ފައިސާގެ މައްސަލައެއް ނުޖެހޭނެ، 21 ދުވަސް ތެރޭ މަސައްކަތް ފަށަން ޖެހޭނެ: ރައީސް މުއިއްޒު

Advertisement

އެންމެ ފަސް

Advertisement

އަމިއްލަ ކުންފުނިތަކާ ސަރުކާރުން މިއަދު ހަވާލު ކުރި 206 މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދުން ފެށިގެން 21 ދުވަސްތެރޭ ފަށަން ޖެހޭނެކަމަށާއި، މަސައްކަތުގެ އުޖޫރައަށް ވާ ފައިސާ ދިނުމުގައި އެއްވެސް މައްސަލައެއް ނުޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ތާރީހުގައި އެއްދުވަހެއްގައި އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރި ތާރީހީ ދުވަހަކީ މިއަދެވެ. ސަރުކާރުން މި މަޝްރޫއުތައް ހަވާލުކުރީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުގެ ދަށުން 53 ކުންފުންޏަކާ އެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިއީ ދިވެހި ރައްޔިތުންގެ އަމިއްލަ ކުންފުނިތަކާ އެންމެ ގިނަ މަޝްރޫއުތައް ހަވާލުކުރެވުނު ތާރީހީ ދުވަސް ކަމަށާއި، މިއީ ރާއްޖޭގެ އިގްތިސާދު ރަނގަޅު މިސްރާބަކަށްދާ ކަމުގެ ހެއްކެއް ކަމަށެވެ.

ރައީސް ވަނީ މި މަސައްކަތްތަކުގެ ސަބަބުން ދިވެހި ކުންފުނިތައް ކޮޅަށް ޖެހި، ހާއްސަކޮށް އިމާރާތް ކުރުމުގެ ދާއިރާ ކުރިއަރައިގެން ދާނެކަން ފާހަގަކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އަމިއްލަ ކުންފުނިތަކަށް ފައިސާ ދިނުމުގައި ކުރިން ލަސްތަކެއް ދިމާވި ނަމަވެސް، މިއަދު މަސައްކަތް ހަވާލުކުރި ކުންފުނިތަކަށް ފައިސާގެ އެއްވެސް މައްސަލައެއް ނުޖެހޭނެކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވި އެވެ. އެހެންކަމުން އެއްބަސްވުމުގައިވާ ގޮތަށް މަސައްކަތް ކުރިޔަށް ގެންދަން ކުންފުނިތަކަށް މަޖުބޫރުވާނެކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މި މަޝްރޫއުތައް ހަވާލުކުރުމުގައި ކުންފުނިތަކުގެ ގާބިލުކަން ވަޒަންކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން 206 މަޝްރޫއު ހަވާލުކުރި 53 ކުންފުނިންވެސް ތިން އަހަރުގެ ”އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓް“ ހުށަހަޅާފައިވާކަމަށް ރައީސް ވިދާޅުވި އެވެ. އެ ސްޓޭޓްމަންޓު ހުށަހަޅައިގެން ނޫން ގޮތަކަށް އެއްވެސް ކުންފުންޏަކަށް މިއަދު ސޮއިކުރި މޭޒާ ހަމައަށް ނާދެވުނު ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި މަޝްރޫއުތައް ވަރަށް ހަލުވި ދުވެލީގައި އަދި ވަރަށް އެފިޝަންޓުކޮށް ކުރިއަށް ގެންގޮސް ނިންމާލެވޭނެ ކަމަށެވެ. އަދި މި މަޝްރޫއުތައް ހިންގުމުގައި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ފުރިހަމައަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވައި، އެއްބަސްވުމުގައިވާ މުއްދަތަށް މަސައްކަތް ފެށުމަށް ކުންފުނިތަކަށް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ