ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ ބާޖުތަކުން ވަގަށް ތެޔޮ ވިއްކާ މައްސަލަ ބޮޑުވެ، އެ މައްސަލަ ހައްލުކުރުމަށްޓަކައި ބާޖުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމައިފި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރުން ސުވާލުތަކަށް ޖަވާބު ދެއްވަމުން އާޝާން ވިދާޅުވީ، ބާޖުތަކުން ވަގަށް ތެޔޮ ވިއްކާ މައްސަލަ ބޮޑުވެ މިފަހުން ދެ ބާޖެއްގެ ހުރިހާ ފަޅުވެރިން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި މިހާރު ޕައިލެޓް ޕްރޮޖެކްޓްއެއް ފަށާފައިވާ ކަމަށް އާޝާން ފާހަގަކުރެއްވި އެވެ.
އާޝާން ވިދާޅުވީ، ބޯޑުން ވަރަށް އަވަހަށް ސީސީޓީވީ ކެމެރާ ހަރުކުރުމަށް ފާސްކޮށްފައިވާ ކަމަށާއި، ސީސީޓީވީ ކެމެރާ ހަރުކުރީމާ ބޭނުންވެއްޖެ ހިނދެއްގައި ވަގުތުން މޮޑަމް މެދުވެރިކޮށް ބާޖުތަކުގެ ހަރަކާތްތައް ބަލާލެވޭނެ ކަމަށެވެ. މިހާރު ވެސް ދެ ބާޖެއްގައި މޮޑަމް ހަރުކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު ބާޖުތަކުގައި ވެސް މޮޑަމް ހަރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސީސީޓީވީ ހަރުކުރުމުގެ އިތުރުން، އުޅަނދުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކޮންމެ ތިން މަހަކުން ބަދަލު ކުރުމަށް ވެސް ނިންމާފައިވާ ކަމަށް އާޝާން ވިދާޅުވި އެވެ. އާޝާން ވިދާޅުވީ، ވައްކަން ކުރުން އިތުރުވީ މިހާތަނަށް އެކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނެތުމުން ކަމަށާއި، ނަމަވެސް ދެން އެކަން ދޫކޮށްނުލައްވާނެ ކަމަށެވެ.
އުޅަނދުތައް ވަރަށް ކައިރިން މޮނީޓާކޮށް، ޓްރެކްކޮށް، ތެޔޮ ބޭނުންކުރާ މިންވަރު (ރަނިން ފިއުލް ކޮންސަމްޕްޝަން) ބައްލަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދެ ފަރާތުގެ މުވައްޒަފުން ގުޅިގެން އެކަހަލަ ކަމެއް ކުރިޔަ ނުދިނުމަށްޓަކައި، ކަސްޓަމަރު ކުންފުނިތަކުގެ މުވައްޒަފުން ވެސް ރޮޓޭޓް ކުރުމަށް އެ ކުންފުނިތަކަށް އަންގަވާފައިވާ ކަމަށް އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)
