ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ރައްކާތެރިކުރުމަށްޓަކައި، އެމްއެންޑީއެފްގެ ފުރަތަމަ އެއާ ސްޓޭޝަން، ”ގަން އެއާ ސްޓޭޝަން“ގެ ނަމުގައި މިއަދު އިފްތިތާހުކޮށްފި އެވެ.
މި މަރުކަޒު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު، އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ގަން އެއާ ސްޓޭޝަން ހުޅުއްވައިދެއްވުމަށްފަހު، ރައީސް މުއިއްޒު ވަނީ އެތަން ވަރަށް ގާތުން ބައްލަވާލައްވާފަ އެވެ. މި އެއާ ސްޓޭޝަނަކީ ދިވެހި އަސްކަރިއްޔާގެ ވައިގެ ހިދުމަތްތައް ބެލެހެއްޓުމަށް އުފެއްދި އެމްއެންޑީއެފްގެ އެއާ ކޯގެ ދަށުން ގާއިމުކުރެވުނު ފުރަތަމަ ވައިގެ މަރުކަޒެވެ. މި މަރުކަޒު ގާއިމުކުރުމަކީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެ އެވެ.
މި އެއާ ސްޓޭޝަން ގާއިމުކޮށް، އެތަނުގެ ހިދުމަތް ފެށުމަށް ރައީސް މުއިއްޒު ނިންމެވީ މިމަހުގެ 3 ވަނަ ދުވަހު ނެރުއްވި ގަރާރަކުންނެވެ.
ރައީސް މުއިއްޒުގެ ގަރާރުގައި ވަނީ، މި އެއާ ސްޓޭޝަން ގާއިމު ކުރަނީ ދިވެހީންގެ ދީނާއި ދިވެހީންގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓާ ދެމެހެއްޓުމަށްޓަކައި ދިވެހި ރާއްޖޭގެ ވައިގެ ސަރަހައްދާއި ދިވެހި ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމަށާއި ދިވެހިރާއްޖޭގެ ސަރަހައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަން ޖެހޭ އޮޕަރޭޝަންތައް ހިންގުމަށާއި ގައުމީ އިސްތިރާޖީ ތަރުކީބުތަކާއި ނާގިދު ބިނާރުތައް ވައިގެ މަގުން ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީ އެމްއެންޑީއެފް ގަން އެއާ ސްޓޭޝަން
