ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބާއްވަން ނިންމާފައިވާ ބޮޑު ޖަލްސާ އަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށްޓަކައި ކުރައްވާފައިވާ ގިނަ މަސައްކަތްތަކަށް ޝުކުރު ދެންނެވުމަށް ރައްޔިތުންގެ އެދުމުގެ މަތިން ބާއްވާ ބައްދަލުވުމެއް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
މި ބައްދަލުވުމަށް ދައުވަތު ދިނުމަށް މިއަދު ފެށި ހަރަކާތް ފެށުމަށް ފަހު މީޑިއާއަށް ދިން އިންޓަވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހް ވިދާޅުވީ ޕީއެންސީ ވެރިކަމާ ހަވާލުވުމަށްފަހު ދެ އަހަރާ ގާތްވެފައިވާއިރު، މުޅި ރާއްޖެއަށް އަމާޒުކޮށް ބޮޑު ބައްދަލުވުމެއް ބާއްވާފައި ނުވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްތަނަކުން ބައްދަލުވުމަށް އެދެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މި މަހުގެ 14 ވާ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބާއްވާ މި ބައްދަލުވުމުގެ މަޢުލޫމާތު މިދިޔަ ހަފްތާއިން ފެށިގެން މީޑިއާއަށް ހާމަކޮށްފައިވާ ކަމަށް ފަލާހް ވިދާޅުވިއެވެ.
ފަލާހް ވަނީ ހާއްސަކޮށް ރައީސް މުއިއްޒު މިދިޔަ ދުވަސްތަކުގައި ވަރަށް ގިނަ ގުނަ މަސައްކަތްޕުޅުތައް ކުރައްވާފައިވާ ކަން ފާހަގަކުރައްވައި، ރައްޔިތުން ބޭނުންވަނީ އެ މަސައްކަތްތަކަށް ޝުކުރު އަދާކުރަން ކަމަށް ވިދާޅުވެފަ އެވެ.
ޕީޖީ ލީޑަރު ވިދާޅުވީ، ރައީސް މުއިއްޒު ވަނީ މުޅި ރާއްޖޭގައި ތަރައްގީގެ ގިނަ ކަންތައްތަކެއް ފައްޓަވައި، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންނާ ބައްދަލުކުރައްވައި ގިނަ ކަންކަން ހާސިލުކުރައްވާފައި ކަމަށެވެ.
”އެހެންވީމަ އަޅުގަނޑުމެންގެ ރައްޔިތުން އެބަ ބޭނުންވޭ އަޅުގަނޑުމެންގެ އިއްޒަތްރެރި ރައީސުލްޖުމްހޫރިއްޔާއާ އެއްތަނަކުން ބައްދަލުވެ ރައީސަށް ހާއްސަ ޝުކުރެއް އަޅުގަނޑުމެންގެ ފަރާތުން ދަންނަވާލަން،“ ފަލާހް ވިދާޅުވި އެވެ.
މި ޖަލްސާއަށް މާލެ ސަރަހައްދުގެ (މާލެ، ހުޅުމާލެ، ވިލިމާލެ) ރައްޔިތުންނަށް ދައުވަތު އެރުވުމުގެ ހަރަކާތް މިއަދު ފަށާފައިވާ ކަމަށް ފަލާހް ވިދާޅުވި އެވެ. އަދި ޕާޓީގެ ލީޑާޝިޕާއި ރައީސްގެ އެދުމަކީ ހުރިހާ ލޮބުވެތި ރައްޔިތުން މި ޖަލްސާއަށް ވަޑައިގެން ދެއްވުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ޕީއެންސީގެ ފަރާތުން ހުރިހާ ރައްޔިތުންނަށް މި ދައުވަތު އަރުވާނެކަމަށް ފަލާހް ވިދާޅުވި އެވެ.
މީގެ އިތުރުން، މާލެ އަތޮޅުގެ އެކި ރަށްތަކަށް ވެސް ޕީއެންސީގެ ޓީމުތައް ދަތުރުކުރާނެ ކަމަށާއި، ސްޓިއަރިން ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކޮށް ދައުވަތު ކާޑު ބަހާނެ ކަމަށް ފަލާހް ވިދާޅުވި އެވެ. މި ހަރަކާތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށްދާނެ ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮންގްރެސް ޕާޓީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު
