ރާއްޖޭގައި ކޮޅުވެއްޓި އާއި ބާޖު އަދި ޓަގްތައް އޮޕަރޭޓް ކުރުމުގައި ހަރަކާތްތެރިވަނީ އެ މަސައްކަތުގެ ޝަރުތު ހަމަނުވާ ކެޕްޓަނުން ކަމަަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން މިހެން ބުނެފައި ވަނީ، މާލޭގެ ވިޔަފާރި ބަނދަރުގައި އޮތް އާގުބޯޓަކުން މި މަހުގެ ދެ ވަނަ ދުވަހު ބޭލި ދެ އެކްސްކަވޭޓަރެއް އެރުވި ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި ދެ މީހަކު މަރުވި މައްސަލަ ހޫނުވެފައިވަނިކޮށެވެ.
މި ހާދިސާއާއި ގުޅިގެން އެމްޕީއެލްއިން ހިންގި އެތެރޭގެ ތަހުގީގުގެ ނަތީޖާ ވަނީ އާނމުކޮށްފަ އެވެ. މި ތަހުގީގަށް ރިއާޔަތްކޮށް އެމްޕީއެލުން ބުނީ، ކޮޅުވެއްޓިގެ ކެޕްޓަނަކަށް ހުރީ އެފަދަ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށާއި، އެ އުޅަނދު ބަންޑުންޖަހާލީ އޭނާ އެދިގެން އެކްސްކަވޭޓަރެއް އެއްފަރާތަކަށް ޖެއްސުމުން ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން ނެރުނު އިއުލާނުގައި ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ ކޮޅުވެއްޓި އާއި ޓަގާއި ބާޖު އޮޕަރޭޓް ކުރާއިރު ގަވާއިދާ އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން ނުރައްކާތެރި ގިނަ ހާދިސާތައް ވަނީ ހިނގާފައި ކަމަށެވެ. އެހެންކަމުން މިނިސްޓްރީން ބެލި ބެލުމުގައި ފާހަގަވީ، ލޭންޑިންކްރާފްޓާއި ބާޖާއި ޓަގު އޮޕަރޭޓް ކުރަނީ ކެޕޭސިޓީ ނެތް ކެޕްޓަނުން ކަމެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގައި ކެޕްޓަނުންގެ ގޮތުގައި ހަރަކާތްތެރިވެވޭނެ މީހުންގެ ޝަރުތުތައް އެ ކަމާ ގުޅޭ ގަވާއިދާ ހަވާލާދީ ހަނދާން ކޮށްދީފަ އެވެ. އެއީ ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް މުދާ ބަރު ކުރުމާއި މުދާ އުފުލުމާ ގުޅޭ ގަވާއިދެވެ.
އެ ގަވާއިދުގައިވާ ގޮތުން:
- ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގެ ތެރެއިން 100 ގްރޮސްޓަނުން ފެށިގެން ބޮޑެތި އުޅަނދުފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ 3،000 ގްރޮސްޓަނުގެ ކެޕްޓަނުންނަށް.
- ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ 24 މީޓަރަށް ވުރެ ދިގު ނުވަތަ 100 ގްރޮސް ޓަނޭޖާ ހަމައަށް ހުންނަ އުޅަނދުފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ނިޔަމި ކަމުގެ ސަނަދު އޮތް އަދި އެ އުޅަނދެއްގެ ގްރޮސް ޓަނޭޖާ އެކަށީގެންވާ ކެޕޭސިޓީގެ ޓަނޭޖުގެ ހުއްދަ ލިބިފައިވާ ކެޕްޓަނުންނަށް.
ކޮޅުވެއްޓި އާއި ބާޖު އަދި ޓަގްތައް ދުއްވަނިކޮށް އެކްސިޑެންޓުތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ވަނީ އެ ތަކެތީގެ ސައިޒަށް ބަލައިގެން މުދާ ބަރުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
