ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ސ. ހުޅުދޫ އާއި މީދޫ ވެގެންދާނީ ދުބާއީ އާއި އަބޫދާބީއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އައްޑޫ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ދެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ޝާހިދު ވަނީ ރައީސް މުއިއްޒަށް ތައުރީފުކުރައްވައި، އެމަނިކުފާނަކީ އިހުލާސްތެރި، ވަފާތެރި އަދި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރެއްވި ވެރިޔާ ކަމަށް ސިފަކުރައްވައިފަ އެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ހުޅުދޫ އާއި މީދޫގެ ރައްޔިތުންނަކީ ސަރުކާރާއެކު ވަރަށް ބުރަކޮށް މަސައްކަތްކުރާ ބައެއް ކަމަށެވެ. އަދި މި ދެ ރަށް ތަރައްގީކުރުމުގައި ސަރުކާރުގެ ވަރަށް ބޮޑު އިސްކަމެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. ޝާހިދު ވަނީ މި ވާހަކައަކީ ސަމާސާ ވާހަކައެއް ނޫން ކަމަށާއި، ހަގީގަތުގައި މި ވެރިކަމުގައި މި ދެ ރަށް ބޮޑެތި ތަރައްގީއެއް ހޯދާނެ ކަމަށް ވިދާޅުވެފަ އެވެ.
”އަޅުގަނޑު ދޭން އޮތް ޔަގީންކަމަކީ މިއަދުގެ ސަރުކާރުން މާތްﷲ އިރާދަކުރެއްވިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި މި ދެރަށް ވެގެންދާނީ ދުބާއީ އާއި އަބޫދާބީއަށޭ. މިއީކީ ސަމާސާ ވާހަކައެއް ނޫން“
ޝާހިދު އިތުރަށް ވިދާޅުވީ، މި ދެ ރަށުގެ ރައްޔިތުން މާޔޫސްވާނެ އެއްވެސް ކަމެއް ނެތް ކަމަށާއި، ސަރުކާރުން ވައުދުވެފައިވާ ކަންކަމުގެ އިތުރުންވެސް ބައިވަރު ކަންކަން ރާވައިފައިވާ ކަމަށެވެ. އަދި މި ވާހަކަތައް ދައްކަނީ އިންތިހާބެއް އޮތުމަކުން ނޫން ކަމަށާއި، ރައީސްގެ ހިތްޕުޅުގައި މި ދެ ރަށުގެ ރައްޔިތުންނަށް ލޯބި އޮތް މިންވަރު އެންމެ ގާތުން ފެންނާނީ އޭނާއަށް ކަމަށް ވިދާޅުވި އެވެ.
ހުޅުދޫ އާއި މީދޫގެ މުހިންމުކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، ރާއްޖޭގެ ބިމުގެ ސައިޒަށް ބަލާއިރު، މި ދެ ރަށަކީ ރާއްޖޭގެ ފަސް ވަނައަށް އެންމެ ބިން ބޮޑު ދެ ރަށް ކަމަށާއި، އާބާދީގެ ނިސްބަތުން ބަލާއިރު ހަ ވަނައަށް އެންމެ އާބާދީ ބޮޑުވާނީ ހުޅުދޫ، މީދޫގައި ކަމަށެވެ. އެހެންކަމުން މި ދެ ރަށަކީ ނިކަމެތި ރައްޔިތުންތަކެއް ދިރިއުޅޭ ދެ ރަށް ކަމަށް ބައެއް ފަރާތްތަކަށް ހީވިޔަސް އެއީ ހަގީގަތެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ހުޅުދޫ އަދި މީދޫގެ ވަކި ކައުންސިލެއް އުފެދިގެންދިއުމަކީ މި ދެ ރަށުގެ ތަރައްޤީގެ ފެށުން ކަމަށެވެ. އަދި ހުޅުދޫ އާއި މީދޫގެ ތަރައްޤީއަށް ސަރުކާރުން އިސްކަން ދެއްވާނެ ކަމަށާއި، އަހަރުތަކެއްވަންދެން ބާކީ ކޮށްފައި ތިބި ބަޔަކަށް އިސްކަން ދިނުމަކީ ތަފާތު ކުރުމެއް ނޫން ކަމަށާއި، އެއީ އެންމެން ހަމަހަމަކުރުމުގެ ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ސ. ހުޅުދޫ ސ. މީދޫ
