ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ ހާލަތު ރަނގަޅު ކުރެވޭނީ ސިމެންބަރުންގެ ނުފޫޒާއި ރިކުއެސްޓްތައް ހުއްޓުނު ދުވަހަކުން ކަމަށް މެނޭޖިން ޑިރެކްޓަރު (އެމްޑީ) ފާތިމަތު އާޝާން ވިދާޅުވެއްޖެ އެވެ.
އާޝާން މިހެން ވިދާޅުވީ އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމެއްގަ އެވެ.
އާޝާން މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް، އެފްއެސްއެމްގެ ވަޒީފާތަކަށް އެހާ ބޮޑު ޑިމާންޑެއް އޮންނަނީ ކީއްވެގެންތޯ ސުވާލު ކުރެއްވުމާ ގުޅިގެންނެވެ. ޖަވާބުގައި އާޝާން ފާހަގަކުރެއްވީ އެފްއެސްއެމްގެ ހާލަތު ރަނގަޅު ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ސިޔާސީ ފަރާތްތަކުގެ ކޯލުތަކާއި ރިކުއެސްޓްތައް ކަމަށެވެ. އެގޮތުން އޭނާ އަށާއި އެ ކުންފުނީގެ ސީއޯއޯ މުހައްމަދު މުރާދަށް ގުޅުއްވައި ނުފޫޒު ފޯރުވަމުން އަންނަ ކަމަށް އާޝާން ވިދާޅުވި އެވެ.
އާޝާން ވިދާޅުވީ ކުންފުނީގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި މުވައްޒަފުންނާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހުރަސް އެޅެމުންދާ ކަމަށެވެ. އޭނާ ވަނީ ކޮމިޓީގެ މެންބަރުންގެ ކިބައިން ނުފޫޒުތައް ހުއްޓާލުމަށް އެދިވަޑައިގެންފަ އެވެ.
”އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ދެމީހުންނަށް މިއަންނަ ރިކުއެސްޓުތައް ހުއްޓުނު ދުވަހަކުންހެން މިކަން ކުރެވޭނީ. އަޅުގަނޑުމެން މީހަކު ކަނޑާލަން ބޭނުންވާ ހިނދެއްގައި ކަނޑާލެވޭ ގޮތަށް ކަންކަން، މި މޭޒުވާށާ ތިއްބެވި ހުރިހާ ބޭފުޅުން އަޅުގަނޑުމެންނަށް އެހީތެރިވެގެންނޭ އެކަން ކުރެވޭނީ،“ އާޝާން ވިދާޅުވި އެވެ.
އެމްޑީ އާޝާން އިތުރަށް ވިދާޅުވީ، ކުންފުނި ހިންގަން ތިބޭ ދެމީހުންނަށް ސިޔާސީ އެއްވެސް މީހަކު ގުޅަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ. އަދި މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނުވަތަ އެ މައްސަލައެއް ޕޮލިހަށް ހުށަހަޅަން ބޭނުންވާ ހިނދެއްގައި އެއްވެސް ބޭފުޅަކު އެ ދެ ބޭފުޅުންނަށް މެސެޖެއް ވެސް ނުކޮށްލުމަށް އާޝާން އެދިވަޑައިގަތެވެ. އެފަދަ ނުފޫޒުތަކެއް ނެތިއްޔާ ކުންފުނީގެ ކަންކަން ތަންފީޒު ކުރުމަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާޝާން ވަނީ ކުންފުނީގެ ހާލަތު ރަނގަޅު ކުރުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވަމުން އަންނަ ކަމަށް ވެސް ފާހަގަކުރައްވާފަ އެވެ. ކުރިން ފޯނު ކޯލެއް އައުމުން މުވައްޒަފު ބަދަލުކުރާ ގޮތަށް އޮތް އުސޫލު މިހާރު ބަދަލުކޮށްފައިވާ ކަމަށާއި، މުވައްޒަފުން ގިނަވެފައިވާ އުޅަނދުތަކުން މުވައްޒަފުން މަދުކޮށް، ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެކަންކަން މޮނިޓާކޮށް ބަލަހައްޓަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް މާލިއްޔަތު ކޮމެޓީ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)
