ. އެގޮތުން ބަޖެޓް ފާސްކުރާއިރު ފިނޭންސް މިނިސްޓްރީން ޚަރަދުތައް ކުޑަކުރެވޭނެ އުސޫލުތައް މަޖިލީހަށް ހުށަހަޅުއްވައިގެން އެކަންކަމާއެކު ބަޖެޓް ފާސްކުރެއްވުމަށް ނިޔާޒީ ހުށަހެޅުއްވި އެވެ. ނޫނީ ”މިކަން އަތްނުފޯރާ ހިސާބަށް“ ގޮސްދާނެ ކަމަށް އޮޑިޓަރ ޖެނެރަލް ނިޔާޒީ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް ބަޖެޓް 2026 ބަޖެޓް ކޮމިޓީ އޮޑިޓާ ޖެނެރަލް ދައުލަތުގެ ބަޖެޓް
