މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް މިލިޓަރީ މަތިންދާ ބޯޓު ހޯދުމަށް ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
އެމްއެންޑީއެފްގެ ގަން އެއާރ ސްޓޭޝަން އިފްތިތާހު ކުރުމަށް އިއްޔެ އައްޑޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، 2040 ވަނަ އަހަރާ ހަމައަށްދާއިރު ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ގުނާލެވޭނީ ހުރިހާ ދާއިރާއަކުންވެސް ވަރުގަދަ މިލިޓަރީ ބާރެއް އޮވެގެން ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި އަންނަ އަހަރަކީ ވެސް މިލިއަޓަރީ ދާއިރާއިން ރާއްޖެ އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ އަހަރެއް ކަމަށެވެ.
އެގޮތުން އެމްއެންޑީއެފްގެ އެއާރ ކޯއަށް މިލިޓަރީ މަތިންދާބޯޓުތައް ހޯދުމަށް ނިންމާ އެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. މީގެއިތުރުން ސައިބާ ވަރފެއާއަށް އެމްއެންޑީއެފްގެ ކެޕޭސިޓީ އިތުރުކުރުމާއި ޓޯޓަލް ޑިފެންސް އީކޯ ސިސްޓަމެއް އެމްއެންޑީއެފްގައި ގާއިމުކުރުމަކީ އެމަނިކުފާނު ދެކޭ ދުވަހެއް ކަމަށް ރައީސް ވިދާޅުވި އެވެ.
”އެމްއެންޑީއެފްއަކީ ވަށާޖެހިފައިވާ، ހުރިހާ ގޮތަކުންވެސް މިޒަމާނުގެ ޓެކްނޮލޮޖީ ލިބިފައިވާ، ހުރިހާ މާނައެއްގައިވެސް މި ޤައުމު ހިމާޔަތްކޮށް މި ޤައުމު ދިފާއުކުރުމަށް ޖެހޭ ކޮންމެފަދަ ދަނޑިވަޅެއްގައިވެސް އެންމެ ކުރީސަފުގައި، އެންމެ ވަރުގަދައަށް މަސައްކަތްކުރެވޭނެ ވަރުގެ ކެޕޭސިޓީ ގާއިމުވެފައިވާ ފޯސްއަކަށް ހެދުމަކީ، އަޅުގަނޑުމެން އިރާދަކުރެވިއްޔާ އެވަރުގަދަ އަޒުމުގައިކޮށް ކާމިޔާބު ކުރާނެ ކަމެއް.“ ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް އަންނާނީ ރާއްޖެއަކީ ރައްކާތެރިތަނެއްކަމަށް އިންވެސްޓަރުންނަށް ގަބޫލުކުރެވޭނަމަ ކަމަށާއި، އިގްތިސާދަށް އިންވެސްޓްކުރާނެ ފަރާތްތައް އިތުރުވާނީ ސަލާމަތީގޮތުން ވަރުގަދަތަނަކަށް ރާއްޖެ ވެގެންކަމަށް ރައީސް ވިދާޅުވި އެވެ.
އިސްލާމީ ވަހުދަތު ކަށަވަރުކުރެވި، ގައުމު އިގްތިސާދީގޮތުން ހުޅުވާލުމަށްޓަކައި މިކުރެވޭ މަސައްކަތުގައި ރާއްޖޭގައި ވަރުގަދަ މިލިޓަރީ ބާރެއް އެމްއެންޑީއެފްގައި ގާއިމުވެފައިއޮތުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
